ބޮލީވުޑް

ކަރީނާ ފުރަތަމަ ފަހަރަށް ޕާކިސްތާން ފިލްމެއް ކުޅެނީ

Oct 21, 2015

އާންމުގޮތެއްގައި އަހަރަކު ދެތިން ޕާކިސްތާނު އެކްޓަރުން ހިންދީ ފިލްމުތަކުން ބޮލީވުޑަށް ތައާރަފުވެ އެވެ.

މަދުން ނަމަވެސް ޕާކިސްތާނު ތަރިން ބޮލީވުޑުން ދުނިޔޭގެ މަޝްހޫރުކަން ހޯދަމުން އައި ނަމަވެސް، ބޮލީވުޑްގެ ތަރިން ޕާކިސްތާނު ފިލްމުތަކުން ފެނިގެންނެއް ނުދެ އެވެ.

ހާއްސަކޮށް ބޮލީވުޑްގެ އޭ ލިސްޓުގެ ތަރިއެއް މީގެކުރިން ޕާކިސްތާން ފިލްމެއްގައި ހަރަކާތްތެރިވެފަ އެއް ނުވެ އެވެ.

ނަމަވެސް ބޮލީވުޑްގެ އެންމެ ކުރީ ސަފުން ގުނާލެވޭ ބަތަލާ ކަރީނާ ކަޕޫރަށް ވަނީ ފާކިސްތާނު ފިލްމެއް ކުޅުމުގެ ހުށަހެޅުމެއް ލިބިފަ އެވެ. ކަރީނާ ކުޅޭ އެންމެ ފުރަތަމަ ޕާކިސްތާން މިފިލްމަކީ ޕާކިސްތާނުގެ މަޝްހޫރު ޑައިރެކްޓަރު ޝޮއައެބް މަންސޫރުގެ ފިލްމެކެވެ.

އެންމެފަހުގެ ހަބަރުތައް ބުނާގޮތުން މިހަފްތާގެ ތެރޭގައި ކަރީނާ މިފިލްމު ކުޅުމަށް ދުބާއީގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ކަރީނާގެ ސްޕޯކްސްޕާސަން ބުނެފައިވާކަމަށް އިންޑިއާގެ ނޫސްތަކުގައިވާ ގޮތުން ޝޮއައެބް އެންމެފުރަތަމަ ވަނީ ކަރީނާ އަށް މިފިލްމުގެ ކޮންސެޕްޓް އީމެއިލް އިން ފޮނުވާފަ އެވެ. އަދި މިފިލްމުގައި ކަރީނާ މުހިންމު އަދި ބޮޑު ރޯލަކުން ފެނިގެންދާނެ ކަން ހާމަކޮށްފައި އޮތުމުން ކަރީނާ މިފިލްމަށް ވަރަށް ބޮޑަށް ޝައުގުވެރިވި ކަމަށް ވެސް ވަނީ ބުނެފަ އެވެ. މީގެއިތުރުން މިފިލްމަށް ކަރީނާ ގަޔާވި ނަމަވެސް ފިލްމުގެ ސްކްރިޕްޓް ކިޔައި ނުލައި ފިލްމަށް ސޮއިކުރާކަށް ކަރީނާ ބޭނުންނުވި ކަމަށްވެ އެވެ.

މިހާރު ކަރީނާ ކުޅެމުން އަންނަ ފިލްމު ޑައިރެކްޓަރު އާރް ބަލްކީގެ "ކީ އެންޑް ކާ"ގެ މަންޒަރުތަކެއް ދުބާއީގައި ނަގަމުން އަންނައިރު، ކަރީނާ ދުބާއީގައި މިފިލްމުގެ ސްކްރިޕްޓް ކިޔުމަށްފަހު ސޮއިކުރާނެ ކަމަށްވެ އެވެ. އަދި މިފިލްމު ކުޅެން އޭނާ ސޮއިކުރިކަން ޓްވިޓާގައި އިއުލާންކުރުމަށް އެއް ދުވަހަށް ޓްވިޓާއަށް ވަންނާނެ ކަމަށްވެސް ވެ އެވެ.

ޝޮއައެބް ޑައިރެކްޓްކޮށްފައިވާ ފިލްމުތަކުގެ ތެރެއިން "ބޯލް" އަކީ ވަރަށް މަޝްހޫރުވި އަދި ކްރިޓިކްސްއިން އިންތިހާއަށް ތައުރީފުކޮށްފައިވާ ފިލްމެކެވެ. މިފިލްމުގެ ބަތަލާ މާހިރާ ޚާން އަންނަ އަހަރު ޝާހްރުކް ޚާނާއެކު "ރައީސް" އިން ބޮލީވުޑަށް ތައާރަފުވާނެ އެވެ.

އެންމެފަހުން ސަލްމާން ޚާނާއެކު "ބަޖްރަންގީ ބައިޖާން" އިން ފެނިގެންގޮސްފައިވާ ކަރީނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ އަންނަ އަހަރު ނިކުންނަ "އުޅްތާ ޕަންޖާބް" އިންނެވެ.