އިތުބާރަކީ ގިނަދުވަހުގެ މަސައްކަތުން ލިބިގަނެވޭ އެއްޗެކެވެ. ފަރުދީ އިތުބާރާއި ދަތުރު ފަތުރުކުރާ މަންޒިލް ތަކުގެ އިތުބާރަށް ވިޔަސް މިކަމުގައި ތަފާތެއް ނޯވެ އެވެ. އިތުބާރު ހޯދާ ދެމެހެއްޓުމަށް ގިނަގުނަ މަސައްކަތް ތަކެއް ކުރަން ޖެހެއެވެ. އެކަމަކު ކުރާ ކުޑަކުޑަ ކަމަކުން ވެސް އިތުބާރު ގެއްލިދެ އެވެ. އިތުބާރު ގެއްލުމަށް ފަހު އަނބުރާ ހޯދުމަކީ ވަރަށް އުނދަގޫ ކަމެކެވެ.
ތެދަށްވުރެ ހަލުވި ކަމާއިއެކު ދޮގު ފެތުރޭކަން އެންމެންވެސް ދަންނަމު އެވެ. ރޭހެއްގައި ދޮގު ހަބަރާއި ތެދު ހަބަރު ބައިވެރި ވިޔަސް ދޮގު ހަބަރު ދުނިޔޭގެ ދެބައިކުޅަ ދަތުރުކުރާ އިރު، ތެދު ހަބަރަށް ކިރިޔަކިރިޔާ ފަށާ ރޮނގުން ނައްޓާލެވޭނީ އެވެ.
މިއީ 1948 ވަނަ އަހަރުގެ ހާލަތެވެ؛ އޭރަކު ޓީވީ އާއި ރޭޑިއޯ ފަދަ ވަސީލަތް ތަކަކީވެސް ދުނިޔޭގައި އެހާ އާއްމު ވަސީލަތް ތަކެއް ނޫނެވެ. އެއީ އީމެއިލް އާއި އިންޓަނެޓާއި މިހާރު ބޭނުން ކުރަމުން މިދާ ސޯޝަލް މީޑިއާގެ އެއްވެސް ވަސީލަތެއް އުފަން ވުމުގެވެސް މާ ކުރި އެވެ.
މި 21 ވަނަ ގަރުނުގެ ދުވަސްތަކަކީ ޓެކްނޮލޮޖީގެ ގޮތުން ގުޅި ލާމެހިފައިވާ ދުވަސް ތަކެއްކަމުން ދޮގު ހަބަރު، ދުނިޔެވަށާ ދަތުރުކުރަން ނަގާނީ ފަޅި ސިކުންތު ކޮޅަކަށްވުރެ ވެސް މަދު ވަގުތު ކޮޅެކެވެ. ދޮގު ރުވުމަށްފަހު އޭގެ ގެއްލުން ހުއްޓުވުމަކީ މުސްތަހީލު ކަމަކަށް ވެދެއެވެ.
މިހާރު މައުލޫމަތު ހޯދުމާއި ލިބިގަތުމުގެ ވަސީލަތްތަކާއި ގާބިލްކަން ކުރިޔަށް ގޮސްފައިވާ މިންވަރަށް ބަލާއިރު، ހާއްސަކޮށް ހަބަރާއި މައުލޫމާތު ލިބިގަތުމުގައި ސޯޝަލް މިޑިއާގެ ވަސީލަތްތަކަށް ދުނިޔެ ބަރޯސާ ވެފައިވާ މިންވަރަށް ބަލާއިރު، އިތުބާރާއެކު ތެދު ހަބަރާއި މައުލޫމާތު ފެތުރުމަކީ ފަސޭހަ ކަމެއްނޫނެވެ. އެކަމަކު ކަށަވަރުކޮށް އެނގޭކަމަކީ ފަތުރުވެރިންގެ އިތުބާރު ހޯދޭނީ ފަތުރުވެރިކަމުގެ ސިނާއަތުގައި ކުރާ ކަންކަމާ ގުޅިގެން ފޯރުކޮށް ދެވޭ މައުލޫމާތުގެ ސައްހަކަމުގެ މައްޗައް ކަމެވެ. އެހެންކަމުން ކަންކަމާގުޅޭ ބޭނުންތެރި ސައްހަ މައުލޫމާތު، ކަމާބެހޭ ރަސްމީ ފަރާތްތަކުން ހާމަކުރަމުން ގެންދިއުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.
