(ސާދަވަނަ ބައި)
އައިރީން އޭނާގެ ކޮނޑުގެ ދެފަރާތުން ހިފައިލިއެވެ. މިކާޝް އޮޅުލައިގަތީ އައިރީންގެ ގައިގައެވެ.
"އަހަންނަކަށް ނުވިސްނޭ ތި ދައްކާ ވާހަކައެއް. ކުއްލިއަކަށް މަންމައާ ބައްދަލުކުރާން ބޭނުންވާ ސަބަބެއް ވެސް." އައިޝަމް ހާސްވާ ގޮތްވިއެވެ.
"ޕްލީޒް." އައިރީންގެ ގައިގައި ބައްދައިގެން އޮވެ ރޮމުން ގިސްލަމުން މިކާޝް ބުނެލިއެވެ.
"ކީއްވެހޭ؟" އައިޝަމް ސުވާލު ތަކުރާރުކޮށްލިއެވެ. "އަނެއްކާ ތިޔައީ މިކާޝްތަ؟"
ފުރަތަމަ ފަހަރަށް ޝައްކުގެ ނަޒަރުން މިކާޝްއާ ދިމާއަށް އައިޝަމް ބަލައިލިއެވެ.
"ޝައްކުވަނީތަ؟" މިކާޝް މޫނު ފޮހެލަމުން އައިޝަމްއާ ދިމާއަށް ޖެހިލިއެވެ.
"ޔަގީންކުރާން ބޭނުންވަނީ." އައިޝަމް މޭ ފުއްޕާލިއެވެ.
"ތީ ތީ... އަހަރެންގެ... އަހަރެންގެ ބޭ..." އައިޝަމްގެ ގައިގައި މިކާޝް އޮޅުލައިގަތެވެ.
މަންޒަރު ބަލަން އައިރީނަށް ހުރެވުނީއެވެ. އައިޝަމަށް ހުރެވުނީ މިކާޝް ދައްކާ ވާހަކައިގެ ހަގީގަތް ނޭނގިފައެވެ. ވާން އުޅޭ ގޮތެއް ވެސް ނޭނގިފައެވެ.
"މާނައަކީ؟" މިކާޝް ދުރުކޮށްލަމުން އައިޝަމް ދެ ފިކުރެއްގައި ހުރެ އަހައިލިއެވެ.
"މާނައަކީ އަހަރެންގެ އެއްބަނޑު އެއްބަފާ ބޭބެއަކީ ތިޔައީއޭ." މިކާޝް އެނބުރިލީ އައިރީންއާ ދިމާއަށެވެ.
"އާނ! މިކާޝް އަހަންނަށް ހުރިހާ ވާހަކައެއް ކިޔައިދީފި. އައިޝަމް ޔަގީންކުރާން ބޭނުންވާނެ ކަން އަހަރުމެންނަށް އެނގޭ. އެހެންވީމަ މަންމަ ގާތަށް ގެންގޮސްދޭން އެބުނަނީ." އައިރީން ކުރިއަށް ޖެހިލިއެވެ.
އައިރީންގެ އުނަގަނޑުގައި އައިޝަމްގެ ދެއަތުން ހިފަހައްޓައިލަމުން އޭނާގެ ފުން ދެ ލޮލަށް ބަލައިލިއެވެ. އައިރީން މަޑުމަޑުން ބޯ ތަޅުވާލަމުން އާއެކޭ ބުނެލިއެވެ. އެއަށްފަހު އޭނާ ދެ ލޯ މަރައިލިއެވެ. އައިޝަމް މޭގައި އައިރީންގެ މޫނު ޖައްސަލާމުން އައިޝަމް އޭނާގެ ގައިގައި ބާރަށް ބައްދައިލިއެވެ.
