ލައިފްސްޓައިލް

މަރުވި މީހާ ސަންދޯކުގެ ބަދަލުގައި ގޮނޑިއެއްގައި ޖަނާޒާއަށް

މަރުވި މީހަކު އޭނާގެ އަމިއްލަ ޖަނާޒާއަށް ވައްދަން ހުއްދަ ނުދިނުމުން ޖަނާޒާ އޮތް ތަނުގެ ބޭރުގައި އެތައް އިރަކު އިނދެއްޖެ އެވެ. ޖަނާޒާ އޮތް ފައްޅިއަށް އެމީހާ ނުވެއްދީ ސަންދޯކުގައި ނުގެންދިއުމުންނެވެ. އެމީހާގެ ޖަނާޒާ ބައްވަން ފައްޅިއަށް ގެން ގޮސްފައި ވަނީ ޕިކަޕެއް ކަހަލަ މަތި ހިޔާނުކޮށް އޮތް ވެހިކަލެއްގެ ތެރޭގައި ގޮނޑިއެއް ބަހައްޓާ އެ ގޮނޑީގައި އެމީހާ ބައިންދައިގެންނެވެ.

ޓްރިނިޑާޑް އެންޑް ޓޮބޭގޯގައި ހިނގި މި ހާދިސާގައި ޗޭ ލުއިސް ނަމަކަށް ކިޔާ 29 އަހަރުގެ މި މީހާގެ ޖަނާޒާ ބާއްވާފައި އޮތް ތަނަށް މި މީހާ ނުވެއްދުމުން އެތާ ބޭރުގައި އޭނާ ވަރަށް ގިނައިރުތަކެއް ވަންދެން ވަނީ ބައިންދާފަ އެވެ. އަދި އޭނާ އެތާ ބޭރުގައި އެތައް އިރަކު އިން އިރުވެސް އެއީ މަރުވި މީހާ ކަމެއް ޖަނާޒާގައި ބައިވެރިވާން ގޮސް ތިބި ގިނަ މީހުންނަކަށް ވެސް ނޭނގުނެވެ. އެއީ ސަންދޯކުގެ ބަދަލުގައި ގޮނޑިއެއްގައި އެމީހާ އިނދެދާނެ ކަމަށް އެއްވެސް މީހެއްގެ ހިތަށް ވެސް އަރާފައި ނެތީމަ އެވެ.

ގޮނޑީގައި ބައިންދާފައި އިން މީހާ ފެނިފައި ބައެއް މީހުން ހީކުރީ ޖަނާޒާގައި ބައިވެރިވާ މީހެއް ކަމަށެވެ. އެމީހާ ފޭސް މާސްކް ނާޅާ އިނދެގެން ވެސް ބައެއް މީހުން އެކަމާ ހިތްހަމަނުޖެހިގެން އުޅުނެވެ.

ޓްރިނިޑާޑް އެންޑް ޓޮބޭގޯގެ ޑިއެގޯ މާޓިން އަވަށުގައި ލުވިސް އާއި އޭނާގެ ބައްޕަ އެޑްލޭ ލުވިސް، 54، ބަޑިޖަހާ މަރާލާފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު އެވެ. ލުވިސްގެ ބައްޕަ ޖަނާޒާއަށް ގެންގޮސްފައި ވަނީ ސަންދޯކުގަ އެވެ.
މި ޖަނާޒާ އޮތީ ކަރިސްޓިއަނުންގެ ފައްޅިއެއްގަ އެވެ. ޖަނާޒާ ބާއްވަން ކަނޑައަޅާފައި އޮތް ގަޑިއަށް ލުވިސް އެ ފައްޅިއަށް ގެނައީ ގޮނޑިއެއްގައި ކަމަށް ވާތީ ފައްޅިއަށް ވައްދަން އެތަނުގައި މަސައްކަތްކުރާ މުވައްޒަފުން ހުއްދަ ނުދިނީ އެވެ. ގޮނޑިއެއްގައި އެމީހާ ގެނައިތަން ފެނިފައި ފައްޅީގައި ތިބި މީހުންނަށް ވެސް ލިބުނީ ޝޮކެކެވެ. އަދި މަރުވެފައިވާ މީހަކު ސަންދޯކުގައި ނުބާއްވާ އެގޮތަށް ގެނައުމަކީ މަނާ ކަމެއް ކަމަށް އެމީހުން އެންގި ކަމަށް ވެއެވެ.

މަތި ހާމަ ވެހިކަލެއްގައި ފަހަތުގައި ގޮނޑިއެއްގައި ބައިންދައިގެން ލުއިސްގެ ހަށިގަނޑު ވެރިރަށް ޕޯޓް އޮފް ސްޕޭނުން ޑިއޭގޯ މާޓިން އަށް ގެންދިޔައިރު ފޭސްބުކުން މި މަންޒަރު ލައިވް ކުރަމުން ދިޔަ އެވެ.

މަރުވެފައިވާ ލުއިސްގެ ގަބުރު ގޮނޑިއެއްގައި ބައިންދާފައި އިން އިރު އޭނާ އިނީ ފިޔާތޮށި ކުލައިގެ ސޫޓަކާއި ހުދު ފަޓުލޫނެއް ލައްވާފަ އެވެ. ނޮވެމްބަރު 25 ގައި ޖަނާޒާގެ ޕްރޮސެޝަން ދިގު ދަތުރަކަށް ފަހު ފައްޅިއާ ހަމަޔަށް ފޯރުމުން މަރުވި މީހާ ފައްޅިއަށް ވައްދަން އެތަނުން ހުއްދަ ނުދިން ނަމަވެސް ގިނައިރުތަކަކަށްފަހު ފައްލިއަށް ވައްދައި ލުއިސް އާއި އޭނާގެ ބައްޕަ ވަނީ އެތާ ކައިރީ އޮތް ގަބުރުސްތާނެއްގައި ވަލުލާފަ އެވެ.

ޓްރިނިޑާޑް އެންޑް ތޮބޭގޯގެ ޕޮލިސް އޮފިސަރު ބްރެންޓް ބެޓްސަން އެ ގައުމުގައި މީޑިއާގައި ބުނި ގޮތުގައި މިއީ މި ޖަނާޒާގެ ކަންތަކާ ހަވާލުވެފައިވާ ޑީންސް ފިއުނެރަލް ހޯމުން ކުރި ވަރަށް ގޯސް ކަމެކެވެ. ގަބުރަކަށް މިފަދަ ގޮތަކަށް އަމަލުކުރުމަކީ ކަނޑައެޅިގެން މަނާކަމެއް ކަމަށާއި 750 ޕައުންޑުގެ ޖޫރިމަނާއެއް އެ ފިއުނަރަލް ހޯމުން ދައްކަން ޖެހޭނެ ކަމަށް ވެސް ޕޮލިސް އޮފިސަރު ބުންޏެވެ.

ލުވިސްގެ ބޭބެ އަބީސަޖާ ޖޯން، 45، ވެސް ވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައި ބަޑިޖަހާ މަރާލާފަ އެވެ. ލުވިސް ސަންދޯކަށް ނުލައި ގޮނޑީއެއްގައި ބައިންދައިގެން ގެންދިޔަ ސަބަބެއް މި ރިޕޯޓު ޝާއިއުކޮށްފައިވާ އިނގިރޭސި ވިލާތު ނޫހުގައި ބުނެފައެއް ނެތެވެ.