ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރާއްޖޭގައި ބައިނަލްއަގްވާމީ ޓީޓީ މުބާރާތެއް ބާއްވަނީ

އަންނަ އަހަރު ރާއްޖޭގައި ބައިނަލްއަގްވާމީ ޓީޓީ މުބާރާތެއް ބޭއްވުމަށް މަސައްކަތް ކުރަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ހުޅުމާލޭގައި ތަރައްގީ ކޮށްފައިވާ ނޭޝަނަލް މާޝަލް އާޓްސް ސެންޓަރާއި ޓޭބަލް ޓެނިސް ހޯލް ރަސްމީކޮށް ހުޅުވައިދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ. މިދިޔަ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭގެ ޓީޓީ އަދި ބެޑްމިންޓަން ޓީމުން ހޯދި ކާމިޔާބީއަށް އިޝާރާތްކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއަދު ހުޅުވި ޓީޓީ ހޯލަކީ ގައުމަށް އިތުރު ރަން ވަނަތަކެއް ހޯދައިދޭނެ ކުޅުންތެރިންތަކެއް އުފެދިގެންދާނެ ތަނަކަށް ވާނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި މާލޭގައި ވެސް ނޭޝަނަލް ޓީޓީ ސެންޓަރެއް ބިނާކުރުމަށް ބިމެއް ކަނޑައަޅައި، އެ މަސައްކަތް އަންނަ އަހަރު ފެށުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. އަންނަ އަހަރު ރާއްޖޭގައި ބައިނަލްއަގްވާމީ ޓީޓީ މުބާރާތެއް ބޭއްވުމަށް ވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މިއަދު ހުޅުވި ޓީޓީ ހޯލާއި މާޝަލް އާޓްސް ސެންޓަރަކީ އެ ދާއިރާތަކަށް ޝައުގުވެރިވާ ޒުވާނުންނަށް ލިބިގެންދިޔަ ރަނުގެ ފުރުސަތެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދާދި އަވަހަށް މާޝަލް އާޓްސް އެސޯސިއޭޝަން އެއް އުފެދިގެންދާނެ ކަމަށާއި އެއާއިއެކު އެ ދާއިރާއަށް ރަސްމީ ހައިސިއްޔަތެއް ލިބި އެ ކުޅިވަރުން ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވާދަކޮށް ގައުމަށް ރިވެތި ނަން ހޯދައިދިނުމުގެ މަގު ތަނަވަސްވެގެންދާނެ ކަމުގައި ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.