އައިރީން ގޮވައިގެން އައިޝަމްއާއި މިކާޝް ތިރިވެލީ އައިޝަމްމެން ގޭގެ ބެލްކަންޏަށެވެ. އައިޝަމް ބަލައިލީ އައިރީންގެ މޫނަށެވެ. އޭނާ ލުއި ގޮތަކަށް ހިނިތުންވެލިއެވެ. މިކާޝް ހުރީ ދެއަތުން ކަށި ގޮއްވާލަ ގޮއްވާލައެވެ. އޭނާގެ ކެތްތެރިކަން ދިޔައީ ކޮޅުން ލަމުންނެވެ.
"އެބަ އަންނަން، މަންމަ ވާނީ ކޮޓަރީގައި." އައިޝަމްގެ ފަހަތުން މައިގެ ތެރެއަށް ދެމީހުން ވެސް ވަނެވެ.
އައިޝަމް ހުއްޓިލައި ފަހަތަށް ބަލައިލިއެވެ. އޭނާ ބަލައިލީ ސީދާ އައިރީންގެ މޫނަށެވެ. އައިރީންގެ ގާތަށް މިކާޝް ޖެހިލިއެވެ. މިކާޝްގެ މޫނުމަތިން ފެންނަނީ ކަންބޮޑުވުމުގެ އަސަރުތަކެވެ. އޭނާ ހިތް ހީވަނީ ބޭރަށް ނުކުންނަށް އުޅޭހެންނެވެ. މޫނުމަތީން އެކަހަލަ އަސަރުތަކެއް ފެންނަމުން ދިޔައެވެ. ބަލާބެލުމަށް އެ ހަރަކާތާއި ލޮލުގެ އިޝާރާތްތަކާ ދިމާ ނުވާހެން ވެސް ބައެއް ފަހަރު ހީވެއެވެ.
އައިޝަމްގެ މަންމަގެ ކޮޓަރީގައި ޓަކި ޖަހައިލިއެވެ. ދެތިން ފަހަރަކު ޖަހައިލުމުން އޭނާގެ މަންމަ ބުރުގާ ހެޔޮވަރުކޮށްލަމުން ކޮޓަރިން ބޭރަށް ނުކުތެވެ. ހައިރާން ކަމާއެކު ނަޖުމާ ބަލައިލީ މައިގެ ތެރޭގައި ތިބި ދެމީހުންނާ ދިމާއަށެވެ. މިކާޝަށް ހިފައިލެވުނީ އައިރީންގެ ކޮނޑުގައެވެ. އޭނާގެ ދެއަތް ތުރުތުރު އަޅަމުން ދިޔައެވެ.
"ދަރިފުޅާ! ނުވެސް ބުނެލާ." ނަޖުމާ ބަލައިލީ ސީދާ އައިރީންގެ މޫނަށެވެ.
މިކާޝްގެ ހިތް ބާރުބާރަށް ތެޅިގަތެވެ. އޭނާ ހީކުރީ ނަޖުމާ ގޮވައިލީ އޭނާއަށް ކަމަށެވެ. މިކާޝް އަނގަހުޅުވާލިއެވެ. ނަމަވެސް އޭނާގެ އަޑެއް ބޭރެއް ނުވިއެވެ. ދެވަނަ ސިކުންތުގައި އައިރީން ފެށިއެވެ.
"މަންމައަށް ބޮޑު ސަޕްރައިޒެއް ދޭންވެގެންނޭ މިއައީ ދޯ ޝަމް." އައިރީން ހިނިތުންވެލިއެވެ.
"އަނެއްކާ ކިހައި ވަރެއްގެ ސަޕްރައިޒެއްބާ؟ އައިރީންގެ އަޑަށް ކިހިނެއްވީ؟ ހާދަކުރަކި ހެން ހީވެޔޭ." ނަޖުމާ އިޝާރާތްކޮށްލީ ސޯފާ އަށެވެ.
ނަޖުމާ އެހެން ބުނެލުމުން އައިރީން ދެފަހަރަކު ކަރު ކެހިލިއެވެ.
"މި އުޅޭ ރޯގާގެން ކަންތަކެއްނު މި." އައިރީން ބަލައިލީ ސީދާ މިކާޝްގެ މޫނަށެވެ.
