ގިނަ ދުވަހުން ވިހައިގެ އަސަރު ހަށިގަނޑަށް ފެތުރޭ ކަހަލަ ވިހައެއް އޭނާއަށް ދިން ކަމަށް އިންޑިޔާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރް ފުރަތަމަ ފަހަރަށް މީޑިއާގައި ބުނެފި އެވެ. މިއީ ވަރަށް ކުރިން ހިނގި ހާދިސާއެކެވެ. އަދި އިންޑިޔާގެ ނޫސްތަކުގައި މި ވާހަކަތައް ވަރަށް ކުރިންސުރެ ޖަހަމުން ގޮސްފައި ވެއެވެ. ނަމަވެސް މީގެ ކުރިން މިކަމާ ގުޅޭ ގޮތުން ލަތާ އެއްވެސް ކޮމެންޓެއް ކޮށްފައެއް ނުވެ އެވެ.
އިންޑިޔާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ލަތާ ބުނީ އޭނާއަށް ވިހަ ދިން ވާހަކައަކީ ހަމަ ތެދު ވާހަކައެއް ކަމަށެވެ.
"އަހަރެމެން މަންގޭޝްކަރް އާއިލާގެ މީހުން އެ ވާހަކަ އެއްގޮތަކަށް ވެސް ނުދައްކާ ތިބީ. އެއީ އަހަރެމެންގެ ހަޔާތުގައި އައި ވަރަށް ހިތްދަތި ދުވަސްތަކެއް. އަހަންނަށް ވިހަ ދީ އަޑު ހަލާކު ކޮށްލުމުގެ މަސައްކަތް ކޮށްފައިވަނީ 1963 ވަނަ އަހަރު. އެ ފަހަރު ވާން ފެށި ގޮތަކީ ކުއްލިއަކަށް އަހަރެންގެ ހަށިގަނޑުން މާ ބޮޑަށް ވަރުދޫވެ ބަލިވާން ފެށީ. ވަރު ނެތިގެން ގޮސް އެނދުން ވެސް އަމިއްލައަށް ނުތެދުވެވޭ. އަދި އެއްވެސް ހަރަކާތެއް ހަށިގަނޑަށް ނުގެނެވޭ ވަރަށް ވަރުދެރަވި،" ލަތާ ބުންޏެވެ.
އެ ދުވަސްވަރު ނޫސްތަކުން ފެތުރި ޚަބަރުތަކުގައި ބުނެފައިވަނީ ލަތާ އަށް ދުވަހަކު ވެސް ދެން ލަވަ ނުކިޔޭނެ ކަމަށް ޑޮކްޓަރުން އޭރު ބުނި ކަމަށެވެ. ނަމަވެސް މިއީ ތެދެއް ނޫން ކަމަށް ލަތާ ބުންޏެވެ.
"އެއީ އަހަރެންނަށް ވިހަ ދިނުމާ ގުޅޭ ގޮތުން ފެތުރި ދޮގު ޚަބަރެއް. އެއްވެސް ޑޮކްޓަރެއް ނުބުނޭ އަހަންނަކަށް ލަވަ ނުކިޔޭނެއެކޭ. ހަގީގަތަކީ އެޔެއް ނޫން. އަހަންނަށް ފަރުވާ ކުރީ ފެމެލީ ޑޮކްޓަރު އާރްޕީ. ކަޕޫރު. އަހަރެން މުޅިން ފަސޭހަކޮށް އަލުން ފައިމައްޗަށް ކޮޅަށް ނަގަން އޭނާ ހުރީ އަޒުމު ކަނޑައަޅައިގެން. އަދި ވިހައިގެ ސަބަބުން އަހަރެންނަށް އެއްގޮތަކަށް އަޑު ބޭރު ނުކުރެވޭ ވަރެއް ވެސް ނުވޭ،" ލަތާ ބުންޏެވެ.
ޑރ. ކަޕޫރުގެ ފަރުވާ އިން މަޑުމަޑުން ރަނގަޅުވަމުން އައިސް ލަތާގެ ސިއްހަތު އަނބުރާ ލިބުނެވެ.
"އަހަންނަށް ވިހަ ދީފައިވާކަން އެއީ ހަމަ ޔަގީން ކުރެވިފައިވާ ކަމެއް. އަހަރެން ތިން މަސް ވަންދެން އެނދުން ނުތެދުވެވި އޮތިން. ޑރ. ކަޕޫރުގެ ފަރުވާއިން އަހަރެން ރަނގަޅުވެ ސްޓޫޑިއޯއަށް އެނބުރި ދެވޭވަރުވީ ތިން މަހަށް ވުރެ ގިނަ ދުވަސް ފަހުން،" ލަތާ ކިޔައިދީފައި ވެއެވެ.
