ހަބަރު

އިންސާފު އަވަސް ކުރަން ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

Dec 6, 2020

ނުފޫޒުން އެއްކިބާވެ، ރާއްޖޭގައި އިންސާފު ނުލިބި ލަސްވެފައިވާ މައްސަލަތައް އަވަސްކުރުމަށް ސަރުކާރަށް ގޮވާލައި، އިދިކޮޅު ކޯލިޝަނުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.

މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި މައްސަލާގައި ބުނެފައިވަނީ ނުހައްގުން ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި، ޔާމީން ރަޝީދާއި ރ. މީދޫ، ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ ފަދަ ބޮޑެތި މަރުގެ މައްސަލަތައް އިންސާފު ނުލިބި ދިގުލައިގެން ގޮސްފައިވާ ކަމަށެވެ.

އެހެން ކަމުން އެ މައްސަލަތައް އަވަސްކޮށް، ނުފޫޒުން އެއްކިބާވެފައިވާ އަދުލު އިންސާފުގެ ނިޒާމެއް ގާއިމުކޮށް ދިނުމަށް އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލާގައި ވަނީ ގޮވާލައްވައިފަ އެވެ.

އެ މައްސަލާގައި ބަހުސްކުރަން ފެނޭތޯ ބެލުމަށް ނެގުނު ވޯޓުގައި، އެ މައްސަލައާ އެއް ކޮޅަށް ވޯޓު ދެއްވީ އެންމެ 16 މެންބަރުންނެވެ. މައްސަލަ ބަލައިގަނެ، ބަހުސްކުރަން ނުފެންނަ ކަމަށް 36 މެންބަރުން ވޯޓު ދެއްވި އިރު، ވަކި ކޮޅަކަށް ވޯޓު ނުދެއްވާ ތިން މެންބަރަކު ތިއްބެވި އެވެ. އެހެން ކަމުން އެ މައްސަލަ ބަލައިނުގަންނަން ފާސްވެފައިވާ ކަމަށް ރިޔާސަތުން ވަނީ އިއުލާނުކޮށްފައި އެވެ.