ވިޔަފާރި

ރިސޯޓް ތަރައްގީ ކުރަން މަންޑޭ ދެރަށް ގަނެފި

ރިސޯޓް ތަރައްގީ ކުރަން ނިންމައި ރާއްޖޭގެ ހަންބޯ ކުންފުނީގެ ވެރިޔާ، އަދި އާ ވިޔަފާރިވެރިޔާ ހަސަން މަމްދޫހު (މަންޑޭ) ދެ ރަށެއް ބައްލަވައިގެންފި އެވެ.

އަވަސް އޮންލައިނަށް ކަށަވަރުވެފައިވާ ގޮތުގައި މަންޑޭ ބައްލަވައިގަތީ އެހެން ބޮޑު ވިޔަފާރިވެރިއަކު މާލެއާ ކައިރީ ފަޅަކުން ހިއްކައި ވަރަށް ބޮޑަށް ފެހި ކޮށްފައިވާ ދެ ރަށެވެ. މަންޑޭ އޭނާގެ ކޮރެއާ ޕާޓްނަރުގެ ހިއްސާއާއެކު އެ ދެ ރަށް ބައްލަވައިގަތުމުގެ ވިޔަފާރި މުއާމަލާތް ފަށާފައި ވަނީ މިދިއަ ހަފުތަގަ އެވެ. އަދި އެކަމާ ގުޅިގެން ކުރަންޖެހޭ އިދާރީ އަދި ގާނޫނީ އެހެން ހުރިހާ މަސައްކަތެއް ދަނީ ފުރިހަމަ ކުރަމުންނެވެ.

ނަމަވެސް އެ ދެރަށް މަންޑޭ ބައްލަވައިގަތީ ކިހާ ފައިސާއަކަށް ކަމެއް ސާފެއް ނުވެއެވެ.

އަވަސް އެނގިފައިވާ ގޮތުގައި މަންޑޭ ބައްލަވައިގަތް ދެރަށް މަތީ ފެންތީގެ ޓޫރިޒަމަށް އަމާޒުކޮށް ތަރައްގީ ކުރުމުގެ މަސައްކަތް ފަށަނީ އަންނަ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އަދި އެ ދެ ރަށުގެ މަސައްކަތް ކުރާނީ އެކުއެކީގައި ނިންމާ ހިދުމަތަށް ގެންނަ ގޮތަށެވެ.

މަންޑޭ މި ދެ ރަށް ބައްލަވައިގެންނެވި އިރު ހުޅުމާލޭގައި ތަރައްގީ ކުރާ ކޭޕާކް ކޮންޑަމީނިއަމް އަކީ ވެސް އޭނާގެ ހަންބޯ ކުންފުނީގެ ޕްރޮޕެޓީއެކެވެ. އަދި އެފްއޭމްގެ 20 ބުރީގެ އިމާރާތް އަޅާ ކޮރެއާ ކުންފުނީގެ ބައިވެރިޔަކީ ވެސް މަންޑޭ އެވެ.