ވާހަކަ

ކާޝް

(ފަނަރަވަނަ ބައި)

އޭނާ އިޝާރާތްކޮށްލީ މިކާޝްއާ ދިމާއަށެވެ. ރުޅިވެރިކަމާއެކު ބަލައިލީ ސީދާ މިކާޝްގެ މޫނަށެވެ. ޝައްކުގެ ނަޒަރުން މިކާޝަށް އޭނާ ބަލަންފެށިއެވެ.

މިކާޝް ކުރިއަށް ޖެހިލިއެވެ. އޭނާ ބާރުބާރަށް ހަޅޭއްލަވާގަތެވެ. މުޅި ގޭތެރޭގައި އެ އަޑު ގުގުމަން ފެށިއެވެ. މުޅިތަނުން އިވެނީ އެ ހަޅޭއްކުގެ އަޑެވެ. އައިޝަމް ކަންފަތުގައި އަތްއެޅިއެވެ. އައިރީންގެ ބޮލަށް ގޮތްތަކެއް ވެގެން ތިރިވާ މަންޒަރު ފެނުނެވެ. ނަމަވެސް، އޭނާ ބިމުގައި ނުޖެހެއެވެ. ތިރިވިގޮތަށް ގެއްލުނީއެވެ. ވައިގެ ތެރެއަށް ފޭދިގެން ދިޔައީއެވެ. ހީވީ ފެންތަށްޓަކަށް ކުލަ ކޮޅެއް ގިރިގެން ދިޔަހެންނެވެ.
އައިޝަމަކަށް އަދި ނަޖުމާއަކަށް ވެސް އެ މަންޒަރެއް ނުފެނެއެވެ. ނަޖޫމާއަށްވީ އެހެން ގޮތެކެވެ. މޭނުބައިކޮށް އޯކަށް ދެމޭ ގޮތްވާން ފެށީއެވެ. އޭނާ މޭގައި އެއް އަތް، އަނގަމަތީގައި އަނެއް އަތް އަޅައިގެން އޯކަށް ދެމެން ފެށިއެވެ.

އައިޝަމްގެ ދެ އަތް ހުޅުވާލުމާއެކު އަތުގެ ތެރެއިން ހުދުކުލައިގެ ވަށް ބޯޅައެއްފަދަ ހުދު އަލިކަމެއް ނުކުމެ ހަރަކާތްކުރާން ފެށިއެވެ. އޭރު މިކާޝްގެ ސިފަވަނީ ބަދަލުވެފައެވެ. އޭނާގެ ފަންއިސްތަށިގަނޑުގެ ކޮންމެ އިސްތަށްޓަކުން ފެންނަނީ ހިމަހިމަ ހަރުފައިގެ މޫނުތަކެވެ. އެ ހިމަ ދިގު ނޭފަތްވަނީ ދިގުވެ ތިރިއަށް ލެނބިފައެވެ. އޭނާގެ ދަތްދޮޅިވެސްވަނީ އޫވެ ކުރިއަށް ދިގުވެ މައްޗަށް ލެނބިފައެވެ. ދެ ކޯތާފަތްވަނީ ވަޅުވަދެފައެވެ. މޫނުމަތީގެ ރޫތައް ގިނަވެ މުޅި މީހާގެ ސިފަވަނީ ބަދަލުވެފައެވެ. ހީވަނީ މުސްކުޅި އަންހެނެއް ހެންނެވެ. މިހާރު އެއީ މުޅީން އެހެން މީހެކެވެ.

އޭނާގެ ހަށިގަނޑުގެ ވަނާތައް ފާޅުވާވަރުގެ ގަޔަށް ބާރު ކަޅުކުލައިގެ ހެދުމެއްގައި ހުރި އިރު ހަށިގަނޑާއި މޫނުގެ ސިފަ ދިމާނުވެއެވެ. ބަލައިބެލުމަށް ހަށިގަނޑު ޅައެވެ. ނަމަވެސް، މޫނު މުސްކުޅިކަމަށް ދައްކައެވެ. އޭނާގެ ކަނދުރާއާދިމާއިން ފަހަތަށް ދޫކޮށްލެވިފައިވާ، އޮފު އަރަމުންދާ ކަޅުކުލައިގެ ފޮތިގަނޑެއް ވިހުރިލަ ވިހުރިލާ އޮތެވެ. ބޮލުން ފެންނަމުން ދިޔަ ހަރުފަތައް މައްޗަށް ހަރަކާތް ކުރަމުން ދިޔައެވެ. މިކާޝްގެ ސިފައިގައި ހުރި އެ ސޮރު ވާހަކަދައްކަން ފެށިއެވެ.

