ލައިފްސްޓައިލް

މަތިންދާބޯޓަކަށް ކުޅަނދުރު އައިނެއްގެ ހަމަލައެއް

މަތިންދާބޯޓު ފުރުމާއި އައުން ލަސް ވުމަކީ ވަރަށް އާންމުކޮށް ދިމާވާ ކަމެއް ނަމަވެސް ބޯޓުން ދަތުރުކުރާ މީހުންނަށް މިއީ އެހާ ހިތްހަމަޖެހޭ ކަމަކަށް ގިނަ ފަހަރަށް ނުވެ އެވެ. މިގޮތަށް ބޯޓު ލަސްވާ ގިނަ ފަހަރު ބުނާނީ ކޮންމެވެސް ޓެކްނިކަލް މައްސަލައެއް ދިމާވީ ކަމަށެވެ. ނަމަވެސް އިންޑިޔާގެ ކަލްކަތާގެ އެއާޕޯޓެއްގައި ޖައްސާފައި އޮތް ވިސްޓާރާ އެއާލައިންގެ ދެ އެއާކްރާފްޓެއްގެ ފުރުން ލަސްވީ ވަރަށް އާދަޔާޚިލާފު މައްސަލައެއް ދިމާވެގެންނެވެ.

ކުޅަނދުރުގެ ބޮޑު އައިންގަނޑެއް އެ ދެ އެއާކްރާފްޓް ހައިޖެކް ކޮށްގެންނެވެ. ޓައިމްސް އޮފް އިންޑިއާ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި މިކަމާ ގުޅިގެން ދެ ބޯޓުގެ ފުރުން އެތައް ގަޑިއެއްގެ އިރަށް ލަސްވި އެވެ.

މިދިޔަ އާދީއްތަ ދުވަހު ހަވީރު 4.00 ހާއިރު ދިއްލީއަށް ދާން އޮތް ވިސްޓާރާ އެއާލައިންގެ ފްލައިޓަށް މިހުން އެރުވުމަށް ދިޔައީ ތައްޔާރު ވަމުންނެވެ. ކުއްލިއަކަށް ކުޅަނދުގެ ބޮޑު އައިނެއް އައިސް މަތިންދާބޯޓުގެ ބޭރުގައި ހާލިހަދާ ގޮތަށް ބޮނޑިއަކަށް ޖަމާވި އެވެ. ނަތީޖާއެއްގެ ގޮތުން މީހުން އެރުވުން މަޑުޖައްސާލުމަށްފަހު މައްސަލަ ހައްލުކުރަން ފަޔާ ސާވިސް ގެންނަން ޖެހުނެވެ.

އެއާލައިންސްގެ އޮފިޝަލަކު އިންޑިޔާގެ ނޫހަށް ކިޔައިދީފައިވާ ގޮތުގައި އެތައް ލައްކަ ކުޅަނދުރެއް އައިސް މަތިންދާބޯޓުގެ ބޭރުން ވަކި ތަންގަނޑަކަށް ޖަމާވާން ނެގީ މަދު މިނިޓް ކޮޅެކެވެ. އެ ސޮރުމެން މަސައްކަތް ކުރީ މަތިންދާބޯޓުގެ ބޭރުގައި ހާލިހަދަން ކަމަށް ބެލެވޭ ކަމަށް ވެސް އޮފިޝަލް ބުނެފައި ވެއެވެ.

ފަޔާ ސާވިސްގެ މީހުން އައިސް ފެންހޮޅިތަކުން ވަރަށް ބާރު ޕްރެޝަރުގައި ފެން ޖަހަން ފެށުމުން ވެސް ކުޅަނދުރުތައް އެތަނުން ފައްސާލެވުނީ 30 ވަރަކަށް މިނިޓް ފެން ޖެހި ފަހުންނެވެ. މިކަމާ ހެދި ބޯޓު ފުރުން ވަރަށް ބޮޑަށް ލަސްވި ކަމަށް އޮފިޝަލް ބުންޏެވެ.

އަދި މިވަރުން ވެސް ވިސްޓާރާ އެއާލައިންގެ މަތިންދާބޯޓުތަކުން ކުޅަނދުރުތައް ދުރަށް ފޮނުވާލެވޭ ގޮތެއް ނުވި އެވެ. ފެންޖަހާ ފައްސާލި ކުޅަނދުނުތައް އުދުހިފައި ގޮސް އަނެއްކާވެސް ހަމަ ވިސްޓާރާ އެއާލައިންގެ އެހެން ބޯޓެއްގެ ބޭރުގައި ޖެއްސި އެވެ. ރަންވޭގައި ޕާކްކޮށްފައި އެ ވަގުތު ވަރަށް ގިނަ އެއާލައިންތަކުގެ ބޯޓުތައް ހުރި ނަމަވެސް ކުޅަނދުނުތައް ދެން ވެސް ހާލި ހަދަން ގަސްތުކުރީ ހަމަ ވިސްޓާރާ އެއާކްރާފްޓެއްގެ ބޭރުގަ އެވެ.

އެސޮރުމެން ޖަމާވެފައިވާ ހިސާބު ބޯކަމުން މަތިންދާބޯޓުގެ އެބައި އޮތީ މުޅިން ފޮރުވިފަ އެވެ. އަނެއްކާވެސް ފްޔާފައިޓަރުން އައިސް ފެންހޮޅިތަކުން ޕްރެޝަރުގައި ފެން ޖަހައިގެން އެ ސޮރުމެން ފައްސާލީ އެވެ. މި ބޯޓަށް ވެސް މިކަމާ ހެދި ފުރުނީ މާ ލަހުންނެވެ.

ކަލްކަތާ އެއާޕޯޓުގެ ޑައިރެކްޓަރު ބުނި ގޮތުގައި ދެ ހާދިސާ ޖެހިޖެހިގެން ހިނގުމުން އެކަން ވަރަށް ރަނގަޅަށް ބަލަމުންދާ ކަމަށެވެ. އެއާޕޯޓާ ކައިރި ހިސާބެއްގައި ކުޅަނދުރުގެ ބޮޑެތި ހާލިތަކެއް ހުރެދާނެކަމަށް ބަލައި މުޅި ސަރަހައްދު ޗެކްކުރި ނަމަވެސް އެފަދަ އެއްވެސް ހާއްޔެއް ފެނިފައި ނުވާ ކަމަށް އޭނާ ބުންޏެވެ. އިތުރަށް މިފަދަ ކަމެއް ދިމާވިޔަ ނުދިނުމަށް އިންސެކްޓިސައިޑް ސްޕްރޭ މުޅި ހިސާބަށް ކުރަމުންދާ ކަމަށް ވެސް ޑައިރެކްޓަރު ބުނެފައި ވެއެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ވެސް އިންޑިޔާގެ އެއާޕޯޓެއްގައި ހަމަ މިފަދަ ހާދިސާއެއް ހިނގާފައި ވެއެވެ. އެ ފަހަރު ކުޅަނދުރުތައް ޖަމާވީ އަގަރްތާލާ އެއާޕޯޓުގައި އޮތް އެއާ އިންޑިއާގެ ފްލައިޓެއްގެ ކޮކްޕިޓާ ދިމާލަށް ދިން ކުޑަދޮރެއް ކައިރިއަށެވެ.