ހަބަރު

ނުކުޅެދުންތެރި މީހުނަށް ސެންޓަރެއް ހަދަނީ

Dec 3, 2020

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކޮށް، ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑިސެބިލިޓީ މެނޭޖްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރެއް ގާއިމު ކުރުމަށް ނިންމާފައިވާ ކަމަށް، ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގުވާމީ ގޮތުން މިއަދު ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތޯބުގައި، މިނިސްޓަރު ވިދާޅުވީ އެ ސެންޓަރު ގާއިމުކުރަން ތައްޔާރީތައް ވަމުންދާ ކަމަށެވެ.

އިތުރަށް ވިދާޅުވީ، ރާއްޖޭގައި ދިރިއުޅޭ ނުކުޅެދޭ މީހުންނަށް މިހާރަށްވުރެ ހަމަހަމަ ފުރުސަތުތަކާއި، އަސާސީ ހިދުމަތްތައް އެންމެ އެކަށީގެންވާ އަދި އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށްޓަކައި ވަކިވަކި ފަރުދުންގެ ފެންވަރުގައިއާއި ޖަމިއްޔާ ޖަމާއަތްތަކުންނާއި، ސަރުކާރުގެ ހުރިހާ މުއައްސަސާތަކުން ގުޅިގެން އެއް އަމާޒަކަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ރާއްޖޭގެ މުޖުތަމައުއިން ދެވޭ ސަމާލުކަން އިތުރުވެފައިވީނަމަވެސް، މިފަދަ ފަރާތްތަކަށް އަދިވެސް އެންމެ އެކަށީގެންވާ ގޮތުގައި ޝާމިލުވެއުޅުމުގައި ތަފާތު ގޮންޖެހުންތަކެއް ހުރިކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"މިއަދު އަޅުގަނޑު އެންމެ އުފާވާ، އަދި ދޭން ބޭނުންވާ އެންމެ އުފާވެރި ހަބަރަކީ ޑިސެބިލިޓީ މެނޭޖްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރެއް ގާއިމުކުރުމަށްޓަކާ ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުންދާކަން. މިއީ ރާއްޖޭގައި މިގޮތަށް ބިނާވެގެންދާނެ ފުރަތަމަ ސެންޓަރު. މިއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި ކުދިންނަށް ދިމާވެފައިވާ ވަރަށް ގިނަ ދަތިތަކަށް ހައްލު ލިބިގެންދާނެ ތަނަކަށް ވެގެންދާނެކަން ކަށަވަރު،" އައިޝާ ވިދާޅުވި އެވެ.