މިކާޝް އެއްމިޔަކަނުން ލުއި ގޮތަކަށް ހިނިތުންވެލިއެވެ. އަދި ލޮލުގެ ހިމަކޮޅުން އައިރީންނަށް އިޝާރާތްކޮށްލިއެވެ. އައިރީން ވެސް ހަމަ އެހަރަކާތް ތަކުރާރުކޮށްލިއެވެ. ނަޖުމާގެ ފަހަތުން އައިރީންއާއި މިކާޝް ވެސް ހިނގައިގަތެވެ. އައިޝަމަށް މަންޒަރު ބަލަން ހުރެވުނީއެވެ. އޭނާގެ ހިތުގައި ހިނގަމުން ދިޔައީ މުޅީން އެހެން ރާޅު ބާނިތަކެކެވެ. އޭނާއަށް ހުރެވުނީ އިސް އުފުލައިލާ މިކާޝްއާ ދިމާއަށް ބަލައިލަން ވެސް ނުކެރިފައެވެ. ނަޖުމާގެ ދުލުން ނުކުންނަ ކޮންމެ ލަފުޒަކުން އޭނާ އަމިއްލަ ނަފުސަށް މަލާމަތް ރައްދުވާނެ ކަމަށް ވިސްނައިގެންނެވެ. އޭނާ ހުރީ ހިތާހިތާ ދުޢާކޮށްލަ ކޮށްލައެވެ. އޭނާއަށް ލަދަކާ ކުރިމަތިލާން ނުޖެހޭތޯއެވެ. މިކާޝްއަކީ އޭނާގެ ކޮއްކޮއަކަށް ނުވޭތޯއެވެ. އެއީ އޭނާ ބޭނުންވާ ގޮތެއް ނޫނެވެ. އެއީ ހަގީގަތްކަމަށް ވިޔަސް އެކަން އޭނާގެ ސިކުނޑިއަށް ވިސްނައިދޭކަށް ޚުދު އޭނާ ވެސް ބޭނުމެއް ނޫނެވެ. އެހެންވެ އޭނާއަށް ހުރެވުނީއެވެ.
"ކޮންކަމެއް؟" ނަޖުމާ ލޮލަށް ގޮތެއް ހަދައިލަމުން ހިނިތުންވެލިއެވެ.
"މަންމަގެ ކަންބޮޑުވުން ތަކުގެ ހައްލަށް ވެސް ވެދާނެ، ނޫނީ މަންމަގެ...." އައިރީން ޖެހިލުންވިއެވެ.
އޭނާއަށް އެވާހަކަދައްކަން ފަސޭހަ ނުވީއެވެ. ވާހަކަ ފަށަންވީ ގޮތް ނޭނގުނީއެވެ. ފަށަންވީ ހިސާބެއް ވެސް ނުވިސްނުނީއެވެ. ނަޖުމާ ސޯފާގައި ހަމަޖެހިލިއެވެ. ނަޖުމާ އިޝާރާތްކުރީ އޭނާގެ ގާތަށް އައިރީން ދިޔުމަށެވެ. އައިރީނަށް ބަލައިލެވުނީ މިކާޝްގެ މޫނަށެވެ. މިކާޝް ލޮލުން އިޝާރާތްކޮށްލިއެވެ. ނަޖުމާގެ ކަނާއަތް ފަރާތަށް ދިޔުމަށެވެ. މިކާޝްގެ އިޝާރާތަށް އައިރީން އިޖާބަދިނެވެ. އައިރީންއާއެކު މިކާޝް ވެސް ހިނގައިގަތެވެ. އައިރީން އިށީނީ ނަޖުމާގެ ކަނާއަތްފަރާތުގައެވެ. މިކާޝް އިށީނީ ވައަތްފަރާތުގައެވެ. އައިޝަމް ވެސް ލަސް ފިޔަވަޅުތަކެއް އަޅަމުން ގޮސް ނަޖުމާގެ ކުރިމަތީ ހުރި ސޯފާގެ އަރިމަތީގައި ގޮތަކަށް އިށީނެވެ.
