ފިނިޕޭޖް

ފަރުދީން ހަށިގަނޑަށް އައި ބަދަލުން ފޭނުން އުފަލުން

ފަރްދީން ޚާން ފިލްމަކުން ނުފެންނަތާ 10 ވަރަކަށް އަހަރު ވެއްޖެ އެވެ. މި މުއްދަތުގެ ތެރޭގައި ވަރަށް މަދުމަދުން އޭނާގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވެ އެވެ. މި ފޮޓޯތަކުން ފެނިފައިވާ ގޮތުގައި ފިލްމު ކުޅުން ހުއްޓާލިފަހުން ފަރްދީން ވަނީ އަދަޔާޚިލާފަށް ފަލަ ވެފަ އެވެ. ފަލަވުމުގެ ސަބަބުން ބައެއް ފޮޓޯތަކުން އެއީ އޭނާކަން ޔަގީން ނުވާ މިންވަރަށް ފަރްދީން ހުރީ ފަލަވެފަ އެވެ.

ނަމަވެސް މިހާރު އަނެއްކާވެސް ފަރްދީން ވަނީ ވަރަށް މަސައްކަތުން ބަރުދަން ލުއިކޮށް ހަށީގަނޑު ވަރަށް ފިޓްކޮށްލާފަ އެވެ. އަދި ކާސްޓިން ޑައިރެކްޓަރު މުކޭޝް ޗަބްރާގެ އޮފީސް ބޭރުން ފަރްދީން ފެނިގެން ނޫސްވެރިން ވަނީ ފަރްދީންގެ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ޝެއާ ކޮށްފަ އެވެ.

އެއާއެކު ފަރްދީންގެ ފޭނުން އުފަލުން ގޮސް ވަރަށް ގިނަ ކޮމެންޓްތައް ކުރަން ފެށި އެވެ. ކާސްޓިން ޑައިރެކްޓަރުގެ އޮފީހަށް ފަރްދީން ދިޔައީ އަލުން ފިލްމު ކުޅެން ފަށަން ކަމަށް ބުނެ ބަޔެއް މީހުން އުފާ ފާޅުކޮށްފައި ވެއެވެ.

އިންސްޓަގްރާމްގައި ބައެއް މީހުން ޝެއާކުރި ފަރްދީންގެ ފޮޓޯތަކަށް އޭނާގެ ސަޕޯޓަރުން ކުރި މެސެޖުތަކުގައި ގިނަ ދުވަސް ތަކަކަށް ފަހު ފަރްދީން ފެނުމުން ވަރަށް އުފާވެއްޖެ ކަމަށް ބުނެފައި ވެއެވެ.

"އަދިވެސް ފަރްދީން ހާދަ ރީއްޗޭ. ފަރްދީން އަކީ ބޮލީވުޑްގައި މަސައްކަތްކުރާ އެންމެ ރީތި އެކްޓަރުންގެ ތެރޭގައި ހިމެނޭ މީހެއް" އެހެން މީހަކު ކުރި ކޮމެންޓެއްގައި ވެއެވެ.

ފަރްދީން ވަރަށް ފަލަވެފައި ހުއްޓާ ފެންނަ ފޮޓޯތަކެއް 2016 ގައި ސޯޝަލް މީޑިއާގައި ދައުރުވުމުން އޭނާއަށް ވަރަށް ގިނަ ބައެއްގެ މަލާމާތާ ކުރިމަތިވި އެވެ. އޭނާއަށް މަލާމާތްކުރި މީހުންނަށް ފަރްދީން ރައްދު ދީފައި ވެއެވެ. އަދި އޭނާ ހުރި ސިފަޔަށް އޭނާ ލަދު ނުގަންނަ ކަމަށް ފަރްދީން އޭރު ބުނެފައި ވެއެވެ.

"ލަދެއް ނުގަނޭ. ލަދެއް ލަދުގަންނަވައެއް ވެސް ނުލެވޭނެ. ދެރައެއް ވެސް ނުވޭ. އަދި ދެރަކޮށެއް ވެސް ނުލެވޭނެ. އަނދިރިއެއް ވެސް ނޫން. އުފާވެއްޖެތަ؟؟؟" އޭނާއަށް ޓްރޯލްކުރާ މީހުންނަށް އޭރު ފަރްދީން ޖަވާބު ދިނީ މިގޮތަށެވެ.

ފަރްދީން އިތުރަށް ބުނެފައިވަނީ އޭނާގެ ހަޔާތުގެ މިދުވަސްތަކަކީ އެންމެ އުފާވެރި ޗެޕްޓާ ކަމަށެވެ. އޭނާގެ ހަށިގަނޑުގައި ޖަހާފައިވާ މަސް ތަކަކީ އޭގެ ނިޝާނެއް ކަމަށެވެ.

ފަރްދީން އެންމެ ފަހުން ފިލްމަކުން ފެނިފައިވަނީ 2010ގައި ރިލީޒްކުރި ޑައިރެކްޓަރު މުދައްސަރް އަޒީޒްގެ "ދުލްހާ މިލްގަޔާ" އިންނެވެ. މި ފިލްމުގައި އޭނާ އާއެކު ބައިވެރިވީ ސުޝްމިތާ ސެން އާއި އިޝީތާ ޝަރުމާ އެވެ. ޝާހްރުކް ޚާންގެ ޚާއްސަ ފެނިލުމެއް ވެސް މި ފިލްމުން ފެނިފައި ވެއެވެ.