ބޮލީވުޑް

އަލުން ފިލްމު ކުޅެން ފަށަން ތައްޔާރު: ޖެނީލިއާ

ބަތަލާ ޖެނީލިއާ ޑިސޫޒާ އަލުން ފިލްމީ ދުނިޔެއަށް އަންނަން ތައްޔާރުކަމަށް ބުނެފި އެވެ. އެކްޓަރު ރިތޭޝް ދޭޝްމުކް އާ މީގެ އަށް އަހަރު ކުރިން ކައިވެނި ކުރި ފަހުން ޖެނީލިއާ އުޅެނީ ފިލްމުތަކާ ވަރަށް ދުރުގަ އެވެ.

ފިލްމު ކުޅުން ހުއްޓާލައިގެން ހުރީ އެކަމާ ފިރިމީހާ ރިތޭޝް ހިތްހަމަ ނުޖެހޭތީ އެއް ނޫނެވެ. އެއީ ޖެނީލިއާ އަމިއްލައަށް ބޭނުންވެގެން ނިންމި ނިންމުމެކެވެ.

"އަލުން އެކްޓް ކުރަން ފަށާށޭ ރިތޭޝް އަބަދުވެސް ބުނޭ އަދި އެކަމަށް ވަރަށް ހިތްވަރުދޭ. އޭނާ އަބަދުވެސް ބުނީ އަހަރެންގެ ހުނަރުވެރިކަން ބޭކާރު ކުރަނީ ކީއްކުރަންހޭ. އަހަރެން ފިލްމު ކުޅުމުގައި ބިޒީ ވެއްޖިއްޔާ ކުދިން ބެލުމުގެ ކަންތަކާ އޭނާ ހަވާލުވާނެ ކަމަށް ވެސް ބުނޭ. ނަމަވެސް އަހަރެން ކުދިން ބަލަން ގޭގައި ހުންނަން ބޭނުންވީ. އެކަމަކު މިހާރު އަހަރެން ވެސް މިހިރީ އަލުން ފިލްމީ ދުނިޔެއަށް އެނބުރި އަންނަން ތައްޔާރަށް،" ޖެނީލިއާ ބުންޏެވެ.

ރިތޭޝް އާއި ޖެނީލިއާ ކައިވެނިކުރީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ 10 އަހަރު ފަހުންނެވެ. އެހެންކަމުން ދެ މީހުންގެ ގުޅުމަށް މިހާރު ވަނީ 18 އަހަރަށް ވުރެ ގިނަ ދުވަސް ވެފަ އެވެ. ރިއާން އާއި ރާހީލް ކިޔާ ދެ ފިރިހެން ދަރިން މިހާރު ރިތޭޝް އާއި ޖެނީލިއާ އަށް ލިބިފައި ވެއެވެ. މި ދެ ތަރިންނަކީ ބޮލީވުޑްގައި މަސައްކަތްކުރާ އެންމެ ކޫލް ދެމަފިރިންގެ ގޮތުގައި ގިނަ ބަޔަކު ސިފަ ކުރެ އެވެ.

ދާދިފަހުން އިންޑިޔާގެ އޮންލައިން ނޫހަކަށް ދީފައިވާ އިންޓަވިއު އެއްގައި ޖެނީލިއާ ބުނީ އެމީހުންގެ ކައިވެނި އެހާ އޮމާން ކަމާއެކު ކުރިޔަށް ދިއުމުގެ ހުރިހާ ކްރެޑިޓެއް ވެސް ދޭން ޖެހެނީ ރިތޭޝް އަށް ކަމަށެވެ.

ކައިވެނިކޮށްގެން އުޅޭ ކޮންމެ ދެމަފިރިއެއްގެ ވެސް މައްސަލަތަކެއް ހުންނާނެ އެވެ. އެއްވެސް މައްސަލައެއް ނުޖެހި އުޅޭ ހަމަ އެއްވެސް މީހަކު ހުންނާނެ ކަމަކަށް ޖެނީލިއާ ގަބޫލެއް ނުކުރެ އެވެ. އެގޮތުން އެމީހުންގެ މެދުގައި ވެސް މައްސަލަތައް ޖެހި ބައެއް ފަހަރަށް އެކަކު އަނެކަކާ މުއާމަލާތްކުރަން ދަތިވާ ފަހަރު ފަހަރު ވެސް އަންނަ ކަމަށް ޖެނީލިއާ ބުންޏެވެ.

"ރިތޭޝް އެންމެ ފަހަރަކުވެސް އިސްވެ ޒުވާބެއް ނުފަށާނެ. ޒުވާބު ކުރަނީ އަހަރެން އެކަމަށް ބޭނުން ވެގެން ޒުވާބު ކުރަން އުޅުނީމަ. ޒުވާބު ކުރިޔަސް ރިތޭޝް އެކަން މާ ބޮޑު ކަމަކަށް ނުހަދާ އަހަންނަށް ދޫކުރުމުން ޒުވާބު ހުއްޓެނީ،" ޖެނީލިއާ ބުންޏެވެ.

ޖެނީލިއާ ބުނި ގޮތުގައި ދަރިން ލިބުނުފަހުން އެމީހުން ޒުވާބު ކުރުން ހުއްޓާލައި ޖެހޭ މައްސަލަތައް ވާހަކަ ދައްކައިގެން ހައްލުކުރަން ވަނީ ދަސްކޮށްފަ އެވެ. ސަބަބަކީ ޒުވާބު ކުރާ އަޑު އިވުމުން ކުދިންނަށް އޭގެ ނޭދެވޭ އަސަރު ކުރާނެތީ އެވެ. އަދި އެ މީހުން ދިރިއުޅުމުގައި ކުރާ ހުރިހާ ކަމެއްގައި ވެސް ކުދިން ޝާމިލުކުރަން މަސައްކަތްކުރާ ކަމަށް ޖެނީލިއާ ބުންޏެވެ.