ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރާއްޖޭގައި އުޅޭ އެންމެންނަށް ކޮވިޑް ވެކްސިން ހިލޭ ލިބޭނެ: ރައީސް

ރާއްޖޭގައި ދިރިއުޅޭ ހުރިހާ އެންމެންނަށް ކޮވިޑް-19 ވެކްސިން ހިލޭ ފޯރުކޮށްދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ގަމުގެ މަރުކަޒީ އިންޖީނުގެ އެއް ވިއުގައަކުން ގުޅާލުން އިފްތިތާހު ކުރުމާއި ގަމުގައި ތަރައްގީ ކޮށްފައިވާ ޒޯން ސްޓޭޑިއަމްގެ ފުޓުބޯޅަ ދަނޑު އިފްތުތާހު ކުރުމާއި އެ ރަށުގެ ހޮސްޕިޓަލުގައި އަލަށް ތައާރުފު ކުރުމަށް ހަމަޖެހިފައިވާ ސީޓީ ސްކޭންގެ ހިދުމަތް ރަސްމީކޮށް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ގަމު ޒޯން ސްޓޭޑިއަމްގައި އޮތް އެ ރަސްމިއްޔާތުގައި ރައީސް ސޯލިހް ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ދުނިޔެ ހޭދަކުރި މަސްތަކަށްފަހު އެ ބައްޔަށް ވެކްސިނެއް ހޯދި އާންމުންނަށް ވެކްސިން ދިނުމުގެ މަސައްކަތް ބައެއް ގައުމުތަކުގައި ފަށާފައިވާ ކަމަށެވެ. ސަރުކާރުގެ ސިޔާސަތަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ހިލޭ ވެކްސިން ފޯރުކޮށް ދިނުން ކަމަށާ ރާއްޖޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ކޮވިޑް-19 ގެ ވެކްސިން ހިލޭ ފޯރުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ސަރުކާރުގެ ސިޔާސަތަކީ އިރާދަކުރެއްވިއްޔާ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް، އެއްވެސް ރައްޔިތަކު ބާކީ ނުކޮށް އަދި ދިވެހިރާއްޖޭގައި ދިރިއުޅޭ ހުރިހާ އެންމެންނަށް ހިލޭ އެ ވެކްސިން ފޯރުކޮށް ދިނުން،" ގަމުގެ ގިނަ ރައްޔިތުން ބައިވެރިވި ޖަލްސާގައި ރަައީސް ވިދާޅުވިއެވެ.

ކޮވިޑްގެ ބަލިމަޑުކަމުގައި ދިވެހިން 270 ދުވަސް ހޭދަ ކޮށްފައިވާއިރު މިހާތަނަށް 13,070 މީހަކަށް ވަނީ ކޮވިޑް ޖެހިފަ އެވެ. އޭގެ ތެރެއިން 12،001 މީހަކު ވަނީ ކޮވިޑުން ރަނގަޅު ވެފަ އެވެ. އެއީ ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 91 ޕަސެންޓް މީހުންނެވެ.

ކޮވިޑުން ރަނގަޅު ނުވެ ތިބީ 1،015 މީހުންނެވެ. އޭގެ ތެރެއިން 91 މީހަކަށް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. ކޮވިޑްގައި ރާއްޖެއިން 47 މީހަކު ވަނީ މަރުވެފައެވެ.

ކޮވިޑްގައި ރާއްޖެ ހޭދަކުރި އެންމެ އުނދަގޫ ދުވަސްތަކަކީ އޮގަސްޓް މަހުގެ ދުވަސްތަކެވެ. އެ މަހު އެކަނިވެސް 3،900 މީހަކަށް ބަލި ޖެހުނެވެ. 12 މީހަކު މަރުވިއެވެ. ނަމަވެސް ސެޕްޓެންބަރުން ފެށިގެން އެ ނަންބަރު ވަނީ ދަށްވާން ފަށާފައެވެ. މިއަދު ޕޮޒިޓިވްވީ 24 މީހެކެވެ. އެއީ 20 ދިވެހިިންނާއި ހަތަރު ބިދޭސީންނެވެ. މިއީ މި ފަހުން އެންމެ މަދުން މީހުން ޕޮޒިޓިވްވީ ދުވަހެވެ. މި ދިޔަ ސާޅީސް ފަސް ދުވަހުގެ ތެރޭގައި 100 އިން މައްޗަށް ކޮވިޑް ޖެހުނު މީހުންގެ އަދަދު އެރީ އެންމެ ދުވަހަކުއެވެ. ކޮވިޑް ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތައް އެޅި ނަމަވެސް ކޮވިޑް ފެތުރޭ މިންވަރު ދަށަށްދާން ފެށުމުން ބައެއް ފިޔަވަޅުތަކަށް ވަނީ ލުއި ދީފައެވެ. އެ ގޮތުން ކަރަންޓީން މުއްދަތު މިހާރު ވަނީ 14 ދުވަހުން 10 ދުވަހަށް ކުރުކޮށްފައެވެ.