ބޮލީވުޑް

ޝޫޓިންގައި ޝްރަދާ ލޮލަށް އަނިޔާވެއްޖެ

Oct 21, 2015
1

އަރަމުން އަންނަ ޒުވާން ބަތަލާ ޝްރަދާ ކަޕޫރު މިހާރުވެސް އަންނަނީ ދެފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އެއީ ޓައިގާ ޝްރޮފް އާއެކު ކުޅޭ "ބާޢީ" އާއި ފަރްހާން އަޚްތަރުގެ "ރޮކް އޮން 2" އެވެ.

"ބާޢީ"ގެ މަންޒަރުތަކެއް ނަގަމުން ދަނިކޮށް ޝްރަދާގެ ފަޔަށް އަނިޔާތަކެއް މިފަހުން ލިބި މިހާރު ރަނގަޅުވެފައިވާއިރު، މީގެ ދުވަސްކޮޅެއް ކުރިން ޝިލޮންގްގައި ޝޫޓިން ފެށި "ރޮކް އޮން 2"ގެ ޝޫޓިންގައި އުޅެނިކޮށް ޝްރަދާގެ ލޮލަށް އަނެއްކާވެސް ވަނީ އަނިޔާ ލިބިފަ އެވެ.

ކުޑަ ސުއިއްޕެއް ވެއްޓި ވަނީ ލޮލުގެ ކޮއި (ކޯނިއާ) އަށް ގެއްލުން ލިބުމުގެ ސަބަބުން ޝޫޓިންގެ މެދުތެރެއިން ފަރުވާ ހޯދުމަށް ޝްރަދާ މިހާރު މުމްބައިއަށް ވަނީ އައިސްފަ އެވެ.

ޝޫޓިންގެ ތެރެއިން ޝްރަދާގެ ލޮލަށް އެއްޗެއް ވެއްޓުމުން ޝިލޮންގްގެ ލޮލުގެ ހާއްސަ ޑޮކްޓަރަކަށް ދައްކުމުން ލޮލުގެ ކޮއިގައި ކޫރުމެއް އެޅިފައިއިން ކަމަށް ބުނެފަ އެވެ. އަދި ފަހުން ޝްރަދާގެ ލޮލުގައި ވަރަށް ގަދައަށް ރިއްސަން ފެށުމުން ފިލްމުގެ ޕްރޮޑިއުސަރު ރިތޭޝް ސިދްވާނީ ވަނީ މުމްބައި އަށް އައިސް އިތުރު ޗެކަޕްތަކެއް ހަދައި ރެސްޓްކުރުމަށް ޝްރަދާ މުމްބައިއަށް ފޮނުވާލާފަ އެވެ.

ބައެއް ނޫސްތަކަށް ޝްރަދާ ދިން އިންޓަވިއުއެއްގައި ވަނީ މިހާރު ޑޮކްޓަރަށް ދައްކައި ލޯ ވަރަށް ބޮޑަށް ރަނގަޅުވެފައިވާ ކަމަށާއި ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި އަލުން ފިލްމުގެ ޝޫޓިންގައި ބައިވެރިވުމަށް ޝިލޮންގް އަށް ދާނެ ކަމަށެވެ.

އަންނަ އަހަރުގެ އޮގަސްޓްމަހު ރިލީޒްކުރުމަށް ހަަމަޖެހިފައިވާ މިފިލްމުގައި އެކްޓްކުރުމުގެ އިތުރުން ޝްރަދާ ލަވަކިޔަދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.