ފިނިޕޭޖް

ވަރުން އާއި ނީތޫ ކޮވިޑަށް ޕޮޒިޓިވްވެ ފިލްމު ހުއްޓުމަކަށް

ޑައިރެކްޓަރު ރާޖް މެހެތާގެ "ޖުގް ޖުގް ޖިޔޯ" ގެ ޝޫޓިން ކުރިޔަށް ދަނިކޮށް ފިލްމުގެ މުހިއްމު ދެ ތަރިން ކަމަށްވާ ވަރުން ދަވަން އާއި ނީތޫ ސިންގް ކޮވިޑަށް ޕޮޒިޓިވް ވެއްޖެ ކަމަށް އިންޑިޔާގެ ނޫސްތަކުން ބުނެފި އެވެ.

މި ފިލްމުގައި އަނިލް ކަޕޫރާއި ކިއާރާ އަދުވާނީ ވެސް ވަރަށް މުހިއްމު ރޯލުތަކެއް ކުޅެ އެވެ. އަދި ވަރުން އާއި ނީތޫ ޕޮޒިޓިވް ވީއިރު އެމީހުންނާއެކު ކިއާރާ އާއި އަނިލް ވެސް ފިލްމު ޝޫޓިންގްގައި ބައިވެރިވަމުން ދިޔަ އެވެ. ނަމަވެސް މި ދެ ތަރިންގެ ކޮވިޑް ނަތީޖާ ނެގެޓިވް ކަމަށް އެމީހުން ވަނީ ސޯޝަލް މީޑިއާގައި އިއުލާން ކޮށްފަ އެވެ.

ވަރުން އާއި ނީތޫ ޕޮޒިޓިވް ވުމުން މިހާރު ފިލްމުގެ ޝޫޓިންގް ވަނީ ވަކި މުއްދަތެއް ނެތް ގޮތަށް ހުއްޓާލާފަ އެވެ. ފިލްމުގެ ޕްރޮޑިއުސަރުން ބުނި ގޮތުގައި ދެ ޝޫޓިން ފެށޭނި އެންމެންގެ ސިއްހަތު ރަނގަޅުވީމަ އެވެ.

"ޖުގް ޖުގް ޖިޔޯ"ގެ ޝޫޓިން ފެށީ މިދިޔަ މަހު އެވެ. މިއީ ގިނަ ދުވަސް ތަކަކު ފިލްމު ކުޅުމާ ދުރުގައި އުޅުމަށްފަހު ނީތޫގެ އެނބުރި އައުން ފާހަގަކުރާ ފިލްމެވެ.

މި ފިލްމުގައި ނީތޫ އާއި އަނިލް ކުޅެނީ ވަރުންގެ ކެރެކްޓާގެ މައިންބަފައިންގެ ރޯލެވެ. ފިލްމު ފެށުމުގެ ގޮތުން ނީތޫ ކުރި ޓުވިޓެއްގައި ޝޫޓިން ފެށުމުގެ ކުރިން އެ އެންމެން ކޮވިޑް ޓެސްޓްކޮށް ނެގެޓިވް ވެފައިވާ ކަމަށް ބުނެފައި ވެއެވެ.
ނަމަވެސް ޝޫޓިންގްގައި އުޅެނިކޮށް ވަރުން އާއި ނީތޫ ޕޮޒިޓިވް ވީއެވެ.

ދާދިފަހުން އެކްޓަރު ސަނީ ޑެއޯލް ވެސް ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަން އޭނާ ވަނީ ސޯޝަލް މީޑިއާގައި އިއުލާން ކޮށްފަ އެވެ. އަދި ފަރުބަދަ މަތީގެ ރަށެއްގައި ހުރި އޭނާގެ ގެއެއްގައި އެކަނިމާއެކަނި ދުވަސްތައް ހޭދަކުރަމުންދާކަމަށް ސަނީ ބުނެފައި ވެއެވެ.