ލައިފްސްޓައިލް

ކޮވިޑް ޖެހިފައިވާ އަންހެނަކަށް ކަރަންޓީނު ވެޑިންއެއް

ކޮރޯނާވައިރަހުގެ ބޮޑު ވަބާއަކާ ދުނިޔެ ހަނގުރާމަ ކުރަމުންދާ މި ދަނޑިވަޅުގައި ވަރަށް 2020 ސްޓައިލަކަށް ދެ މީހަކު ކައިވެނިކޮށްފި އެވެ. މި ދެ މީހުންގެ ކައިވެނި އޮތީ ވަރަށް ކުރިންސުރެ ރާވާ ހުރިހާ އިންތިޒާމްތަކެއް ފުރިހަމަ ކޮށްފަ އެވެ. ނަމަވެސް ކައިވެންޏަށް މަދު ދުވަސްކޮޅަކަށް ވެފައި ވަނިކޮށް އަންހެންމީހާ ކޮވިޑަށް ޕޮޒިޓިވް ވީއެވެ.

ނަމަވެސް ކަނޑައެޅިފައިވާ ތާރީޚުގައި ކައިވެނި ކުރަން މި ދެމީހުން ގަސްތުކުރި އެވެ. އަދި ކައިވެނީގެ ކަންތައްތައް ކުރިޔަށް ދިޔަގޮތް ސޯޝަލް މީޑިއާގައި އެމީހުން ޝެއާ ކުރުމުން މި ވީޑިއޯ އާއި ފޮޓޯތަކަށް ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ.

މި ކައިވެނިކުރި ދެ މީހުން ކަމަށްވާ ޕެޓްރިކް ޑެލްގާޑޯ އާއި ލޯރެން ޖިމެނޭޒް އަކީ އެމެރިކާގެ ކެލިފޯނިއާގެ ރަށްވެހިންނެވެ. އެމިހުންގެ ކައިވެނި ކުރަން ހަމަޖައްސާފައި އޮތީ މިދިޔަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު އެވެ. ދެ މީހުން ކައިވެނިކުރަން ނިންމީ ލޯބިވެގެން ހަތަރު އަހަރު ދުވަހު އުޅުމަށް ފަހުގަ އެވެ.

އެންބީސީ ނިއުސް އާ ވާހަކަ ދައްކަން ލޯރެން ބުނީ ކައިވެނި ކުރަން އެންމެ ތިން ދުވަހަށް ވެފައި އޮއްވާ ކޮވިޑަށް ޕޮޒިޓިވް ވުމުން ވަރަށް ދެރަވި ކަމަށެވެ. ސަބަބަކީ އެމީހުން ކައިވެންޏަށް ތައްޔާރުވަމުން އައީ ވަރަށް ފޮނި އުންމީދުތަކަކާ އެކު ކަމަށް ވާތީ އެވެ.

މި ދެ މީހުން އެންގޭޖްވީ މިދިޔަ އަހަރުގެ މޭގަ އެވެ. އަދި އެމީހުންނަށް ލިބިފައިވާ މެރިޖް ލައިސަންސްގެ މުއްދަތު އެމީހުން ކައިވެނިކުރަން ހަމަޖެހިފައި އޮތް ދުވަހާ ޖެހިގެން އޮތް ދުވަހަށް ހަމަވެ އެވެ. ވީމާ ކަނޑައެޅިފައިވާ ދުވަހު ކައިވެނި ކުރެވިއްޖެނަމަ އަލުން ބަލުން މެރިޖް ލައިސަންސް ވެސް ޖެހެނީ ހޯދާށެވެ. އެހެންވެ ކަނޑައެޅިފައިވާ ތާރީޚުގައި ކަރަންޓީނު ވެޑިން އެއް ކުރިޔަށް ގެންދަން މި ދެ މީހުން ނިންމީ އެވެ.

ކައިވެނީގެ ރަސްމިއްޔާތު ބޭއްވީ ލޯރެން ކަރަންޓީނު ވެގެން ހުރި ގޭގެ ބޭރު ދޮރު ކައިރީގަ އެވެ. އެއީ އޮންޓާރިއޯގައި ހުންނަ އޭނާގެ މަންމަގެ ގެއެކެވެ.

ކައިވެނިކުރަން ހަމަޖެހިފައިވާ ދުވަހުގެ އެ ގަޑިއަށް ޕެޓްރިކް އާއި އޭނާގެ އާއިލާގެ އެންމެ ގާތް މީހުން އަދި ލޯރެންގެ އާއިލާގެ އެންމެ ގާތް މީހުން ލޯރެން ހުރި ގޭގެ ބޭރު ދޮރު ކައިރިއަށް ޖަމާވި އެވެ. އަދި ކައިވެނިކޮށްދޭ މީހުން ވެސް އެތަނަށް އައެވެ. ކައިވެނި ކުރި ގަޑީގައި ލޯރެން ހުރީ އޭނާގެ ގޭގެ ދެ ވަނަ ބުރީގެ ކުޑަދޮރު ކައިރީގަ އެވެ. ކައިވެނީގެ ހެދުމުގައި ޕެޓްރިކް ހުރީ ތިރީގައި އެ ގޭގެ ދޮރުމަތީގަ އެވެ.