"އަހަރެންގެ ބޭނުމަކީ މި ގެއަށް ވަނުން. އެކަން މިއަދު ކާމިޔާބު ކުރެވިއްޖެ. ދެން އޮތީ އަހަރުމެންގެ މަގުސަދާހަމައަށް ވާސިލުވުން." ގޮތް ނޭނގޭ އެ އެތީގެ އަޑު އަންނަމުން ދިޔައީ އެކިފަހަރު އެކި ދިމަދިމާއިންނެވެ.

އައިޝަމް ގާތަށް ރުޅި އާދެވުނެވެ. އޭނާއަށް ދަތްކުނޑި ވިކާލިއެވެ. މުށްކަވާލަމުން މޭ ފުއްޕާލިއެވެ. އޭރު އެ ސޮރު ނަޖުމާއާ ދިމާއަށް ތިރިވަނީއެވެ.

އައިޝަމް ބަލައިލީ ފަހަތުން މީހެއްގެ ހިލަމެއް ވިހެން ހީވުމުންނެވެ. އެއީ އައިރީންއެވެ.

"ކޮބާ އައިރީން." އައިޝަމް ހިތްހަމަ ނުޖެހިގެން ބުނެލިއެވެ.
"މިހުރީނު،" އައިރީން ބާރުބާރަށް ހޭންފެށިއެވެ. "މި އައިރީނޭ. މިއީއޭ އައިރީނަކީ."
"އެންމެ ފުރަތަމަ ވެސް އަހަރެންގެ ބޮލުގައި ރިއްސާލި، އެހާ ފަސޭހައިން ދެމީހުން ގުޅިގެން އުޅޭތަން ފެނުނީމަ އަހަންނަށް ވިސްނުނު." އައިޝަމް ދަތްކުނޑިވިކާލިއެވެ.
"ދަރިފުޅާ." ނަޖުމާގެ ވޭނީއަޑު އިވުމުން އައިޝަމްގެ މޭ ތެޅިގަތެވެ.

އައިޝަމަށް ބަލައިލެވުނީ ނަޖުމާއާ ދިމާއަށެވެ. އޭރު މިކާޝްގެ ސިފައިގައި ފެނުނު އެތީ ނަޖުމާ ނަގައިގަންނަނީއެވެ. އައިޝަމް ބާރުބާރަށް ހަޅޭއްލަވާ ގަތެވެ. އަޑާއެކު އޭނާގެ އަނގައިން ނުކުން ރާޅުބާނީ ހަރަކާތްތަކާއެކު މިކާޝްގެ ސިފައިގައި ހުރި ގޮތްނޭނގޭ އެ ސޮރަށް ފާޑެއްގެ އުނގަދޫތަކެއްވާން ފެށިއެވެ. އޭނާގެ މޫނުމައްޗަށް އެޅުނު ވައިރޯޅީގެ ބާރުކަމުން އޭނާ ވިއްސައިގެން ދިޔައެވެ. އެދިޔަ ބާރު މިނުގައި ގޮސް ފާރުގައި ތަތްވިއެވެ. ކުރިއަށް ގުޑިލަން ވެސް ނުކެރޭހެންނެވެ. ސަލާމަތަށް އެދި އެ ސޮރު ހަރަކާތްކޮށްލަ ކޮށްލާ އޮތީއެވެ.

އައިޝަމް ބަލައިލީ އައިރީންގެ ސިފާގައި އުޅުނު އެތީގެ ހިލަމެއް ނުވުމުން ފަހަތަށެވެ. އޭރު އެ އައިރީން ސިފައިގައި ފެނުނު ސޮރުގެ ދޫ ބޭރަށް ނެރެ އައިޝަމަށް ހަމަލާ ދޭން ތައްޔާރުވަނީއެވެ.