"މި ކޮން ކުއްޖެއް؟ ކޮއްކޮއެއްތަ؟" ނަޖުމާ ބަލައިލީ މިކާޝްއާ ދިމާއަށެވެ.
"މިހާރު ކޮއްކޮއެއް. މަންމަ ތަންކޮޅެއް ފުންކޮށް ބަލައިލަބަލަ." އައިރީން ހިނިތުންވެލިއެވެ.
"މިހާރު؟ ކޮންތާކަށް ބަލަންވީ؟" ނަޖުމާގެ ރަސްމީ އައިނު ލޮލަށް ހެޔޮވަރުކޮށްލަމުން ނިތަށް ދެތިން ރޫ އަރުވާލަމުން ބަލައިލިއެވެ.
"ކޮއްކޮގެ މޫނަށް. މަންމައަށް ކަމެއް ފާހަގަވަންޏާ ބުނެލަބަލަ." އައިރީން ބަލައިލީ ސީދާ އައިޝަމްގެ މޫނަށެވެ.
އައިޝަމް އިސް ޖަހައިލިއެވެ. އޭނާ ލަދުގަތީ ކަން ނޭނގެއެވެ. މިކާޝްއާ ދިމާއަށް ބަލައިލަން ޖެހިލުންވަނީ ކަން ނޭނގެއެވެ. މިކާޝްއާއެކު ހޭދަކުރެވުނު ވަގުތުތައް ހަނދާންވާން ފެށީއެވެ. އެމަންޒަރުތަކުން އޭނާގެ ސިކުނޑި ތޮރުފަނީއެވެ. ސިކުނޑީގެ މަކާނުން އެ ހަނދާންތައް ބޭރުވާން ފެށީއެވެ. އައިޝަމަށް އިނދެވުނީއެވެ. ހިތާހިތުން ދުޢާކޮށްލަ ކޮށްލަ ކޮށްލައެވެ. ކުރިމަތިން ފެންނަ މަންޒަރުތައް ބަދަލުވޭތޯއެވެ. އެއީ ވަހުމަކަށް ވޭތޯއެވެ.
ނަޖުމާ ބަލައިލީ ސީދާ މިކާޝްގެ ދެ ލޮލަށެވެ. އޭނާގެ މޫނަށެވެ. ނަޖުމާ ދެ ލޮލަށް ގޮތެއް ހަދައިލިއެވެ. އައިނު ލޮލަށް ހެޔޮވަރު ކޮށްލަމުން އަނެއްކާ ވެސް މިކާޝްގެ މޫނަށް ބަލައިލިއެވެ. މަޑުމަޑުން ނަޖުމާގެ ދެއަތް ހިއްލައިލިއެވެ. މިކާޝްގެ މޫނާ ދިމާއަށެވެ. ނަޖުމާގެ ދެ އަތް ތުރުތުރު އަޅައިގަތެވެ. އޭނާއަށް އަތް ޖައްސާލެވުނީ މިކާޝްގެ ކޯތާފަތުގައެވެ. ދެއަތް ތުރުތުރުއަޅާ ހާލުގައެވެ. ދެފަހަރަކު އެސްފިޔަވެސް ޖަހައިލިއެވެ. ލަސްލަހުންނެވެ. އޭނާގެ ނޭވާ ކުރުވެ ވިންދުތައް އަވަސްވާން ފެށިއެވެ. އަތްތިލައިގައި ހުރި ހުދު އިސްތަށިތައް ކޮޅަށް ޖެހެމުން ދިޔައެވެ.
"ދައްކަބަލަ. ދައްކަބަލަ ބަލަން. ދައްކަބަލަ ބަލަން." ނަޖުމާ އަވަސް އަވަހަށް ކޮޅަށް ތެދުވެ މިކާޝްއާ ދިމާއަށް ގުދުވެލިއެވެ.
