ބޭރު ކުޅިވަރު

ރައީސަށް ވާދަކުރެވޭނަމަ، ޖެނެރަލް ސެކްރެޓަރީ ނަން އަނބުރާ ގެންނަނީ

ސަސްޕެންޑްކޮށްފައި ހުރި ޔޫއޭފާގެ ރައީސް މިޝޭލް ޕްލެޓިނީ އަށް، އަންނަ ފެބްރުއަރީ މަހު ބާއްވާ ފީފާގެ އިންތިހާބުގައި ވާދަކުރެވޭގޮތްވެއްޖެނަމަ ނަން އަނބުރާ ގެންދާނެ ކަމަށް ޔޫއޭފާގެ ޖެނެރަލް ސެކްރެޓްރީ ޖިއާނީ އިންފަނީޓޯ ބުނެފި އެވެ.

ފީފާގެ ނާއިބް ރައީސެއްގެ ގޮތުގައި ވެސް ހުންނެވި ޕްލެޓީނީ ސަސްޕެންޑްކުރީ ފީފާގެ ރައީސް ސެޕް ބެލްޓާއާއެކުގަ އެވެ. އެއީ މީގެ 11 އަހަރު ކުރިން ހިނގި ކަމަކަށް ބްލެޓާ ސޮއިކުރައްވައި މާފަހުން ޕްލެޓިނީ އަށް 1.5 މިލިއަން ޕައުންޑް ދިން މައްސަލާގަ އެވެ. ނަމަވެސް މިކަމުގައި ގޯސް އެއްވެސް ކަމެއް ނެތް ކަމަށް ދެ ބޭފުޅުން ވެސް އެއްބަސްވެވަޑައިގަންނަވަ އެވެ.

90 ދުވަހަށް ފުޓްބޯޅައިގެ ހަރަކާތްތަކުން ޕްލެޓީނީ ސަސްޕެންޑްކޮށްފައި ހުންނެވި ނަމަވެސް އަންނަ މަހު އޭނާގެ ސަސްޕެންޝަން ހަމަވާނެ އެވެ. ނަމަވެސް އޭނާގެ ކެނޑިޑެސީ ފީފާއިން ގަބޫލުކުރާނެކަން އަދި ޔަގީނެއްނޫނެވެ.

"އަހަރެންގެ ވާދަކުރުމަކީ ޕްލެޓިނީ އަށް ހުރަހަކަށްނުވާނެ. އެއީ އޭނާ އަށް ވާދަކުރެވޭގޮތް ވެއްޖެނަމަ އަހަރެން ނަން އަނބުރާ ގެންނާނެތީވެ. އަހަރެން ވަފާތެރިކަން ދައްކާކަން. އެކަމަކު މިވަގުތު އަހަންނަނީ ކެނޑިޑޭޓެއް. އަހަރެން މަސައްކަތް ކުރާނީ މުޅި ދުނިޔޭގެ ފުޓްބޯޅަ ކުރިއަރުވަން،" އިންފަނީޓޯ ބުންޏެވެ.

އިންފަނީޓޯ އާއި ޕްލެޓިނީއާއެކު ފީފާގެ ރައީސް ކަމަށް ހަތް ބޭފުޅަކު ވާދަކުރައްވަ އެވެ. އޭގެ ތެރޭގައި ފީފާގެ ކުރީގެ ނާއިބް ރައީސް އެންމެ ފަހު އިންތިހާބުގައި ޕްލެޓީނީގެ ތާއީދާއެކު ބްލެޓާއާ ވާދަކުރެއްވި އުރުދުންގެ ޕްރިންސް އަލީބިން އަބުދުﷲ ވެސް ހިމެނިވަޑައިގަންނަވަ އެވެ. ދެން ހުންނެވި އެންމެ ސީރިއަސް ކެނޑިޑޭޓަކީ އޭޝިޔާގެ ފުޓްބޯޅަ ޖަމިއްޔާ އޭއެފްސީގެ ރައީސް ޝެއިހް ސަލްމާން ބިން އިބްރާހީމެވެ.

ފީފާގެ ރައީސަކު ހޮވަން ކުއްލި އިންތިހާބެއް ބާއްވަނީ ޖެހިޖެހިގެން ފަސް ވަނަ ދައުރަކަށް މިދިޔަ ޖޫން މަހު އިންތިހާބުވުތާ ތިން ދުވަސް ފަހުން ބްލެޓާ މަގާމުން އިސްތިއުފާ ދެއްވަން ނިންމެވުމުންނެވެ. އާ ރައީސަކު ހޮވަންދެން އޭނާ ފީފާގެ ރައީސްގެ ގޮތުގައި ދެމިހުންނަވަން ނިންމަވާފައިވަނިކޮށް ބްލެޓާ ސަސްޕެންޑްކުރެއްވީ އެވެ.