ލައިފްސްޓައިލް

އަކްޝަތާ: އިނގިރޭސި ރާނީއަށްވުރެ މުދާވެރި

އިނގިރޭސި ސަރުކާރުގެ ޗީފް ފައިނެންޝަލް މިނިސްޓަރުގެ މަގާމުގައި މިހާރު ހުރި ރިޝީ ސުނާކްގެ އަންހެނުން އަކްޝަތާ މުރްތީއަކީ އިނގިރޭސީ ރާނީ އެލިޒަބަތު އަށް ވުރެ މުދާވެރި އަންހެނެއް ކަން ހާމަވެއްޖެ އެވެ. ރިޝީ ސުނާކްގެ މަގާމަށް ރަސްމީކޮށް އެ ގައުމުން ދީފައިވާ ނަމަކީ ބްރިޓިޝް ޗާންސެލާ އޮފް ދަ އެކްސްޗެކުއާ އެވެ. މިއީ ޓެކްސް އާއި އެނޫން ވެސް ގޮތްގޮތުން އެ ގައުމުގެ ހުރިހާ ފައިސާއެއްގެ ކަންތަކުގައި އެންމެ އިސްކޮށް މަސައްކަތްކުރާ މިނިސްޓަރެވެ.

ސުނާކް އަކީ އިނގިރޭސި ވިލާތުގެ ރައްޔިތެއް ނަމަވެސް އޭނާއަކީ އިންޑިޔާ ދަރިކޮޅު މީހެކެވެ. ސުނާކްގެ އަންހެނުން އަކްޝަތާ އަކީ ދުނިޔެއަށް މަޝްހޫރު ޓެކް ކުންފުނި އިންފޮސިސްގެ ބާނީ އެންއާރް ނާރަޔަން މުރްތީ އާއި އިންފޮސިސް ފައުންޑޭޝަންގެ ޗެއާޕާސަން ސުދާ މުރްތީގެ ދެ ދަރިންގެ ތެރެއިން އެއް ދަރިއެވެ.

އިނގިރޭސި ވިލާތުގެ ގާޑިއަން ނޫހުގައިވާ ރިޕޯޓެއް ބުނާ ގޮތުން އަކްޝަތާގެ މިލްކިއްޔާތުގެ 480 މިލިއަން ޕައުންޑަށް ވުރެ ގިނަ އެވެ. އިނގިރޭސި ރާނީގެ މިލްކިއްޔާތުގެ އަގަކީ 350 މިލިއަން ޕައުންޑެވެ. އެހެންކަމުން ރާނީ އަށް ވުރެ އަކްޝަތާ މާ ބޮޑަށް ވެސް މުދާވެރި އެވެ.

ސުނާކް އަކީ އިނގިރޭސި ވިލާތުގެ ނުފޫޒުގަދަ ސިޔާސީ މީހަކަށް ވުމާއި މިނިސްޓަރަކަށް ވާތީ އޭނާގެ އަންހެނުންގެ މުދާވެރިކަން ސިއްރު ކޮށްފައިވާ ކަމުގެ ތުހުމަތުތައް އިދިކޮޅު ފަރާތްތަކުން މިހާރު ގެންދަނީ ކުރަމުންނެވެ.

އިނގިރޭސި ގާނޫނު ބުނާ ގޮތުން މަގާމާ ހަވާލުވުމުގެ ކުރިން ކޮންމެ މިނިސްޓަރަކު ވެސް އެމީހެއްގެ ހުރިނަމަ ހުރިހާ މުދަލަކާއި އާއިލާގެ މީހުންގެ މުދާވެރިކަން ހުރި ވަރެއްގެ މައުލޫމާތުތައް ކަމާ ބެހޭ އިދާރާތަކަށް ތަފްސީލުކޮށްދޭން ޖެހެ އެވެ.
މި ގާނޫނަކީ މިނިސްޓަރެއްގެ ޑިއުޓީ އަދާކުރާއިރު އެއްވެސް ކަހަލަ ނުފޫޒެއް ނެތި މަސައްކަތްކުރެވޭނެކަން ޔަގީންކުރުމުގެ ގޮތުން ހަދާފައިވާ ގާނޫނެކެވެ. އޭނާގެ އަންހެނުންގެ މުއްސަނދިކަން ސިއްރުކޮށްގެން މި ގާނޫނާ ސުނާކު ހިލާފުވި ކަމަށް ބުނެ އެ މައްސަލައިގެ ތަހުގީގެއް މިހާރު ކުރިޔަށް އެބަ ދެއެވެ.

ސުނާކް ހުށަހެޅި ފައިނެންޝަލް ސްޓޭޓްމަންޓްގައިވާ ގޮތުން އޭނާގެ އަންހެނުންގެ ހުރީ އިނގިރޭސި ވިލާތުގައި އޭނާ ހިންގާ ކަޓަމަރާން ވެންޗާޒް ކިޔާ ވަރަށް ކުޑަކުޑަ ކުންފުންޏެއް އެކަންޏެވެ. އަކްޝަތާ އަކީ އިންފޮސިސްގެ ޝެއާތަކުގެ ތެރެއިން ބޮޑު ބައެއްގެ މިލްކުވެރިޔާ ކަމެއް ސުނާކްގެ ސްޓޭޓްމަންޓްތަކުގައި ނެތް ކަމަށް ވެއެވެ. އަނެއްކޮޅުން އިނގިރޭސި ސަރުކާރުގެ ކޮންޓްރެކްޓް މަސައްކަތްތަކެއް އިންފޮސިސް އިން ކުރެ އެވެ. އެހެންވީމާ ސުނާކް އަމިއްލަ ފައިދާ ކޮންމެ ގޮތެއް ވިޔަސް މިކަމުގައި ހިމެނެ އެވެ.

މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އަކްޝަތާގެ އިތުރު ހަ ކުންފުންޏެއް އިނގިރޭސި ވިލާތުގައި މިހާރު ވެސް އޮޕަރޭޓް ކުރެ އެވެ. މީގެ ތެރޭގައި އަހަރަކު 900 މިލިއަން ޕައުންޑް ލިބޭ އެމެޒޯން އިންޑިއާ އާއެކު ހަދާފައި ޖޮއިންޓް ވެންޗާ އެއްބަސްވުން ހިމެނެ އެވެ.

ސުނާކްގެ މައްސަލަ ބަލަން އިނގިރޭސި ސަރުކާރަށް ޕްރެޝަރު ކުރަމުންދާތީ އެ މައްސަލަ ބަލަމުން ދިޔަސް އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސްގެ އޮފީހުން ބުނެފައިވަނީ ސުނާކްގެ ފައިނެންޝަލް ސްޓޭޓްމަންޓްތަކުގައި އެއްވެސް އޮޅުވާލުމެއް ނެތް ކަމަށާއި ސުނާކް އަމަލުކޮށްފައިވަނީ މިނިސްޓަރުންގެ ކޯޑް އޮފް ކޮންޑަކްޓްސް އާ އެއްގޮތަށް ކަމަށެވެ.