ކައިވެނީގެ ރަސްމިއްޔާތުގައި ބައިވެރިވީ މުޅިއެކު 10 މީހުންނެވެ. އެންމެން ވެސް ތިބީ މާސްކް އަޅައިގެން ކޮވިޑުން ރައްކާތެރިވުމަށް އަޅަންޖެހޭ އެހެނިހެން ފިޔަވަޅުތައް ވެސް އަޅައިގެންނެވެ. މި ކައިވެނީގެ ރަސްމިއްޔާތު 45 މިނިޓަށް ދެމިގެން ދިޔައިރު ކައިވެނި ކުރިތަން ބަލަން އެ ހިސާބުގަނޑުގެ ބައެއް މީހުން ވެސް ކާރު ކާރުގައި ދުރު ދުރުގައި މަޑުކޮށްލައިގެން ތިއްބެވެ.

ކައިވެނީގެ އަހުދު ދެމީހުން ވީއިރު އެމީހުން އަތާއި އަތް ގުޅާލުމުގެ ބަދަލުގައި ތިބީ މަލުން ޒީނަތްކޮށްފައިވާ ރިބަން ފަށެއްގެ ދެކޮޅުގައި ދެ މީހުން ހިފަހައްޓައިގެންނެވެ. މިއީ ލޯރެންގެ ބޮޑުދައިތަ މި ދުވަހަށް ޚާއްސަކޮށް ތައްޔާރުކުރި ރިބަން ފަށެކެވެ.
މިއީ ވަރަށް ދުރުގައި ތިބި ނަމަވެސް އެކަކު އަނެކަކުގެ އަތުގައި ހިފާލައިގެން ތިބި ކަމުގެ އިހްސާސްވީ ކަމެއް ކަމަށް ލޯރެން އާއި ޕެޓްރިކް ބުންޏެވެ.

މި ކައިވެނީގެ ރަސްމިއްޔާތަށް ހެދުމަށް ފަހަން އަދި ގަންނަން ދާނެ ފުރުސަތު ވެސް ލޯރެން އަށް ނުލިބުނެވެ. އެހެންވެ އަލަމާރިން ހުދު ހެދުމެއް ހޯދައިގެން އޭނާ ލައިގެން ހުރީ އެ ހުދު ހެދުމެވެ. އަދި މޭކްއަޕް ކުރީ ވެސް އަމިއްލައަށެވެ.
ލޯރެން ބުނީ މިފަދަ ގޮތަކަށް ވެސް އާއިލާގެ މީހުން ބައިވެރިވެގެން ކައިވެނީގެ ކަންތައް ކުރިޔަށް ގެންދެވުނިތީ އޭނާ ހުރީ ވަރަށް އުފަލުންނެވެ. މިއީ މާ ބޮޑުކޮށް ބޭއްވި ކައިވެނީގެ ރަސްމިއްޔާތަކަށް ނުވިޔަސް އެމީހުން ފާހަގަކުރީ އެ ދެމީހުންގެ ހިތުގައި އެކަކު އަނެކަކަށް އޮތް ލޯތްބާއި އެކުގައި ހަޔާތެއް ވޭތުކުރުމަށް ވީ ވައުދު ކަމަށް ލޯރެން ބުންޏެވެ.

މި އިވެންޓުގެ ފޮޓޯތައް ނެގި ވެޑިން ފޮޓޯގްރާފަރު ޖެސިކާ ޖެކްސަން ބުނި ގޮތުގައި މިއީ 2020ގައި އަދި ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި އޭނާ ފޮޓޯ ޝޫޓް ކޮށްދިން ންމެ ޔުނީކް ވެޑިން އެވެ.

ކައިވެނީގެ ރަސްމިއްޔާތަށްފަހު އަލަތު އަނބިމީހާ ލޯރެން ދޫކޮށްފައި ޕެޓްރިކް އަށް ޖެހުނީ އޭނާގެ އަމިއްލަ ގެއަށް އެނބުރި ދާށެވެ. ލޯރެންގެ ބަލި ފަސޭހަވެ ކަރަންޓީނު މުއްދަތު ހަމަވަންދެން ދެ މީހުން ތިބެން ޖެހޭނީ ދެ ގޭގަ އެވެ.
ލޯރެން ބުނި ގޮތުގައި ކައިވެނީގެ ފުރަތަމަ ރޭ އޭނާ އާއި ޕެޓްރިކް ހޭދަކުރީ ނެޓްފްލިކްސް އިން "ހޮލިޑޭޓް" ކިޔާ ފިލްމެއް ބެލުމުގަ އެވެ.

"މިއީ ހަގީގަތުގައި ވަރަށް މަޖާ ގޮތަކަށް ކުރެވުނު ކައިވެންޏެއް. ކޮންމެވެސް ދުވަހަކުން އަހަރެމެން މި ވާހަކަ އަހަރެމެންގެ ދަރިންނާއި ދަރިންގެ ދަރިންނަށް ކިޔައިދެވޭނެ ކަމަށް އުންމީދުކުރަން،" ލޯރެން ބުންޏެވެ.