"ޝާޕިތު" އިން ބޮލީވުޑަށް ތައާރަފްވި އަދިތުޔާ ނާރަޔަން އާއި ޝްވޭތާ އަގަރްވާލް ކައިވެނި ކޮށްފި އެވެ. އަދިތުޔާ އަކީ އެކްޓަރެއްގެ އިތުރުން ލަވަކިޔުންތެރިއެކެވެ. އަދި އިންޑިއަން އައިޑޮލް ފަދަ ޝޯތަކުގެ ހޯސްޓެކެވެ.
ޝްވޭތާ އާއި އަދިތުޔާ ކައިވެނި ކުރީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ރައްޓެހި ވެގެން އުޅުމަށް ފަހުގަ އެވެ. އަދިތުޔާ އަކީ ލަވަކިޔުންތެރިޔާ އުޑިތު ނާރަޔަންގެ ހުރި ހަމައެކަނި ދަރިފުޅެވެ. އަދިތުޔާ ކައިވެނި ކޮށްފައި ވަނީ ބައްޕަގެ 65 ވަނަ އުފަން ދުވަހު ކަމަށް ވުމުން މި އާއިލާއަށް އެ ދުވަހަކީ ވަރަށް ޚާއްސަ ދެ މުނާސަބަތެއް ފާހަގަ ކުރި ދުވަހަކަށް ވަނީ ވެފަ އެވެ.
އިންޑީޔާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި އުޑިތު ބުނީ ދަރިފުޅު ކައިވެނި ކުރާތަން ފެނުމަކީ އޭނާގެ ހުވަފެނެއް ހަގީގަތަކަށް ވުން ކަމަށެވެ. މައިންބަފައިންގެ ހައިސިއްޔަތުން އެމީހުންގެ ޒިންމާ މިއަދު އަދާ ކޮށްދީފިކަމަށާއި ކުރިން ހުރީ ހަމައެކަނި ފިރިހެން ދަރިފުޅެއް ނަމަވެސް އެ އާއިލާއަށް އަންހެން ދަރިއަކު ވެސް ލިބިއްޖެ ކަމަށެވެ.
އަދިތުޔާ އާއި ޝްވޭތާ ބައްދަލުވީ އެ ދެ މީހުންގެ ފުރަތަމަ ފިލްމު "ޝާޕިތު"ގެ ސެޓުންނެވެ. އެއީ މީގެ 10 އަހަރު ކުރިން އުފެއްދި ފިލްމެކެވެ. އޭރުއްސުރެ ދެ މީހުންގެ މެދުގައި ލޯބީގެ ގުޅުން ދެމި އޮތެވެ. ކުދިކުދި ކުނި ޖެހެމުން ދިޔަ ނަމަވެސް އެއްވެސް އިރެއްގައި ދެ މީހުން މުޅިން ގުޅުން ކަނޑާލާފައެއް ނުވެ އެވެ.
މިދިޔަ އަހަރު ދެއްކި އިންޑިއަން އައިޑޮލްގެ ސީޒަނެއްގައި އެ ޝޯގެ ހޯސްޓްކަން ކުރި އަދިތުޔާ އާއި ޖަޖް އަދި ލަވަކިޔުންތެރިޔާ ނެހާ ކައްކަރް ލޯބީގެ ގޮތުން ގުޅި ކައިވެނިކުރަން އުޅޭ ކަމުގެ އަޑުތަކެއް ފެތުރުނެވެ. ނަމަވެސް ފަހުން މިއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއްކަން ވަނީ ސާބިތުވެފަ އެވެ. މިއީ ޝޯ ބަލާ މީހުން އިތުރުކުރަން ޝޯގެ ޕްރޮޑިއުސަރުން ކުޅުނު ޑްރާމާއެއްކަން ފަހުން ވަނީ ޔަގީން ކުރެވިފަ އެވެ. ދާދިފަހުން ނެހާ ވެސް ވަނީ ޕަންޖާބުގެ ލަވަކިޔުންތެރިއަކާ ކައިވެނިކޮށްފަ އެވެ.