ކޮވިޑުގެ ސަބަބުން އިތުބާރު ގެއްލިފައިވާ ފަތުރުވެރި މަންޒިލް ތަކަށް، ފަތުރުވެރިންގެ އިތުބާރާއި ޔަގީންކަން އަނބުރާ އިއާދަވުމަށް އަހަރުތަކެއް ނަގާނެ އެވެ. ހާއްސަކޮށް ދުރު ރާސްތާ މަންޒިލް ތަކަށް ކައިރި މުސްތަގް ބަލެއްގައި ފަތުރުވެރިން ދަތުރު ކުރުން މަދުވާނެ އެވެ. އެކަމަކު އިތުބާރާއި ޔަގީންކަން އިއާދަވުމަށް ފުރިހަމަ ކުރަންޖެހޭ ކަންކަން ކުރެވިއްޖެ ނަމަ އެ މުއްދަތު ކުރުވުމަކީ އެކަށީގެންވާ ކަމެކެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި، ފަތުރުވެރި މަންޒިލްތަކުން ފަތުރުވެރިން ބޭނުންވާ ކަންތައް ތަކުގެ ތެރޭގައި ފަތުރުވެރިޔާގެ ސަލާމަތާއި ރައްކާ ތެރިކަން ހިމެނެނީ ފަތުރުވެރިން ބޭނުންވާ ކަންކަމުގެ ލިސްޓުގެ ކުރީގަ އެވެ. އަދި ފަތުރުވެރިން ބޭނުންވާ ސަލާމަތާއި ރައްކާ ތެރިކަން ޔަގީން ކަމާއެކު ފޯރުކޮށްދޭ ފަރާތްތަކުގެ ޚިދުމަތް ލިބިގަތުމަށް ދޭންޖެހުނު ކޮންމެ އަގެއް ދޭންވެސް ފަތުރުވެރިން ތައްޔާރެވެ.
މިގޮތުން ފަތުރުވެރި މަންޒިލް ތަކުން ފޯރުކޮށްދޭ ރަސްމީ މައުލޫމާތު ތަކުގެ މައްޗަށް 80 ޕަސެންޓް ފަތުރުވެރިން ބަރޯސާވާއިރު، މިފަދަ މައުލޫމާތަކީ ސައްހަ މައުލޫމާތައް ވުން ކޮންމެހެން ބޭނުން ތެރިއެވެ.
މިދުވަސްކޮޅު ދުނިޔޭގެ ފަތުރުވެރިން ބަލަމުންދާ ކަންކަމުގެ ތެރޭގައި ދަތުރުކުރާ މަންޒިލް ތަކުގައި އެމީހުންގެ ސަލާމަތާއި ރައްކާތެރި ކަން ކަށަވަރު ކުރުމަށް ހަމަޖެހިފައިވާ އުސޫލުތަކާއި، ގާއިމު ކުރެވިފައިވާ ވަސީލަތް ތަކާއި އެތަންތަނުން ހިދުމަތް ލިބިގަތުމުގެ ފަސޭހަ ކަމާއި، ހަލުއި ކަމާއި ފެންވަރާއި އެ ހިދުމަތުގެ އަގުގެ މައްޗަށް ވަރަށް ބޮޑަށް ބަރޯސާވާކަން ވަނީ ފާހަގަ ކުރެވިފަ އެވެ. އެހެންކަމުން ރަނގަޅު ފެންވަރުގެ ސިއްހީ ޚިދުމަތްދޭ ތަންތަނާއި ވަސީލަތްތައް ގާއިމުވެފައިވާ މަންޒިލް ތަކަށް މި ދުވަސްވަރު ފަތުރުވެރިން ގިނައިން ދަތުރުފަތުރު ކުރާނެ އެވެ.