އައިޝަމްގެ ހުޝިޔާރުކަމުން އެ ސޮރުގެ ހިމަ ދިގު ދުލުން ދޭން އުޅުނު ހަމަލާއިން ރެކިގަތެވެ. އެ ސޮރުގެ ދޫ ގޮސް ޖެހުނީ ގޭގެ ފާރުގައި ހަރުކޮށްފައިވާ ޓީވީގައެވެ. އެއާއެކު ޓީވީގެ ބިއްލޫރިތައް ބުރަބުރައިގެން ދިޔައެވެ. ޓީވީގެ އޮނިގަނޑު ފުނޑުފުނޑުވެގެން ފައިބައި ގަތެވެ.
އޭރު އައިރީންގެ ސިފައިގައި ފެނުނު ރީތި އަންހެން ކުއްޖާގެ ސިފަ ފިރިހެނެއްގެ ސިފައަށް ބަދަލުވަނީއެވެ. އައިރީންގެ ރީތި ހިމަ ދެލޮލުގެ ބަދަލުގައި މިހާރު ފެންނަނީ ބޮޑު ކަޅު ދެ ލޮލެވެ. ލޮލުގެ ކަޅުކަޅިވަނީ ހުދުވެފައެވެ. ހުދު ކަޅިވަނީ ކަޅުވެފައެވެ. ތަނަވަސް ރީތި ނިތްކުރީގެ ބަދަލުގައި މިހާރު ފެންނަނީ ގޮނބި އަރާ އަޑިވަދެފައިވާ ނިތްކުރިއެކެވެ. ލަކުނު ގިނަ މޫނެކެވެ. ހީލުމުން އަޑިވަންނަ އެ ދެ ކޮލުގެ ބަދަލުގައި ފެންނަނީ ހަންގަނޑު އެލި ދޫ ޖެހިފައިވާ ދެ ކޯތާ ފަތެވެ.

"ކަލޭ ދޯ." އައިޝަމް ދެއަތް ފުޅާކޮށްލަމުން މޭ ފުއްޕާލިއެވެ.
"އާން އަހަރެން، ވަރުޖީން. ކަލޭއަށް އަހަރެން އެނގޭތަ؟" ވަރުޖީން އަނެއްކާ ވެސް ބާރުބާރަށް ހޭންފެށިއެވެ.

އެއާއެކު ވަރުޖީންގެ ސިފައިގައި ފެންނަމުން ދިޔަ އިފުރީތެއްފަދަ އެ އެތި އެނބުރެން ފެށިއެވެ. އަވަސް ހަރަކާތްތަކަކާއެކު އެނބުރެމުން ދިޔައެވެ. އެއްޗެއް އެނބުރޭހެން ވެސް ހީނުވާހާ ބާރު މިނުގައެވެ. މަންޒަރު ވެސް ނުފެންނަހާ އަވަހަށެވެ. އައިޝަމް ހުރީ ވަރުޖީން ދީފާނެ ހަމަލާއަކަށް ތައްޔާރުވެގެންނެވެ. ކޮންމެ ފަދަ ދަނޑިވަޅެއްގައި ވެސް އެ ސޮރު ހަމަލާ ދީފާނެ ކަމަށް ހޭލައެވެ. އެކަމަށް ވިސްނައެވެ.
އަނެއްކާ ވެސް ނަޖުމާ ކުކުރެން ފެށި އަޑު އިވުނެވެ. އައިޝަމްގެ ހިތުގެ ތެޅުން އަވަސްވިއެވެ. ނަޖުމާގެ މަތީން ހަނދާންވީ ވެސް އޭނާގެ އަޑު އިވުމުންނެވެ. އޭރު ނަޖުމާ ސޯފާގައި ހިފަހައްޓައިލަމުން މަޑުމަޑުން ތެދުވަނީއެވެ.

"މަންމާ، އަވަހަށް ކޮޓަރިއަށްވަދޭ." އައިޝަމް އަވަސް އަވަހަށް ބުނެލިއެވެ.

