އިންޑިއާގެ ރިޓަޔަޑް، ސްޕެޝަލް ފޯސަސް ޖަމިއްޔާ އަކުން "އޮޕަރޭޝަން ބްލޫ ފްރީޑަމް" ގެ ނަމުގައި ރާއްޖޭގައި ދުނިޔޭގެ ރެކޯޑެއް ބާއްވަން ނިންމައި، އެ ޕްރޮގްރާމް މިއަދު ލޯންޗް ކޮށްފި އެވެ.
އިންޑިއާގެ، ސްޕެޝަލް ފޯސަސް ރިޓަޔަޑް މެންބަރުން ހިމެނޭ، ކޮންކާ ލޭންޑް، އެއާ، ވޯޓާ، ގްލޯބަލް އެޑްވެންޗާސް (ކްލޯ) ޖަމިއްޔާއިން، ރާއްޖޭގައި ބާއްވާ "ވޯޓާ ވޯލްޑް ރެކޯޑް" އިންވެންޓު ޒޫމް މެދުވެރިކޮށް ތައާރަފު ކޮށްދެމުގެ ގޮތުން، އިންޑިއާގެ ކުރީގެ ސިފައިންގެ މީހެއް ކަމަށްވާ މޭޖަރު، އަރުން އަމްބަތީ ވިދާޅުވި ގޮތުގައި 2019 ވަނަ އަހަރު އުފެދުނީ އަނިޔާގެ ސަބަބުން ރިޓަޔަޑް ކޮށްފައިވާ ސިފައިންގެ މީހެއްގެ ފަރާތުން ލިބުނު ހިޔާލަކަށް ކަމަށެވެ. އެ ދުވަހުން ފެށިގެން ދުނިޔޭގައި ފެށިގެން ދިޔަ ހަރަކާތް ދުނިޔޭގައި ފެށިފައިވާ ކަމަށް އޭނާ ބުންޏެވެ.
ސްކޫބާ ޑައިވިން ވޯލްޑް ރެކޯޑެއް ހެދުމުގެ ނަމުގައި ބާއްވާ "ބްލޫ ފްރީޑަމް" އިވެންޓު ބާއްވަނީ، ރާއްޖޭގައި އިންޓަގްރޭޑެޓް ޓޫރިޒަމް ވިޔަފާރި ތަރައްގީ ކުރަން އުފެއްދި، ޓުއަރިޒަމް ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އާ ގުޅިގެންނެވެ.
މި އިވެންޓު ލޯންޗް ކުރަން ބޭއްވި ރަސްމިއްޔާތުގައި އެމްއެންޑީއެފްގެ ބްރިގޭޑިއަ ޖެނެރަލް އަބްދު ރަހީމް އަބްދު ލަތީފުގެ އިތުރުން ރައްޔިތުން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީގެ ޗެއާމަން، ޖީހާން މަހުމޫދުގެ އިތުރުން އިންޑިއަން ހައި ކޮމިޝަންގެ ފަސްޓް ސެކްރެޓަރީ ޕޫޖާ ތިއްލޫ ވެސް ބައިވެރިވަޑައިގަތެވެ.
މި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވި މިވަގުތަކީ މިފަދަ އިންވެންޓެއް ބާއްވަން މުހިންމު ވަގުތެއް ކަމަށެވެ. އަދި މި އިވެންޓުގެ ސަބަބުން ރާއްޖޭގެ މޫދު އަޑީގެ ރީތި މަންޒަރުތަކާއި ރާއްޖޭގެ ޓޫރިޒަމްގެ ހާއްސަކަން ދުނިޔެއަށް ހުޅުވިގެންދާނެ ކަމަށެވެ.
އެމްއައިޓީޑީގެ މެނޭޖިން ޑިރެކްޓަރު، މުހައްމަދު ރާއިދު ވިދާޅުވި ގޮތުގައި މި އިވެންޓުގައި ދުނިޔޭގެ 30 ގައުމަކުން ބައިވެރިވާނެ ކަމަށެވެ.
"ރާއްޖޭގައި މީގެ ކުރިން ވަނީ ޑައިވިންގެ އިންވެންޓެއް 525 މީހުންނާއެކު ބައިވެރިވެފަ. އެ ދުވަހު ޓޫރިޒަމް މިނިސްޓަރު [ކުރީގެ މިނިސްޓަރު އަލީ ވަހީދު] ވަނީ ސްކޫބާ ވޯލްޑް ރެކޯޑެއް ބާއްވާނެކަން އިއުލާނުކޮށްފަ. މިއަދު މި ބާއްވަނީ ސްކޫބާ ޑައިވިން ވޯލްޑް ރެކޯޑެއް،" ރާއިދު ވިދާޅުވި އެވެ.
މި އިވެންޓު ބޭއްވުމުގެ ގޮތުން ހާއްސަ ވެބްސައިޓެއް ވެސް މިއަދު ވަނީ ލޯންޗް ކޮށްފަ އެވެ. މި ވެބްސައިޓު މެދުވެރިކޮށް ދުނިޔޭގެ އެކި ކަންކޮޅު ތަކުން ބައިވެރިވެވޭނެ ކަމަށް އިންޑިއާގެ ސިފައިންގެ ޖަމިއްޔާ އިން ބުނެފައިވެ އެވެ.