ނަޖުމާގެ އަޑުގައި ހުރީ ފާޑެއްގެ ތުރުތުރެއް އެކުލެވިފައެވެ. އޭނާގެ ހަރަކާތްތައް އަވަސްވާން ފެށިއެވެ. ނަޖުމާގެ ހަރަކާތްތަކުން އައިރީން ދެ ލޯ ބޮޑުވިއެވެ. އައިޝަމަށް ކޮޅަށް ތެދުވެވުނެވެ. އޭނާއަށް ވެސް ހައިރާން ކަމާއެކު ބަލައިލެވުނީ އައިރީންގެ މޫނަށެވެ. އައިރީނަށް އިނދެވުނީ ހިންދިރުވާލަން ވެސް ނޭނގިފައެވެ. ނަޖުމާއަށް ވީގޮތުންނެވެ. އޭނާގެ ކުއްލި ބަދަލާއެކު ހަރަކާތްތައް ހުރި ގޮތުންނެވެ. މިކާޝްގެ ހިތުގެ ވިންދު އަވަސްވެ ނޭވާ ކުރުވާން ފެށިއެވެ. ވާން އުޅޭ ގޮތެއް ނުވިސްނިގެންނެވެ. އޭނާގެ ހާސްކަން އިތުރުވެ މީހާ ތުރުތުރު އަޅައިގޮތް ވާންފެށިއެވެ.
ނަޖުމާ އަވަސް އަވަހަށް މިކާޝްގެ ފުށްކަނދުރާއާ ދިމާއަށް ގުދުވެލިއެވެ. މިކާޝްގެ ބޮލުގައި ފިރުމަމުން، އިސްތަށިގަނޑުގެ އެތައް މިތަނުގައި ދެއަތް ކާއްތަމުންނެވެ.
"މަންމާ!" އައިޝަމަށް މަޑަކުން ނުހުރެވުނެވެ.
"އަހަންނަށް ޝައްކު. ޔަގީންކުރަން ބޭނުން. ޔަގީންކުރަން ބޭނުން. އަހަންނަށް އެނގޭނެ. އެނގޭނެ." ނަޖުމާ އަވަސް އަވަހަށް ބުނެލިއެވެ.
"ކޮންކަމެއް؟ ކީއްތަ ތި ކުރަނީ؟" އައިޝަމް ހައިރާން ކަމާއެކު ސުވާލު ތަކުރާރުކޮށްލިއެވެ.
"އަހަންނަށް އެނގޭނެ. އެ ނިޝާން ފެނުނީމަ އެނގޭނެ. އަހަންނަށް އޮޅުވައެއް ނުލެވޭނެ." ނަޖުމާ އަވަސް އަވަހަށް މިކާޝްގެ ބޮލުގެ އިސްތަށިގަނޑުގެ ބައިތައް ވަކިކުރަމުން ބުނެލިއެވެ. "އެ ނިޝާންތަކުން އަހަންނަށް ޔަގީންވާނެ."
"ކޮންކަމެއް؟" އައިރީނަށް ހައިރާން ކަމާއެކު ބަލައިލިއެވެ.
"އެއީ އަހަރެންގެ ހިތް ފަދައިން، އަހަރެންގެ ދެ ލޯ ފަދައިން ގެންގުޅުނު އަހަރެންގެ ދަރިފުޅު، އަހަރެންގެ ލޯބިވާ އަންހެންދަރި." ނަޖުމާ އަވަސް އަވަހަށް ބުނެލިއެވެ.
"ކޮން ނިޝާނެއްތަ؟" އައިރީނަށް ކަމެއް ޝައްކުވާހެން ހީވުމުން ނަޖުމާ ގާތަށް ޖެހިލިއެވެ.
"އޭނާގެ ބޮލުގެ ފުށްކިބާގައި، ކަނދުރާ ކައިރީގައި ނިޝާނެއް ހުންނާނެ." ނަޖުމާ މާޔޫސްވާ ގޮތްވުމުން އޭނާ ބަލައިލީ މިކާޝްގެ މޫނަށެވެ.
