ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ޑޮކްޓަރަކާއި ބަލި މީހެއްގެ ފޮޓޯ ގިނަ ބަޔަކު ރޮއްވާލައިފި

އެމެރިކާގެ ޓެކްސަސްގެ ހޮސްޕިޓަލެއްގައި މަސައްކަތްކުރާ ޑރ. ޖޯސެފް ވެރޮން އަކީ ކޮވިޑް ބަލީގެ މީހުންނަށް ފަރުވާދޭ ޑޮކްޓަރެކެވެ. އެ ދުވަހަކީ އޭނާ ކޮވިޑްގެ ބަލިމީހުންނަށް ޚިދުމަތް ކުރުމުގައި ހޭދަކުރާ 252 ވަނަ ދުވަހެވެ. އައިސީޔޫގައި މަސައްކަތްކުރާ މި ޑޮކްޓަރަށް އެއްލި ކަޅިއަކުން އައިސީޔޫގައި އޮތް ކޮވިޑްޖެހިފައިވާ އުމުރުން ދުވަސްވީ މީހަކު ވަރަށް ދެރަ ވެގެން އުޅޭތަން ފެނުނެވެ.

ޑރ. ވެރޮން ގޮސް އެމީހާގެ ގައިގައި ބައްދާލައި އޭނާއަށް ހިތްވަރުދޭ މަންޒަރު ކޮންމެވެސް މީހަކު ވަނީ ފޮޓޯ ނަގާ ސޯޝަލް މީޑިއާގައި ޝެއާކޮށްފަ އެވެ. މި ފޮޓޯވެފައި ވަނީ އާދީއްތަ ދުވަހު ސޯޝަލް މީޑިއާގައި އެންމެ ހިނގި ފޮޓޯއަށެވެ.

ވެރޮން ސީއެންއެން އަށް ދިން އިންޓަވިއު އެއްގައި ބުނި ގޮތުގައި އޭނާ ކޮވިޑް އައިސީޔޫއަށް ވަންއިރު އުމުރުން ދުވަސްވީ އެ މީހާ ވަރަށް ބޮޑަށް ދެރަވެގެން ރޮވޭތަން ފެނުނީ އެވެ. އޭރު އެމީހާ އުޅެނީ އެނދުން ތެދުވެގެން އައިސީޔޫ އިން ނުކުމެވޭތޯ އެވެ. އޭރު އެމީހާއަށް ހުރީ ވަރަށް ބޮޑަށް ރޮވިފަ އެވެ.

"އެހެންވެ އަހަރެން އޭނަ ކައިރިއަށް ގޮސް ކީއްވެތޯ ރޮނީ ސުވާލު ކުރިން. އޭނަ ބުނި އަންހެނުން ކައިރިއަށް ދާށޭ ބޭނުން ވަނީ. އޭނާގެ ހާލާ މެދު އަހަރެން ވެސް ވަރަށް ދެރަވި. އެހެންވެ އަހަރެންނަށް ކުރި އަސަރުން އެމީހާގެ ގައިގައި ބައްދާލައި އޭނާ ހިތްހަމަޖައްސައިދޭން މަސައްކަތް ކުރެވުނީ،" ޑޮކްޓަރު ބުންޏެވެ.

ޑޮކްޓަރު ބައްދާލާ ފިރުމާލާ ހެދުމުން ބަލިމީހާ ހިތްހަމަޖެހި ރުއިން ހުއްޓާލާ ހަމަޔަކަށް އެޅުނު ކަމަށް ވެރޮން ބުންޏެވެ.

"އަހަންނަކަށް ނޭނގެ އަހަރެންނަށް ނުރޮވި ހުރި ސަބަބެއް. އެތާ ތިބޭ މީހުންގެ ހާލާ މެދު ދެރަވެގެން އަހަރެންނާއެކު މަސައްކަތްކުރާ ނަރުހުން ކޮންމެ ދުވަހަކުވެސް ރޯނެ،" ޑޮކްޓަރު ބުންޏެވެ.

ޑޮކްޓަރު އިތުރަށް ބުނި ގޮތުގައި ކޮވިޑް ޖެހޭ މީހުން އެހެން މީހުންނާ މުޅިން ވަކިކޮށްލައި އެއްވެސް މީހަކާ ބައްދަލުނުވެ ނުފެންނަ ގޮތަށް ބޭތިއްބުމަކީ އެ މީހުންނަށް ވަރަށް ފުން އަސަރުތަކެއްކޮށް އެކަނިވެރިކަން އިހްސާސްކުރުވާ ކަމެކެވެ. ޚާއްސަކޮށް އުމުރުން ދުވަސްވީ މީހުންނަށް މިއީ ކެތްކުރަން ދަތި ކަމަކަށް ވެއެވެ.

"ހީކޮށްލަބަލަ. ތިބާ ވެސް ކޮޓަރިއެއްގެ ތެރޭގައި ބަންދުވެފައި އޮންނަން ޖެހިއްޖެނަމަ ވާނެގޮތް. ކައިރިއަށް އަންނަ މީހުން ވެސް ތިބެނީ ސްޕޭސްސޫޓް ލައިގެން ކާކުކަން ވެސް ވަކިކުރަން ނޭނގޭ ފަދަ ގޮތަކަށް. ދުވަސްވީ މީހުންނަށް މިއެކަނިވެރިކަން އަދި މާ ބޮޑަށް އަސަރުކުރުވާ ކަމަކަށްވޭ،" ވެރޮން ބުންޏެވެ.

އޭނާ ބުނި ގޮތުގައި ބައެއް މީހުން ވަރަށް ހިތުޖެހިގެން ވަރަށް ރޮއި ހަދަ އެވެ. އަނެއްބައި މީހުން އުޅެނީ އެތަނުން ފިލައިގެން ދެވޭނެ ގޮތެއް ވޭތޯ އެވެ. އަހަރެމެންނަށް ކުރީ ދުވަހެއްގައި ފެނިއްޖެ ކުޑަދޮރުން ފުންމާލައިގެން ފިލަން އުޅުނު މީހެއްވެސް،" ކޮވިޑް ބަލިމީހުން ކައިރީ ގިނަ ދުވަސްތަކަކު މަސައްކަތްކޮށްފައިވާ ޑޮކްޓަރުގެ ތަޖުރިބާ ހިއްސާ ކުރަމުން ސީއެންއެން އަށް ކިޔައިދީފައި ވެއެވެ.

ޑޮކްޓަރު އިތުރަށް ބުނީ ފޮޓޯގައިވާ ދުވަސްވީ މީހާގެ ހާލު މިހާރު ވަރަށް ބޮޑުތަން ރަނގަޅު ކަމަށެވެ. އަދި ކުރިޔަށް އޮތް ހަފުތާ ތެރޭ އޭނާއަށް ގެއަށް ދެވޭނެކަމަށް އުންމިދުކުރާ ކަމަށެވެ.