ރާއްޖެ ކުޅިވަރު

ޕެނަލްޓީ ޖަހައިގެން ޕޮލިސް ބަލިކޮށް ސިފައިން ތިން ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައިފި

ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި މިއަދު ހަވީރު ވާދަވެރި ޕޮލިސް ކްލަބް އަތުން 5-3 އިން މޮޅުވެ، ދިވެހި ސިފައިންގެ ކްލަބް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ޓާފް ދަނޑުގައި ކުޅުނު މުބާރާތުގެ ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 1-1 އިން އެއްވަރުވެފަ އެވެ. މެޗުގެ 70 ވަނަ މިނިޓުގައި ޕޮލިހުގެ އަލީ މުނާޒް އެ ޓީމަށް ލީޑު ހޯދައިދީފައި ވަނިކޮށް، މެޗުގެ އިތުރު ވަގުތުގައި ސިފައިން މެޗުގެ ނަތީޖާ އެއްވަރުކުރީ އިބްރާހިމް އަހުމަދު ޖެހި ލަނޑުންނެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި ސިފައިންގެ "ހީރޯ" އަކަށްވީ ގޯލްކީޕަރު މުހައްމަދު ޝިފާން އެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި ޝިފާން ވަނީ ޕޮލިހުގެ ތިން ޕެނަލްޓީ ދިފާއުކޮށްފަ އެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި ސިފައިންގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ އިބްރާހިމް ފާރިޝް އާއި އަބްދުﷲ ސުޖާއު އާއި އިބްރާހިމް އަޙުމަދު އަދި އަލީ ފަރީދެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ އާދަމް ތޮލާލް އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް އެ ޓީމުގެ އަހުމަދު ހޮވުނުއިރު، އެންމެ މޮޅު ގޯލްކީޕަރަށް ހޮވުނީ އެ ޓީމުގެ ގޯލްކީޕަރު ޝިފާން އެވެ. މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ވެސް ހޮވުނީ ސިފައިންނެވެ.

މި މުބާރާތުގެ ފައިނަލްގައި ވާދަކުރި ދެ ޓީމު ވެސް ވަނީ މި އަހަރުގެ ދެވަނަ ޑިވިޝަން މުބާރާތަށް ކޮލިފައިވެފަ އެވެ.