"ބޫޓު ޕޮލިޝް" ގެ ޝޫޓިންގަށް އިންޑިޔާގެ ދަރްމަޝާލާ އަށް ގޮސް ހުރި ސައިފް އަލީ ޚާން މިހާރު ވަނީ އެ ފިލްމުގެ ފުރަތަމަ ޝެޑިއުލް ނިންމާލަފަ އެވެ. ޝޫޓީން ނިމުނަސް އަންހެނުން ކަރީނާ ކަޕޫރާއި ދަރިފުޅު ތައިމޫރާއެކު ސައިފް އަދިވެސް ހުރީ ފަރުބަދަ މަތީގެ އެ ރީތި ރަށުގަ އެވެ.
ސައިފްގެ ދަރިން ބޮލީވުޑަށް ވަނުމާ ގުޅޭ ގޮތުން ގިނަ ބަޔަކު އަބަދުވެސް ސައިފް އާ ސުވާލު ކުރެ އެވެ. ފުރަތަމަ ދަރިފުޅު ސާރާ އަލީ ޚާން ފިލްމީ ދުނިޔެއަށް ނުކުމެ ވަރަށް އެކަށީގެންވާ ރަނގަޅު މަގާމަކަށް ވާސިލުވުމަށް ބާރު ސްޕީޑުގައި ވަނީ ދަތުރު ފަށާފަ އެވެ. ދެން ހުރީ އިބްރާހީމް އަލީ ޚާނެވެ. އިބްރާހީމް ވެސް ވަރަށް އަވަހަށް ފިލްމު ކުޅެން ފަށަން އުޅޭ ކަމުގެ ޚަބަރުތަކެއް މިހާރަކަށް އައިސް އިންޑިޔާގެ ނޫސްތަކުން ދަނީ ފަތުރަމުންނެވެ.
ދާދިފަހުން އިންޑިޔާ ނޫހަކަށް ދިން އިންޓަވިއުއެގައި ސައިފް ވަނީ އިބްރާހީމް ހިންދީ ފިލްމު އިންޑަސްޓްރީއަށް ނެރުމާ ގުޅޭ ގޮތުން ވާހަކަ ދައްކާފަ އެވެ. ސައިފް ބުނި ގޮތުގައި އޭނާ ބޭނުންވަނީ އިބްރާހީމްގެ ފުރަތަމަ ފިލްމަކީ ރިތިކް ރޯޝަންގެ ފުރަތަމަ ފިލްމު "ކަހޯ ނާ ޕިޔާރް ހޭ" ކަހަލަ ފިލްމަކަށް ވާށެވެ. އެ ފިލްމުން ރިތިކަށް ލިބުނު ކަހަލަ ތަރުހީބެއް އިބްރާހީމްގެ ފުރަތަމަ ފިލްމުން އޭނާއަށް ވެސް ލިބޭށެވެ.
"އަހަރެން އެދެނީ ރިތިކް ގޮތަން އިބްރާހީމް ވެސް ސްކްރީން ފަޅާލާ ވަރުގެ ޕާފޯމަންސެއް ފުރަތަމަ ފިލްމުގައި ދޭން. އަހަންނާ އޭނާ އާ އަޅާ ކިޔާ މީހުން އެކަން ވެސް ކުރާނެ. ނަމަވެސް އިބްރާހީމް އަދި ވަރަށް ޅަ. މިއީ އަދި އޭނާ ހެދިބޮޑުވަމުން އަންނަ އުމުރު. އޭނާގެ ޝަހްސިއްޔަތުވެސް އަދި ދަނީ ތަރައްގީ ވަމުން. އެހެންވެ އަދި އެހާ ބޮޑަށް އިބްރާހީމް މީހުންނަށް ދައްކާކަށް އަހަރެން ބޭނުމެއް ނޫން،" ސައިފް ބުންޏެވެ.
ސައިފްގެ ވާހަކަތަކުން ޔަގީންވީ އިބްރާހީމް އަކީ ވެސް ދައްތަ ސާރާ ކަހަލަ ފިލްމު އެކްޓަރަކަށް ވުމުގެ ހުވަފެންތައް ދެކޭ އަދި އެ ހުވަފެންތަކުގައި ކުލަ ޖައްސަން ވަރަށް ހިތްވަރާ އެކު މަސައްކަތްކުރާ ކުއްޖެއް ކަމެވެ.