ކިލޯއެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ފަސް މީހަކު ދޫކޮށްލަން ކޯޓުން އަމުރު ކުރުމުން އެ މައްސަލައިގެ ތަފްސީލް ހާމަކޮށް އެކަމާއި ގުޅޭގޮތުން ފުލުހުން ވާހަކަ ދައްކައިފި އެވެ. އެ މީހުން ދޫކޮށްލީ އިތުރަށް ބަންދުގައި ބައިތިއްބަން ޖެހޭ ސަބަބެއް ނެތް ކަމަށް ކަނޑައެޅުމަށްފަހު އެވެ. އަދި އެ މީހުން ދޫކޮށްލުމަކީ މިވަގުތު މުޖްތަމައުއަށް ނުރައްކަލެއް ނެތް ކަމަށް ފެންނާތީ އެވެ.
އެ މައްސަލައިގެ ތަފްސީލް ހާމަކުރަމުން ފުލުހުން މިއަދު ބުނީ ސެޕްޓެންބަރު 14 ވަނަ ދުވަހު ލިބުނު މައުލޫމާތާއި ގުޅިގެން ކޯޓް އަމުރެއްގެ ދަށުން ހ. ވައިފިނި ހަވަނަ ފްލޯ ފާސްކުރިއިރު ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އަދި މަނާ ބޭހާއި ބަނގުރާ ކަމަށް ޝައްކު ކުރެވޭ ދިޔާ އެއްޗެއްސާއި ގިނަ އަދަދެއްގެ ފައިސާވެސް ވަނީ ފެނިފައެވެ.
މި މައްސަލައާއި ގުޅިގެން 28، 22، 25، 27، 21، 26 އަދި 19 އަހަރު ހަތް މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުން އަތުލައިގަތް ތަކެތި
- މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 42 ފިލްމު ހުސްކުރި ދަޅު
- މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 28 ރަބަރު ޕަކެޓް
- މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 216 ސެލޯފިންކޮޅު
- މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައިވާ ޖޫސްޕެޓީ ކޮތަޅެއް
- މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް އެއްކޮށްގެން ހަދާފައިވާ ބިޑިއެއް
- 225 ގުޅަ މަނާ ބޭސް
- ބަނގުރާ ކަމަށް ޝައްކު ކުރެވޭ އެއް ފުޅި
- 17،150 ރުފިޔާ
މި ތަކެތީގެ ބަރުދަނުގައި 1245 ގްރާމް ހުރި ކަމަށް ފުލުހުން ބުންޏެވެ.
މި މީހުންގެ ބަންދާމެދު ގޮތް ނިންމަން އެންމެ ފަހުން ކޯޓަށް ގެންދިޔައީ އިއްޔެ އެވެ. ކްރިމިނަލް ކޯޓުން އެ މީހުން ދޫކޮށްލާފައި ވަނީ އެ މީހުން ދޫކޮށްލި ނަމަވެސް މުޖްތަމައުއަށް ނުރައްކަލެއް ނެތް ކަމަށް ބުނެފައި ކަމަށްވެސް ފުލުހުން ބުންޏެވެ.