އާންމު ގަވައިދާބެހޭ ގާނޫނުގެ ޖަދުވަލް އެކަކާއި ދޭއްގައިވާ ގަވައިދުތަކުގެ ތެރެއިން މުއްދަތު ހަމަވާ ގަވައިދުތަކަށް އަހަރު ދުވަހުގެ މުއްދަތު އަނެއްކާވެސް އިތުރު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
މުއްދަތު އިތުރު ކުރުމަށް މަޖިލީހުން ފާސްކުރީ އެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 57 މެމްބަރުންގެ އިއްތިފާގުންނެވެ.
އެހެން ކަމުން މި ގާނޫނަށް އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އަމަލު ކުރުމަށް މަޖިލީހުން ފާސްވީ އެވެ.
އާންމު ގަވައިދުތަކާބެހޭ ގާނޫނު ގެ ޖަދުވަލު އެކެއް އަދި ދޭއް ގައިވާ ގަވައިދުތަކަށް އަމަލުކުރުމުގެ މުއްދަތު އިތުރުކުރުމާގުޅޭ މައްސަލަ މަޖިލީހުގެ ގަވައިދު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު މަޖިލީހަށް ހުށަހެޅުމާއެކު ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެކަމާ ކަންބޮޑުވުންފާޅު ކުރައްވައިފަ އެވެ.
އެމަނިކުފާނު ވިދާޅުވީ ގާނޫނުތައް ނެހެދިގެން ގަވައިދުތަކަށް މުއްދަތު މަޖިލީހުން އިތުރުކޮށްދެމުންދާތާ މިހާރު 12 އަހަރުވެފައިވާ ކަމަށެވެ. މިހާރު 13 ވަނަ އަހަރަށް މުއްދަތު އިތުރުކޮށް ދިނުމުގެ ބަދަލުގައި "ވާނެ ގޮތެއް ވާން" ދޫކޮށްލަންޖެހޭކަމަށް ނަޝީދު ތަކުރާރުކޮށް ވިދާޅުވި އެވެ.
ނަޝީދުގެ ކަންބޮޑުވުންތަކަށް ރައްދު ދެއްވައި، ގަވައިދު ކޮމިޓީގެ މުގައްރިރު އަދި މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭ މެންބަރު އަހުމަދު އާމިރު ވިދާޅުވީ، މިހާރު މުއްދަތު އިތުރުކޮށްދީފައި ހުރި ގަވައިދުތަކަށް ބެލެނިވެރިކަންލިބޭ ގާނޫނުތައް މިހާރުވެސް މަޖިލީހަށް ހުށަހެޅިފައިވާ ކަމަށެވެ.
އަދި ބައެއް ގާނޫނުތައް ފާސްކޮށްފައިވާއިރު، އެ ގާނޫނުތައް ތަންފީޒުކުރަން ފަށާ ތާރީހުގެ ސަބަބުންވެސް، ގަވައިދުތަކުގެ މުއްދަތު އިތުރުކޮށްދޭންޖެހިފައިވާކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
އާމިރު ވިދާޅުވީ މި މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރާއި މަޖިލީހާ ގުޅިގެން މަސައްކަތް ކުރެވޭނެ އިންތިޒާމެއް ހަމަޖައްސަންޖެހޭ ކަމަށެވެ.