"ފިދާ" އާއި "ޖާނަޝީން" ފަދަ ފިލްމުތަކުން ގިނަ ބައެއްގެ ލޯބި ހޯދާފައިވާ އެކްޓަރު ފަރްދީން ޚާން ބޮލީވުޑާ ދުރުގައި އުޅޭތާ 10 ވަރަކަށް އަހަރު ފަހުން އަލުން ފިލްމު ކުޅެން ފަށަން ނިންމައިފި އެވެ.
ފިލްމު ނުކުޅެ ފާއިތުވީ ދުވަސްތަކުގައި ވަރަށް ބޮޑަށް ފަލަވެފައި ވުމާއެކު އަލުން ފިލްމު ކުޅެން ފަށަން ގަސްތުކުރުމާއެކު ފަރްދީން އެންމެ ފުރަތަމައިނުން ވެސް ކުރި ކަމަކީ ހިކެމުގެ މަސައްކަތެވެ. އެގޮތުން އޭނާގެ ބަރުދަން މިހާރު ވަނީ ވަރަށް ބޮޑުތަން ލުއިކޮށްފަ އެވެ. އަދި ކުރިން ފަލަވެ، ބަރުހެލި ވެފައި ހުރި ފަރްދީންގެ ބަދަލުގައި މިހާރު ފެންނަން ހުރީ ވަރަށް ފިޓް އެހާމެ ޒުވާން އެކްޓަރެކެވެ.
ފަރްދީން ދާދިފަހުން ކާސްޓިން ޑައިރެކްޓަރެއް ކަމަށްވާ މުކޭޝް ޗަބްރާގެ އޮފީހަށް ވަންނަނިކޮށް ނޫސްވެރިން ވަނީ ފޮޓޯނަގާފަ އެވެ. ފަހުން މިކަމާ ގުޅޭ ގޮތުން ޗަބްރާ އާ ނޫސްވެރިއަކު ސުވާލުކުރި އެވެ. އަދި މި ސުވާލުގެ ޖަވާބުގައި ޗަބްރާ ވަނީ ފަރްދީން އަލުން ފިލްމު ކުޅެން ފަށަން އުޅޭކަން ޔަގީންކޮށްދީފަ އެވެ.
"އަދި އެއްވެސް ފިލްމެއް ކުޅޭކަށް ސޮޔެއް ނުކުރޭ. ހުރި ފުރުސަތުތައް ބަލަމުންދަނީ. އޭނާ އެނބުރި އަތުވެއްޖެ. އަދި ބަލާބެލުމަށް ހުރީ ވަރަށް ރީތިކޮށް ފިޓްކޮށް،" ކާސްޓިން ޑައިރެކްޓަރު ބުންޏެވެ.
ފަރްދީން ފަލަކޮށް ހުއްޓާ ނަގާފައިވާ ފޮޓޯތަކެއް 2016 ގައި ސޯޝަލް މީޑިއާގައި ވައިރަލްވެ ގިނަ ބަޔަކު އޭނާއަށް ވަރަށް މަލާމާތް ކުރި އެވެ. ފަރްދީން ވެސް އޭނާއަށް މަލާމާތްކުރި މީހުންނަށް ވަރަށް ގަދަޔަށް ރައްދު ދިނެވެ. ނަމަވެސް އޭގެ ފަހުން އަނެއްކާވެސް ހަތަރު ވަރަކަށް އަހަރު ފަރްދީންގެ ޚަބަރެއް އެއްގޮތަކަށް ވެސް ނުވެ ހުރެފައި ކުއްލިއަކަށް ފެނުނުއިރު ހުރީ މުޅީން ބަދަލުވެފަ އެވެ. އަލަށް ފިލްމު ކުޅެން ފެށިއިރު ހުރި ކަހަލަ ރީތި، ޒުވާން އަދި ފިޓް އެކްޓަރެއްގެ ގޮތުގަ އެވެ.
ފަރްދީން އެންމެ ފަހުން ފެނިފައިވަނީ 2010 ގައި ރިލީޒްކުރި ސުޝްމިތާ ސެން އާއި އިޝީތާ ޝަރުމާ ބަތަލާގެ ރޯލު ކުޅުނު "ދުލްހާ މިލް ގަޔާ" އިންނެވެ.