ފިނިޕޭޖް

އަނަންޔާއަށް އެވޯޑު ލިބުނު ހަފުލާއަށް ޗަންކީ ނުދިޔަ ސަބަބު

މިއަހަރު ކުރީކޮޅު ބޭއްވި މި އަހަރުގެ ފިލްމްފެއާ އެވޯޑު ދިނުމުގެ ރަސްމިއްޔާތުގައި އަނަންޔާ ޕާންޑޭއަށް ވަނީ އަލަށް ތައާރަފްވީ އެންމެ މޮޅު ބަތަލާގެ އެވޯޑު ލިބިފަ އެވެ. އެއީ "ސްޓޫޑަންޓް އޮފް ދަ އިޔާ 2" ގައި އޭނާ ކުޅުނު ރޯލަށެވެ.

މި އިވެންޓުގައި އަނަންޔާ އާއެކު އޭނާގެ މަންމަ ބާވްނާ ޕާންޑޭ ބައިވެރިވި ނަމަވެސް ބައްޕަ އަދި އެކްޓަރު ޗަންކީ ޕާންޑޭ ބައިވެރިއެއް ނުވެ އެވެ. މި ރަސްމިއްޔާތުން ޗަންކީ ނުފެނުމުން ވަރަށް ގިނަ ބަޔަކު އެ ވާހަކަ ދައްކާވެސް ހެދި އެވެ.

މިހާރު ނެޓްފްލިކްސް އިން ރިލީޒްކޮށްފައިވާ ރިއަލިޓީ ޝޯ "ފެބިއުލަސް ލައިވްސް އޮފް ބޮލީވުޑް ވައިވްސް"ގެ އެއް ބައިވެރިއަކީ ޗަންކީގެ އަންހެނުން ބާވްނާ އެވެ. މި ޝޯގެ ފުރަތަމަ ސީޒަންގެ އެންމެ ފަހު އެޕިސޯޑް މިހާޜު ދައްކާފައިވާއިރު މި އެޕިސޯޑުގައި ދައްކާފައިވަނީ ޗަންކީ އާއި ކައިވެނި ކޮށްގެން ބާވްނާ ދިރިއުޅެމުންދާ ގޮތެވެ.

ބާވްނާ އާއި ޗަންކީގެ ގޭގައި ތިބެގެން އެ ދެމަފރިން ވަނީ އަނަންޔާ އަށް އެވޯޑު ލިބުނު ހަފުލާއަށް ޗަންކީ ނުދިޔަ ސަބަބު ވެސް ކިޔައިދީފަ އެވެ. އަނަންޔާގެ ފިލްމުފެއާ ޓްރޮފީ ހިފައިގެން އިނދެ ޗަންކީ ކިޔައދިން ގޮތުގައި އެ އެވޯޑަށް އޭނާ އިންތިޒާރު ކުރާތާ 34 އަހަރު ވެއްޖެ އެވެ. އެންމެ ފަހުން އެވޯޑު ގެއަށް އައިމަ ވަރަށް އުފާވެއްޖެކަމަށް ޗަންކީ ބުންޏެވެ.
"ތޭޒާބު" އާއި "އާންކޭން" އިން ޗަންކީ ފިލްމުފެއާ އެވޯޑަށް ނޮމިނޭޓްވެސް ވެފައި ވެއެވެ.

"އަހަރެން އޭރު އުޅެނީ ސަންޖޭ ގުޕްތާގެ ފިލްމެއްގެ ޝޫޓިންގަށް ގޯއާ ގައި. "ތޭޒާބު" ކުޅެން ބެސްޓް ސަޕޯޓިން އެކްޓަރުގެ އެވޯޑަށް އަހަރެން ނޮމިނޭޓް ވެފައިވާތީ އެވޯޑު ލިބޭނެ ކަމުގެ ވަރަށް ފޮނި އުންމީދެއްގައި އޭރު އަހަރެން ހުރީ. ޒުވާން އިރު ހިތަށް އަރާނެ ތިމަންނައޭ އެންމެ މޮޅު މީހަކީ. ތިމަންނާ އަށް ވުރެ މޮޅު މީހެއް ދުނިޔޭގައި ވެސް ނެތޭ. އެހެންވެ އަހަރެން ވެސް ގޯއާގައި އޮތް ޝޫޓިން މެދުކަނޑާލާފައި އެވޯޑު ހަފުލާއަށް ދިޔައީ. އެމީހުން ބެސްޓް އެކްޓަރަކީ މިއީ އޭ ކިޔާފައި އިއުލާން ކުރަން ފަށާއިރަށް އަހަރެންނަށް އިށީނދެގެން އިން ގޮނޑިން ފުންމައިގެން ތެދުވެވުނު. އަދި ސްޓޭޖާ ދިމާލަށް ދާން ފެށުނު. ނަމަވެސް އެވޯޑު ލިބުނީ 'ވިޖޭ' އިން އަނޫޕަމް ކޭރަށް. އެއީ ވަރަށް އަސަރުކުރި ވަގުތުކޮޅެއް. އަހަރެން ހެދިގޮތަކީ ހިނގަމުން ދިޔަ ގޮތަށް ބޭރަށް ނުކުމެގެން ގޮސް ފާޚާނާ އަށް ވަނީ. އަދި އެނބުރި ހޯލަށް ނުވަދެ ގެއަށް ދިޔައީ،" ޗަންކީ އޭނާގެ އެވޯޑު ހަފުލާގެ ތަޖުރިބާ ކިޔައިދެމުން ނެޓްފްލިކްސް ޝޯގައި ބުނެފައި ވެއެވެ.

އަނަންޔާ އަށް އެވޯޑު ލިބުނު ހަފުލާއަށް އައި ނަމަ ކިހާ ރަނގަޅުވީސްހޭ ބާވްނާ ޗަންކީ ކައިރީގައި ބުނުމުން އޭނާ ބުނީ އެ ހަފުލާގައި ބައިވެރިނުވީ ހިތުގައި އެންމެ ކުރިއްސުރެ އުފެދިފައިވާ ވަހުމުގެ ސަބަބުން ކަމަށެވެ.

"އެވޯޑު ހަފުލާތަކަށް ދިޔައިމައޭ އެވޯޑު ނުލިބެނީ އަހަރެންނަށް ވަހުމު ވެފައި އޮތީ. އެހެންވެ ދަރިފުޅު ނޮމިނޭޓް ވިޔަސް އެ އެވޯޑު ހަފުލާއަށް އަހަރެން ގޮއްސިއްޔާ އޭނާ އަށް އެވެސް އެ އެވޯޑު ގެއްލޭނޭ އަހަރެންގެ ހިތަށް އެރީ. އެއީ ފާއިތުވީ 34 އަހަރު އަހަންނާ ދިމާވެފައިވާ ގޮތް ވީމަ. އެހެންވެ އެތަނަށް ނުދިޔައީ،" ޗަންކީ ބުންޏެވެ.