އަންނަ ފެބްރުއަރީ މަހު ބާއްވާ ފީފާގެ އިންތިހާބުގައި ވާދަކުރައްވަން ޔޫއޭފާގެ ރައީސް މިޝޭލް ޕްލެޓިނީ އަށް ދިން ތާއީދު އަނބުރާ ގެންނަން ޖެހިދާނެ ކަމަށް ބައެއް ގައުމުތަކުން ބުނެފި އެވެ.
ޔޫރަޕުގެ ގައުމުތަކުގެ ތެރެއިން ޑެންމާއި ޖަރުމަނާއި ނެދަލޭންޑްސް، އަދި އިނގިރޭސިވިލާތް ފަދަ ނުފޫޒުގަދަ ބައެއް ގައުމުތަކުން މި ގޮތަށް ބުނީ ކޮރަޕްޝަނުގެ ތުހުމަތުގައި ޕްލެޓިނީ 90 ދުވަހަށް ފީފާގެ އެތިކްސް ކޮމިޓީން ސަސްޕެންޑްކުރުމުންނެވެ.
ޕްލެޓިނީގެ މައްޗަށް ކުރާ ތުހުމަތަކީ ފީފާގެ ރައީސް ބްލެޓާ ސޮއިކޮށް، 2011 ވަނަ އަހަރު އޭނާ އަށް އެޖަމާއަތުން 1.5 މިލިއަން ޕައުންޑް ދީފައިވާ މައްސަލަ އެވެ. މި މައްސަލާގައި ބްލެޓާ އަށް ދައުވާކޮށް، އޭނާ ވެސްވަނީ 90 ދުވަހަށް ސަސްޕެންޑްކޮށްފަ އެވެ.
ޑެންމާކުން ބުނީ މިއަދު ބައްވާ ޔޫރަޕުގެ ގައުމުތަކުގެ ބައްދަލުވުމުގައި ޕްލެޓިނީ އެ ފައިސާއަކީ ސައްހަގޮތުގައި ދީފައިވާ އެއްޗެއްކަން ސާބިތުކޮށްދޭން ޖެހޭނެ ކަމަށެވެ. އެހެންނޫނީ އޭނާ އަށް ދީފައިވާ ތާއީދު އަނބުރާ ގެންނަންޖެހިދާނެ ކަމަށެވެ.
މި މައްސަލާގައި މިހާތަނަށް ޕްލެޓިނީ ބުނަމުންދިޔައީ އެއީ 2002 ވަނަ އަހަރު ބްލެޓާގެ އެޑްވައިޒަރަކަށް ހުންނެވި އިރު ދޭންޖެހޭ އުޖޫރަ ކަމަށެވެ. ނަމަވެސް އެ ފައިސާއާ މެދު ތަހުގީގީ ޓީމުތަކުން ސުވާލު އުފައްދަނީ ޕްލެޓިނީގެ މަސައްކަތް ނިމުނުތާ ނުވަ އަހަރު ފަހުން ފައިސާދީފައިވާތީ އެވެ. މި ކަމުގައި ޕްލެޓީނީ އާއި ބްލެޓާ ވެސް ވިދާޅުވަނީ ގޯސް އެއްވެސް ކަމެއް ނުކުރާ ކަމަށެވެ. ނަމަވެސް އެ ފައިސާ ދީފައިވަނީ 2011 ވަނަ އަހަރުގެ ފީފާ އިންތިހާބުގެ ކުޑަދުވަސްކޮޅެއް ކުރިން ކަމަށްވާތީވެ އެއީ އެ އިންތިހާބުގައި ޕްލެޓިނީ ވާދަކުރުން ހުއްޓުވަން ދީފައިވާ ފައިސާ ކަމަށް ތަހުގީގީ ޓީމުތަކުން ތުހުމަތުކުރެ އެވެ. އަދި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާއިރު އިތުރު މައްސަލަތައް ވެސް ފެންމަތިވެފައިވާ ކަމަށް އެ ޓީމުގެ އޮފިޝަލުން ބުނެ އެވެ.
ފްރާންސްގެ ކުރީގެ ކެޕްޓަން ޕްލެޓިނީ ބްލެޓާ އަށް ފަހު ފީފާގެ ރައީސް ކަމަށް އަންނަން މަސައްކަތް ކުރާއިރު އޭނާއާ އެންމެ ބޮޑަށް ވާދަކުރާނެ ކަމަށް ބެލެވޭ އުރުދުންގެ ޕްރިންސް އަލީ ބިން ހުސައިން ވަނީ ޕްލެޓިނީ އަތުވެއްޖެނަމަ ފީފާ އިސްލާހުނުވާނެ ކަމަށް ބުނެ ފާޑުކިޔާފަ އެވެ.