ހަބަރު

ޝަހީބު ޝަރީއަތް ނިމެންދެން ބަންދުކުރި މައްސަލަ އިސްތިއުފާނު ކޮށްފި

Dec 3, 2020

ހުޅުމާލޭ ފަޅުގައި އޮތް ދޯންޏަކުން ފެނުނު 130 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހުންގެ ތެރެއިން އެކަމުގައި އިސްކޮށް ހުރި ގއ. ވިލިނގިލީ، ލައިޓްހައުސް، ޝަހީބް އިބްރާހިމް 42، ޝަރީއަތް ނިމެން ދެން ބަންދު ކުރަން ހައިކޯޓުން ކުރި އަމުރު ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފި އެވެ.

ކަންނެލި ދޯންޏެއްގައި މިދިޔަ އޮގަސްޓް މަހު ރާއްޖެ އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިިމެނޭ ޝަހީބް ބަންދުގައި ބެހެއްޓުމަށް ފަހު ކްރިމިނަލް ކޯޓުން ޝަރުތުތަކާ އެކު ބަންދުން ދޫކޮށްލީ މިދިޔަ ޖުލައި މަހުގެ ފަހުކޮޅު އެވެ. އެކަމަކު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރިއެވެ. ހައިކޯޓުން ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

ޝަހީބުގެ ފަރާތުން މިހާރު ވަނީ އެ ނިންމުން ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފައެވެ. އަދި މައްސަލައިގެ އަޑުއެހުމެއް ވަނީ ތާވަލުކޮށްފައެވެ. އަޑު އެހުން އޮތީ އަންނަ އާދިއްތަ ދުވަހު ހެނދުނު ނުވައެއް ޖަހާއިރު އެވެ.

އިދިކޮޅު ޕީއެންސީގެ ކައުންސިލް މެމްބަރަކަށްހުރި ޝަހީބުގެ މި ޑްރަގް ނެޓްވޯކުގައި އިތުރު ބަޔަކު ވެސް ހިމެނެ އެވެ. ރާއްޖެ އަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކަނޑުމަތީގައި ހިންގި އޮޕަރޭޝަންގައި ހަތް މީހަކު ހައްޔަރު ކުރި އެވެ. މި ހަތް މީހުންގެ ތެރޭގައި ހިމެނޭ ހަ މީހުންނަކީ 25 އަހަރާއި 48 އަހަރާ ދެމެދުގެ ފިރިހެނުންނެވެ. ދެން ހިމެނެނީ 18 އަހަރުން ދަށުގެ ކުޑަކުއްޖެކެވެ.