ކޮވިޑާ ގުޅިގެން ހެދިފައިވާ ރައްކާތެރިކަމުގެ އުސޫލްތަކާ އެއްގޮތަށް، ގައިދުރުކަން ކަށަވަރު ކޮށްދޭ ފްލައިޓް ތަކުގައި ދަތުރު ކުރުމަށް އިތުރަށް ހޭދަކުރުމަށް 43 ޕަސެންޓް ފަތުރުވެރިން އެއްބަސްވާއިރު 60 ޕަސެންޓް ފަތުރުވެރިން އާއިލާ އާއިއެކު މިފަދަ ފްލައިޓް ތަކުގައި ދަތުރު ކުރުމަށް އިތުރަށް ހޭދަކުރަން އެއްބަސް ވެއެވެ. ގިނަ ފަތުރުވެރިން އެމީހުން އިތުބާރުކުރާ ބްރޭންޑް ތަކަށް ދަތުރު ކުރާނެ ކަމަށް ބެލެވޭއިރު، އެ ބްރޭންޑް ތަކުގެ ނިއު ނޯމަލް އުސޫލުތަކާ ބެހޭ ފަހުގެ ސައްހަ މައުލޫމާތުން މިފަދަ ފަރާތްތަކަށް ނުފޫޒު ފޯރުވާކަން ވަނީ ފާހަގަ ކުރެވިފައެވެ. މީހުންގެ 75 ޕަސެންޓް ބުނާ ގޮތުން މުވައްޒަފުން ރަނގަޅަށް ޕީޕީއީ އަޅާއިގެން ހިދުމަތްދޭ ބްރޭންޑްތަކުގެ ވާހަކަ، ތިންވަނަ ފަރާތަކުން ބުނުމުން، އެ ބްރޭންޑް ތަކަށް ކުރާ އިތުބާރާއި ޔަގީންކަން އިތުރު ވެގެން ދެއެވެ.
ކުރިޔަށް އޮތް "ޕޯސްޓްކޮވިޑް" ދުވަސްތަކުގައި ދަތުރުފަތުރު ކުރާ ފަރާތްތައް އިތުރު ވާނެ ކަމަށް ބެލެވުނަސް ދަތުރު ވެރިންނަށް ޓަކައި ތައްޔާރު ކޮށްފައިވާ ޕްރޮޑަކްޓް ތަކާއި ތަންތަނާއި ހިދުމަތް ތަކުގެ ވާހަކަ، ފަތުރުވެރިންގެ ޝައުގުވެރިކަން އަތުލައިގަނެވޭ ގޮތަށް، އެކަންކަމާބެހޭ ސައްހަ މައުލޫމާތު، ފަތުރުވެރިންނާ ހަމަޔަށް ފޯރުކޮށް ނުދެވި ޑިމާންޑެއް އުފެދޭނެ ކަމަކަށް ނުބެލެވެއެވެ. މިފަދަ ޕްރޮޑަކްޓް ތަކަށް އެކަށީގެންވާ ޑިމާންޑެއް އުފެއްދުމުގައި، އެ ޕްރްޑަކްޓްތަށް އުފައްދާފައި ހުންނަ މަންޒިލްގެ މަގްބޫލުކަން އިތުރުކޮށް އެ މަންޒިލާ މެދު ފަތުރުވެރިންގެ އިތުބާރާއި ޔަގީންކަން އޮންނަ މިންވަރު ވެސް ބޮޑު ދައުރެއް އަދާ ކުރެއެވެ.
ފަތުރުވެރިކަމަށް ގައުމުގެ އިގްތިސޯދު މުޅިންހެން ބަރޯސާ ވެފައިވާ އިރު، ގައުމަށް ޒިޔާރަތް ކުރަން ބޭނުންވާނެ ކޮންމެ ގައުމެއްގެ ކޮންމެ ރައްޔިތަކަށް ވެސް، ތަފާތު ކުރުމެއް ނެތި، ފުރިހަމަ ސަލާމަތާއި ރައްކާތެރިކަން، އެމީހެއްގެ އަމިއްލަ ނަޒަރުން މިނެ ކިރާއިރު އޮތްކަން އެމީހަކަށް ކަށަވަރު ވާގޮތަށް އަމަލާއި، ބަހުން ސާބިތުކޮށް ނުދެވިއްޖެ ނަމަ، ފަތުރު ވެރިކަމުގެ ރިކަވަރީ ލަސްވުމަކީ އެކަށީގެންވާ ކަމެކެވެ.