ރައީސް މުހައްމަދު ނަޝީދު

2023 ގެ އިންތިހާބު ނަގާނީ އެމްޑީޕީން: ނަޝީދު

Dec 8, 2020
6

ރާއްޖޭގައި ދެން ބާއްވާ ރިޔާސީ އިންތިހާބެއް ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ކާމިޔާބު ކުރާނެ ކަމަށާ އެކަމާ އެއްވެސް ޝައްކެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ވެރިކަން ކުރުމުގެ ފުރުސަތު އެމްޑީޕީއަށް ދެ ފަހަރު ވަނީ ލިބިފައެވެ. އެއީ 2008 ވަނަ އަހަރާއި 2018 ވަނަ އަހަރު އޮތް އިންތިހާބު ކާމިޔާބު ކޮށްގެންނެވެ. ނަމަވެސް އެ ދެ ފަހަރު ވެސް އެމްޑީޕީއަށް ކާމިޔާބު ލިބިފައިވާ ގިނަ ޕާޓީތަކެއް އެކުވެގެން ކުރި މަސައްކަތުންނެވެ. ފުރަތަމަ ފަހަރި ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވަޑައިގެންނެވީ ވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ދެވަނަ ފަހަރު، 2018 އިގެ އިންތިހާބުގައި ވާދަ ކުރައްވަން ވެސް އެމަނިކުފާނު މަސައްކަތް ކުރެއްވި އެވެ. އެމްޑީޕީން ފުރަތަމަ ޓިކެޓް ދިނީވެސް އެމަނިކުފާނަށެވެ. އިންތިހާބުގައި ވާދަ ކުރެވޭ ގޮތް ނުވީ އެމަނިކުފާނުގެ މައްޗަށް 13 އަހަރުގެެ ޖަލު ހުކުމެއް އިއްވާފައި އޮތުމުންނެވެ.

އަންނަ 2023 ގެ އިންތިހާބުގައި ރައީސް ނަޝީދު ވާދަ ކުރައްވަން ނިންމަވާ އެ މަސައްކަތް މިހާރު ވެސް ފައްޓަވާފައިވާ ކަަމަށް އަޑުފެތުރިފައިވަނިކޮށް ރޭ އޮތް "އާސްކް ސްޕީކާ" ޕްރަގްރާމްގައި އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ދެން އަންނަ އިންތިހާބެއް ކާމިޔާބު ކުރެވޭނެ ކަމުގެ ސައްތައިން ސައްތަ ޔަގީންކަން އެބައޮތް ކަމަށެވެ.


"ދެން އަންނަ އިންތިހާބެއް ސަތޭކައިން ސަތޭކަ އަޅުގަނޑުމެންނަށް ކާމިޔާބު ކުރެވޭނެ، އެއްވެސް ޝައްކެއް ނެތް. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީއަށް މިރާއްޖޭގައި ދެން އޮންނަ އިންތިހާބެއް ކާމިޔާބު ކުރެވޭނެ ކަމާމެދު އެއީކީއެއް އަޅުގަނޑުގެ ހިތުގައި އެއްވެސް ޝައްކެއް އުފެދޭ ކަމެއް ނޫން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ނިޒާމު ބަދަލު ކުރަން ގޮތެއް ހޯދޭނެ

ރާއްޖޭގައި ވެރިކަންކުރާ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަންޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވާ ވިދާޅުވުން ރޭވެސް ވަނީ ތަކުރާރު ކުރައްވާފައެވެ. ނަޝީދު ރޭ ވެސް ވިދާޅުވީ ވެރިކަން ކުރަން އޮތް "ހަމައެކަނި ނިޒާމަކީ ބަރުލަމާނީ ނިޒާމު" ކަމަށެވެ. އަދި ރާއްޖޭގައި ގިނަ ދުވަހު ވެރިކަން ކޮށްފައިވަނީ ވެސް ބަރުލަމާނީ ނިޒާމަށެވެ. ރިޔާސީ ނިޒާމު މޮޅުވެގެން އެ ވާހަކަ ދައްކަން ފެށީ މިދިޔަ ވިއްސަކަށް އަހަރުގެ ތެރޭގައި ކަމަށްވެސް ނަޝީދު ވިދާޅު ވިއެވެ.