އޭރު މިކާޝްގެ ދެލޮލުގެ ކަޅީގެ ކުލަ ބަދަލުވާން ފެށިއެވެ. އޭނާގެ އިނީ ފާޑަކަށް ހިނި އައިސްފައެވެ. އައިރީން އައިސް ނަޖުމާގެ ދެ ކޮނޑުގައި ހިފައި ނެގިއެވެ. މިކާޝް ބަލައިލީ އައިރީންގެ މޫނަށެވެ. އައިރީން ލާނެތް ގޮތަކަށް ހިނިތުންވެލިއެވެ. މިކާޝްގެ ހިނިތުންވުމުގައި ހުރީ ވިހައިގެ އަސަރެވެ. ތުންފަތުން ފެންނަނީ ބަދަލު ހިފުމުގެ ކުލަވަރެވެ.
"ތީ އަހަރެންގެ ދަރިފުޅެއް ނޫން. ދަރިފުޅެއް ނޫން. ދަރިފުޅެއް ނޫން." ނަޖުމާ ފެންކަޅިވިއެވެ.
ނަޖުމާ މަޑުމަޑުން ފަހަތަށް ޖެހިލިއެވެ. އޭނާ ދެއަތުން މިކާޝަށް އިޝާރާތް ކުރަމުންނެވެ. އައިރީން އޭނާގެ ކޮނޑުގައި ހިފަހައްޓައިލިއެވެ. ނަމަވެސް ނަޖުމާއަށް ކެތެއް ނުކުރެވުނެވެ. އޭނާ ބަޑިފަޅައިގެން ދިޔައީއެވެ. އޭރު މިކާޝްގެ ދެލޮލުގެ ކުލަ ކުރިން ހުރި ގޮތަށް ބަދަލުވެއްޖެއެވެ. އޭނާގެ މޫނުމަތިން ފެނުނު ވިހަ ހިނިތުންވުން އޮބި ފެންނަމުން ދިޔައީ މޮޅިވެރިކަމާއި މާޔޫސްކަމެވެ.
"މަންމާ، ކިހިނެއްވީތަ؟" އައިރީން ރާގު އަޅުވާލަމުން ބުނެލިއެވެ.
"އޭނާގެ ބޮލުގެ ފުށްކިބައިގައި، ކަނދުރާއާ ދިމާގައި ކަޅުކުލައިގެ ނިޝާނެއް ހުންނާނެ، އެއީ އޭނާގެ ބައްޕަ، ރާޒުގެ ނިޝާނެއް." ނަޖުމާ ލަސްލަހުން ބުނެލިއެވެ.
"ރާޒް؟؟" އައިރީން ސުވާލުގެ ނަޒަރުން ނަޖުމާގެ މޫނަށް ބަލައިލިއެވެ.
"އާނ! ރާޒް، އިއުރާޒް. އައިޝަމްގެ ބައްޕަ. އަހަރެންގެ ހަމައެކަނި ފިރިމީހާ." ނަޖުމާ ފުން ނޭވާއެއް ދޫކޮށްލިއެވެ.
އައިޝަމް ގަޔާވާ ގޮތްވިއެވެ. އޭނާގެ ބައްޕަގެ ވާހަކަތައް އަޑު އަހައިލާ ހިތުން ހުންނަތާ ލައްކަ ދުވަސްވީއެވެ. ނަމަވެސް އެއްވެސް ތަފުސީލެއް، ބައްޕަގެ އެއްވެސް މައުލޫމާތެއް އެކަކު ވެސް ކިޔައި ނުދެއެވެ. އޭނާގެ މަންމައާ ސުވާލުކޮށްފި ނަމަ ފެންނަނީ ހިމޭންކަމެވެ. ކަރުނައެވެ. އިވެނީ ގިސްލުމުގެ އަޑެވެ. އެހެންވެ އެ ސުވާލު އޮންނަނީ އައިޝަމްގެ ހިތުގައެވެ.
"ދެން މި ކާކު؟" އައިޝަމް ހިތްހަމަ ނުޖެހޭ ގޮތްވިއެވެ. (ނުނިމޭ)