ބީއެމްއެލްގެ "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު" ގެ ދަށުން ހދ. ކުރިނބީގައި ކަސްރަތު ކުރަން ހާއްސަކޮށް އައުޓްޑޯ ޖިމް އެއް ހަދައިފި އެވެ. މި ޖިމް އަކީ ކުރިނބީގެ ރައްޔިތުންނަށް ދުޅަހެެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ބާރުއެޅުމުގެ ގޮތުން، އެ ރަށުގެ ޖަމިއްޔާއެއް ކަމަށްވާ ކުރިނބީ ޔޫތް މޫވްމަންޓް އިން ކުރިޔަށް ގެންދިޔަ ޕްރޮޖެކްޓެކެވެ.
ކުރިނބީގައި ކުޅިވަރު ކުޅުމަށް ހާއްސަކޮށްފައި އޮންނަ ސަރަހައްދުގައި ހުޅުވުނު މި ޖިމްގައި ކަސްރަތު ކުރުމަށް ތަފާތު ހަތް އައުޓްޑޯ އިކުއިޕްމަންޓް ހުރެ އެވެ. މީގެ ތެރެއިން ތިން މެޝިނަކީ ކޮމިއުނިޓީ ފަންޑުގެ އެހީގައި ފޯރުކޮށްދީފައިވާ ތަކެއްޗެވެ.
ބީއެމްއެލްގެ މެނޭޖަރު ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޖެކްޓްތަކަކީ ރަށުގެ ރައްޔިތުންނަށް ދުރު މުސްތަގްބަލުގައި ވެސް ފައިދާ ކުރާނެ ޕްރޮޖެކްޓްތަކަށް ވުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ކޮމިއުނިޓީ ފަންޑުގެ ދަށުން ގާއިމްކުރެވުނު މި ޖިމަކީ ކުރިނބީގެ ކުދި ބޮޑު އެންމެންނަށް ވެސް ދުޅަހެޅޮ ސިއްހަތެއްގައި ހުރުމަށްޓަކައި ބޭނުން ކުރެވޭނެ އިކުއިޕްމަންޓާއެކު ގާއިމް ކުރެވިފައިވާ ތަނެއް ކަމަށެވެ.
ބީއެމްއެލްގެ، މި ޕްރޮޖެކްޓް ކާމިޔާބު ކުރި، އާދަމް ޝަޒީމް ބުނި ގޮތުގައި މި ޕްރޮޖެކްޓްގެ ބޭނުމަކީ މި ރަށުގެ ރައްޔިތުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބާރުއަޅައި ކަސްރަތަށް އަހުލުވެރި ކުރުވުން ކަމަށެވެ. އަދި ރަށުގައި ކަސްރަތު ކުރުމަށް ސަރަހައްދެއް ގާއިމްވެފައި ނުވާތީ ގިނަ ފަރާތަކަށް ކަސްރަތު ކުރުން ވަނީ ދަތި އުދަނގޫވާ ކަމަށް އޭނާ ބުންޏެވެ.
ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓް ތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. މިދިޔަ އަހަރު ބޭންކުން ތައާރަފްކުރި މި ފަންޑުގެ ދަށުން މިހާތަނަށް ރާއްޖޭގެ 30 ރަށެއްގައި ޕްރޮޖެކްޓް ހިންގުމަށް މާލީ އެހީތެރިކަންވަނީ ފޯރުކޮށްދެވިފަ އެވެ.