ބޭރު ކުޅިވަރު

ޕްލެޓިނީއަށް ކެމްޕޭނެއް ނުކުރެވޭނެ، އިންތިހާބުގައިވެސް ވާދަނުކުރެވިދާނެ: ފީފާ

Oct 21, 2015

އަންނަ ފެބްރުއަރީ މަހު ބާއްވާ ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާގެ އިންތިހާބުގައި ޔޫއޭފާގެ ރައީސް މިޝޭލް ޕްލެޓީނީ އަށް ވާދަ ނުކުރެވިދާނެ ކަމަށާއި ޔަގީނުން ވެސް އޭނާ އަށް ކެމްޕޭން ނުކުރެވޭނެ ކަމަށް ފީފާއިން ބުނެފި އެވެ.

އެ ޖަމާއަތުން މިހެން ބުނީ ކޮރަޕްޝަނުގެ ތުހުމަތުގައި ފީފާގެ ރައީސް ސެޕް ބްލެޓާއާއެކު ޕްލެޓިނީ ވެސް 90 ދުވަސްވަންދެން މިމަހު ކުރީކޮޅު ސަސްޕެންޑްކޮށްފައިވުމުންނެވެ.

އެއީ 2011 ވަނަ އަހަރު ބްލެޓާ ސޮއިކޮށް ޕްލެޓިނީ އަށް ފީފާއިން ދީފައިވާ 2.7 މިލިއަން ޕައުންޑްގެ މައްސަލާގަ އެވެ. ޕްލްޓިނީ އާއި ބްލެޓާ ވެސް ބުނަނީ މިއީ 2002 ވަނަ އަހަރު ބްލެޓާގެ މުޝީރަކަށް ޕްލެޓިނީ މަސައްކަތް ކުރުމުން ދޭން ޖެހޭ ފައިސާ ކަމަށެވެ. ނަމަވެސް ސްވިޒަލޭންޑްގެ އެޓާނީ ޖެނަރަލް މިކަމުގައި ސުވާލު އުފައްދަނީ މަސައްކަތް ނިމުނުތާ 9 އަހަރު ފަހުން ފައިސާ ދީފައިވާތީ އެވެ.

ފީފާގެ އެތިކްސް ކޮމިޓީގެގެ ފަރާތުން ޑޮމެނީސިއޯ ސްކާލާ ބުނީ ބްލެޓާ އާއި ޕްލެޓިނީ އަކީ ފީފާގެ އެކްސްކޯގެ ދެ މެމްބަރުން ކަމަށްވާއިރު މިއީ މަސްހަލަތު ފުށުއަރާ ކަމެއް ކަމަށެވެ.

ފީފާގެ ރައީސްކަމަށް ވާދަކުރައްވާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ދެ ބޭފުޅުންނަކީ ޕްލެޓިނީ އާއި އުރުދުންގެ ޕްރިންސް އަލީބިން އަލް ހުސައިންއެވެ. އޭނާ އަކީ ފީފާގެ ކުރީގެ ނާއިބް ރައީސް އަދި މިދިޔަ ޖޫން މަހުގެ އިންތިހާބުގައި ބްލެޓާއާ ވާދަކުރެއްވި ބޭފުޅާ އެވެ.