ރައީސް މުހައްމަދު ނަޝީދު

ސަރުކާރު ޖަވާބުދާރީ ކުރަން އިތުރަށް މަސައްކަތް ކުރަންޖެހޭ: ނަޝީދު

ސަރުކާރު ޖަވާބުދާރީ ކުރުވަން އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަަދި ކުރީގެ ރަައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ސަރުކާރު ހިންގާ މައި ޕާޓީގެ ރައީސްގެ މަގާމުގައިވެސް ހުންނެވި ރައީސް މުހައްމަދު ނަޝީދު މިހެން ވިދާޅުވީ މިރޭ ގެނެސްދިން "އާސްކް ސްޕީކާ" ޕްރަގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. މަޖިލީހުގެ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ މަޖިލީހަށް މައިގަނޑު ދެ މަސައްކަތެއް އެބައޮތް ކަމަށާ އެއީ ގާނޫނު ހެދުމާއި ސަރުކާރު ޖަވާބުދާރީ ކުރުވުން ކަމަށެވެ.

ނަޝީދު ވިދާޅުވީ އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި ސަރުކާރު ޖަވާބުދާރީ ކުރުވަން އިތުރު މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

"ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި އެބަ އިތުރު މަސައްކަތްތަކެއް އަޅުގަނޑަށް ފެންނަ ގޮތުގައި ކުރަންޖެހޭ،" މަޖިލީހުގެ ސުޕަ މެޖޯރިޓީ ސަރުކާރަށް އޮތް އޮތުމަށް އިޝާރާތް ކުރައްވާ ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ކަންކަން ސާފުކޮށް ދިނުމުގެ ކުރިން ރައްޔިތުންގެ މަޖިލީހަށް އެ ކަންކަން އެނގޭނެ ނިޒާމެއް ގާއިމުވެފައި އޮންނަަން ޖެހޭ ކަމަށެވެ. ހާއްސަކޮށް ދައުލަތުގެ ދަރަންޏާއި ގުޅޭގޮތުން ސަރުކާރުން މައުލޫމާތު ހިއްސާ ކުރުމުގެ ކުރިން އެކަންކަމާއި ގުޅޭގޮތުން ވެފައި އޮންނަ ގޮތެއް މަޖިލީހަށް ސާފުކޮށް އެނގެން ޖެހޭ ކަމަށެވެ.

ކުރިއަށް އޮތީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވެކްސިން ޕްރަގްރާމެއް ހިންގާނެ ދުވަސްތަކެއް ކަމަށާ އެހެން ކަމުން ވެކްސިނޭޝަން ހިންގާނެ ގޮތް ސަރުކާރުގައި އަހާ މިހާރުވެސް އޮޅުން ފިލުވާން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.