"އަޅުގަނޑު އަބަދުވެސް ގަބޫލުކުރަނީ ދިވެހިރާއްޖެއަށް އަދި ކޮންމެ ގައުމަކަށްވިޔަސް ވެރިކަން ކުރަން އެންމެ ރަނގަޅު، އޮތް ހަމައެކަނި ނިޒާމަކީ ބަރުލަމާނީ ނިޒާމެއް. އަޅުގަނޑު މިހެން ދަންނަވާއިރު އަޅުގަނޑު މިއީ ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައި ހުރި މީހެއް، އަދި އެކަމު ބޮޑުވަޒީރުކަން ކޮށްފައި ހުރި މީހެއް ނޫން. ދިވެހިރާއްޖޭގައި ގިނައިން ވެރިކަން ކޮށްފައި އޮތީ ބަރުލަމާނީ ނިޒާމަކަށް. މިފަހުން އައި ވިއްސަކަށް އަހަރު ރިޔާސީ ކަންތައްގަނޑެއް ޖެހިގެން މި އުޅެނީ. އެއީ ވަރަށް ފަހުން އައި ކަމެއް،" ނަޝީދު ވިދާޅުވިއެވެ.

ވެރިކަމުގެ ނިޒާމު 2023 ގެ ކުރިން ބަރުލަމާނީއަކަށް ބަދަލު ކުރެވިދާނެތޯ ސުވާލު ކުރުމުން އެމަނިކުފާނު ވިދާޅުވީ ނިޒާމު ބަދަލު ކުރަން އެންމެ ރަނގަޅު ވަގުތަކީ 2023 ތޯ ނުވަތަ އޭގެ ކުޑަ ދުވަސްކޮޅެއް ކުރިންތޯ އެއީ މަޝްވަރާ ކުރަން އޮތް ކަމެއް ކަމަށެވެ. ސިޔާސީ މިފަދަ ކަންކަމުގައި އެމަނިކުފާނު އަބަދުވެސް މަޝްވަރާ ކުރައްވަނީ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށާ ނިޒާމުގެ މައްސަލާގައި ވެސް އެމަނިކުފާނާއި މަޝްވަރާ ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑުމެން އެ ވާހަކަ ދައްކާނަން. ދައްކާފައި އަޅުގަނޑުމެންނަށް ރަނގަޅު ގޮތެއް ހޯދޭނެ،" ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގައި ވެރިކަން ކުރުމުގެ ނިޒާމު ކަނޑައަޅާފައިވަނީ ސީދާ ރައްޔިތުން ކަމަށާއި، އެ ނިޒާމު ބަދަލުކުރާނަމަ ފުރަތަމަ ދާންޖެހޭނީ ރައްޔިތުންގެ ގާތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.

ރައީސް އޮފީހުގައި މިދިޔަ ޖޫން މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރައްވަންތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން، ރައީސް ސޯލިހު ވިދާޅުވީ ވެރިކަމުގެ ނިޒާމާމެދު ވިސްނައި، ރައީސްގެ މަގާމުގައި ހުންނަވައިގެން ވަގުތު ހޭދަކުރައްވަން ބޭނުންފުޅުނުވާ ކަމަށެވެ.

"އަޅުގަނޑު މި މަގާމަށް އައިސް މި ހުރީ ވަރަށް ގިނަ ވައުދުތަކެއް ވެގެން. އަޅުގަނޑު ހުރިހާ ވަގުތެއް ހުސްކުރަން ބޭނުން ވަނީ އެ ވައުދުތައް ފުއްދުމަށް. އަޅުގަނޑުގެ ސިކުނޑި އާއި އެހެން ކަންކަން މި ނޫން ކަމަކަށް ހުސް ކުރާކަށް ބޭޭނުމެއް ނޫން،" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، ގިނަ މަޝްވަރާތަކަކަށްފަހު، ގާނޫނު އަސާސީ އެކުލަވާލީ، ވެރިކަން ކުރާ ނިޒާމަކާމެދު ސީދާ ރައްޔިތުން ނިންމި ނިންމުމެއްގެ މައްޗަށް ކަމަށެވެ. އަދި އެ ނިޒާމު ބަދަލުކުރަން ވިސްނުމުގެ ކުރިން، އަނެއްކާވެސް ރައްޔިތުންގެ ގާތަށް ދާން ޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ބަރުލަމާނީ، ރިޔާސީ ނިޒާމެއްގެ ކަންކަން އޮތީ މީގެ ކުރިން ނިމިފައި. ކުރިން އޮތީ ރައްޔިތުން ގޮތަކަށް ނިންމާފައި. އެއްވެސް ޒަމާނެއްގައި އެކަން ކުރަން ބޭނުން ނަމަ ދެން ވެސް ހަމަ ދާން ޖެހޭނީ ރައްޔިތުންގެ ކައިރިއަށް،" ރައީސް ވިދާޅުވި އެވެ.