ސުޕްރީމް ކޯޓް

ޕެސްޓްގެ ބޭންކް ސްޓޭޓްމަންޓްގެ މައްސަލަ ސުޕްރީމް ކޯޓަށް

Sep 8, 2022
2

މަސްތުވާތަކެތީގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ރެޕް ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް)ގެ ބޭންކް ސްޓޭޓްމަންޓް އޭނާއާ ދެކޮޅު ހެއްކެއްގެ ގޮތުގައި ބަލައިގަތުމަށް ހައިކޯޓުން ނިންމި މައްސަލަ ޕެސްޓްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފި އެވެ.

ޕެސްޓުގެ މައްޗަށް މަސްތުވާތަކެއްޗާ ގުޅުންހުރި ފަސް ދައުވާއެއް ދައުލަތުން އުފުލާފައިވެ އެވެ. އެއީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާއާއި، ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާއާއި، ކެނަބިސް ބޭނުން ކުރުމުގެ ދައުވާއާއި، މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާގެ އިތުރުން ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުން ކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރު ކުރުމުގެ ކުށުގެ ދައުވާ އެވެ.

ދައުލަތުން އުފުލާފައިވާ ދައުވާތަކުގައި އޭނާއާ ދެކޮޅަށް ދައުލަތުން ހެކީގެ ގޮތުގައި ހުށަހެޅި ބޭންކް ސްޓޭޓްމަންޓްތައް ފުލުހުން ހޯދީ ގާނޫނާ ހިލާފަށް ކަމަށް ކްރިމިނަލް ކޯޓުގައި ޕެސްޓްގެ ފަރާތުން ކުރިން ބުނެފައިވެ އެވެ. އެ މައްސަލައިގައި އެ ކޯޓުން ނިންމީ ބޭންކް ސްޓޭޓްމަންޓް ބަލައިނުގަތުމަށެވެ.

ދައުލަތުން އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ހައިކޯޓުން ވަނީ ބޭންކް ސްޓޭޓްމަންޓް ހޯދުމުގައި އަމަލުކުރީ ރަނގަޅަށް ކަމަށް ނިންމާ ހެކީގެ ގޮތުގައި ބޭންކް ސްޓޭޓްމަންޓް ބަލައިގަތުމަށް އަންގާފަ އެވެ.

ހައިކޯޓުގެ ނިންމުން ޕެސްޓްގެ ފަރާތުން މި ހަފްތާގެ ތެރޭގައި އިސްތިއުނާފް ކުރި ނަމަވެސް މައްސަލަ ބަލައިގަތުމާ މެދު އަދި ވަކި ގޮތެއް ނުނިންމަ އެވެ.

ޝަރުތުތަކަކާ އެކު ޕެސްޓް ކުރިން ގެއަށް ދޫކޮށްލާފައި ވަނިކޮށް ހައިކޯޓުން އަމުރުކޮށްގެން މިހާރު އޭނާ ހުރީ ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފަ އެވެ.