ލަތާ ބަލި ރަނގަޅުވުމުން އޭނާ ލައްވާ ފުރަތަމަ ލަވައެއް ރެކޯޑް ކުރުވީ ލަވަކިޔުންތެރިޔާ އަދި ކޮމްޕޯސާ ހެމަންތު ކުމާރެވެ.
"ހެމަންތުދާ އަހަރެންގެ ގެޔަށް އައިސް އަހަރެން ރެކޯޑް ސްޓޫޑިއޯ އަށް ގެންދަން މަންމަގެ ކައިރިން ހުއްދައަށް އެދުނު. އޭނާ މަންމަ ކައިރީ އެ ދުވަހު ވައުދުވި އަހަރެންނަށް ކުޑަކޮށް ވެސް އުނދަގުލެއް ވާހެން ހީވާނަމަ އަނބުރާ ގެއަށް ގެނެސްދޭން. ނަސީބުން އެ ދުވަހުގެ ރެކޯޑިން ދިޔައީ ވަރަށް ރަނގަޅަށް. އަހަރެންގެ އަޑެއް ނުގެއްލޭ،" ލަތާ ބުންޏެވެ.
އެ ދުވަހު ހެމަންތު އަށް ލަތާ ރެކޯޑް ކޮށްދިން ލަވައަކީ "ބީސް ސާލް ބާދު" ގެ 'ކަހިނ ދީޕް ޖަލޭ ކަހިނ ދިލް" އެވެ. މި ލަވައިން ލަތާ އަށް ފިލްމްފެއާ އެވޯޑު ވެސް ލިބިފައި ވެއެވެ.
ލަތާގެ ބަލި މުޅިން ފަސޭހަވެ އަލުން ފައިމައްޗަށް ކޮޅަށް ތެދުވުމުގައި މަޝްހޫރު ޝާއިއު މަޖްރޫހު ސުލްތާންޕޫރީ ކޮށްދިން މިންނަތް މަސައްކަތް ލަތާ ފާހަގަކުރީ ވަރަށް އަސަރާ އެކުގަ އެވެ.
"މަޖްރޫހު ސާހަބް ކޮންމެ ދުވަހަކު އަހަރެންގެ ގެޔަށް އައިސް އަހަރެން ކައިރީގައި ޅެން ކިޔައިދޭން އެތައް އިރަކު އިނދޭ. އަހަރެން ބަލިވެ އޮތް ހުރިހާ ދުވަހަކު އޭނާ ކޮންމެ ދުވަހަކު އައި. އަހަރެމެންގެ ގޭގައި ކައްކާ ވަރަށް އާދައިގެ ކާނާ އަހަރެމެންނާއެކު ކައި ހެދި. އަހަރެންގެ ހަޔާތުގެ މި އުނދަގޫ ދުވަސްތަކުން އަރައިގަނެވުނީ މަޖްބޫރު ސާހަބްގެ ސަބަބުން ކަމަށް ގަބޫލުކުރަން،" ލަތާ ބުންޏެވެ.
އޭނާއަށް ވިހަ ދިނީ ކާކުކަން ހޯދުނު ހެއްޔެވެ؟ ލަތާ އަށް އޭނާއަށް ވިހަން ދިން މީހާ އެނގޭ ހެއްޔެވެ؟ މި ސުވާލުގެ ޖަވާބު ލަތާ ދިނީ ވަރަށް ދެރަވެފައި އިނދެ އެވެ.
"އާނ. އަހަންނަށް އެނގުނު އެއީ ކާކުކަން. ނަމަވެސް އެމީހާ އާ ދެކޮޅަށް ދެއްކޭނެ އެއްވެސް ހެއްކެއް ނެތީމަ އަޅާ ނުލީ،" ވަރަށް މަޑުމަޑުން ލަތާ އެހެން ބުނެފައި ފުން ހިމޭންކަމެއްގެ ތެރެއަށް ގެނބުނެވެ.
އެއީ ކާކުކަން އެނގުނަސް މިއަދު ވެސް އެ މީހާގެ ނަން މީހުންނަށް ހާމަކުރަން ވެސް ލަތާ ބޭނުމެއް ނޫނެވެ.
އެއްވެސް އިންސާނަކު އަނެއް އިންސާނަކަށް އެފަދަ ގެއްލުމެއް ދޭން އުޅެފާނެ ކަމަށް ގަބޫލުކުރަން ވެސް ލަތާ އަށް އުނދަގުލެވެ. ފުން ހިމޭންކަމެއް އޭނާ އިޚްތިޔާރުކުރީ އެހެންވެ އެވެ.