އޭރު މިކާޝްގެ ސިފައިގައި ކުރިން ފެނުނު އެތި ފާރު ކައިރިން ފިރުކެމުން ތެދުވަނީއެވެ. އެ ސޮރުގެ ސިފަ މުޅީން ބަދަލުވެ ދެ ލޯ ރަތްވާން ފެށިއެވެ. އެއާއެކު އޭތީގެ ލޮލުން ދޫކޮށްލި ރަތް އަލިކަމެއް އައިޝަމްއާ ދިމާއަށް ދިޔައެވެ. އައިޝަމް އެ އަލިކަމުން ރެކި ގަތެވެ. ނަމަވެސް އޭނާ އަރި އަޅައިލިއެވެ. ހީވީ މީހަކު އޭނާގެ ބަދަމަތީގައި އެތިފަހަރެއް އެޅި ހެންނެވެ. ކަންވީ ވެސް އެހެންނެވެ. މަންޒަރުގެ ތެރެއިން ގެއްލުނު ވަރުޖީންގެ ބާރު އެތިފަހަރެއް އައިޝަމަށް އަމާޒުވީއެވެ. އެހެންވެ އައިޝަމް އެއްލިގެން ދިޔައެވެ.

އައިޝަމަށް ލިބުނު ކުއްލި ސިހުމާއެކު އޭނާގެ އަނގައިން ވޭނީ އާހެއް ނުކުތެވެ. އޭނާގެ އަނގައިން ލޭ ތިކިތައް ބުރައިގެން ދިޔައެވެ. އައިޝަމް އަރިއަޅައިލައި ވެއްޓެމުން ދިޔައެވެ. ހީވަނީ ރޯލު ލަސްވެފައިވާ ފިލްމެއް ހެންނެވެ. އެހައި ވެސް ލަސް ލަހުން އޭނާ ބިމާ ދިމާއަށް ތިރިވަމުން ދިޔައެވެ. އައިޝަމަށް ދެވަނަ ހަމަލާއެއް ދިނީ ކުރީން މިކާޝްގެ ސޫރާގައި ފެނުނު އެއްޗެވެ. އަވަސް ހަރަކާތަކާއެކު އައިޝަމްގެ އަރިކަށި މައްޗަށް ދެވަނަ ހަމަލާ އަމާޒު ވިއެވެ. އޭރު ވަރުޖީން މަންޒަރުގެ ތެރެއިން ކަޝްފުވިއެވެ. އޭނާ ހުރީ ލާނެތް ގޮތަކަށް ހެވިފައެވެ. ދެ މިޔަކަނުގައި އޭނާގެ ކަނާއަތު ޝަހާދަތް އިނގިލިން ފިރުމާލާށެވެ.

"ޔަރުމާ، ޔަރުމާ! އޭނާ ގޮވައިގެން ދޭން. އަހަރެން މިކަން ނިންމާލާނަން." ވަރުޖީން އިޝާރާތްކޮށްލީ ކުރީން މިކާޝްގެ ސިފައިގައި ފެނުނު އެއްޗަށެވެ.
"ނިންމާ! ނިންމާ! މަރައިނުލާތި. ހޭބަލިކޮށްލައިފަ ގެނޭ. ސާހިބާ އޮތީ އޭނާ މަރައި ނުލަން ބުނެފައެއްނު." ޔަރުމާ އިޝާރާތްކޮށްލީ ވަރުޖީން އަށެވެ.

އޭރު އައިޝަމް ބިމުގައި ޖެހެނީއެވެ. ބިމުގައި ޖެހުނު ގޮތުން އޭނާގެ ކޯތާފަތުގެ މަސްތައް ތެޅިލިއެވެ. އައިޝަމް ބިމުގައި ޖެހުމާއެކު އޭނާގެ އިސްތަށިގަނޑުގައި ހިފައި މައްޗަށް ހިއްލައިލަން އުޅުނެވެ. ވަރުޖީން ބަލައިލީ މެރެމުން ދިޔަ އައިޝަމްގެ ދެ ލޮލަށެވެ. އޭރު އައިޝަމްގެ ހެޔަށް ވަނީ ގޮތްވެފައެވެ. އޭނާގެ މޫނުގެ އެކި ތަންތަން ހުރީ ފަޅައިގެން ގޮހެވެ. ނިތްމަތި ވަނީ ޒަޚަމުވެފައެވެ.

ހަމަ އެވަގުތު ނަޖުމާއާ ދިމާއަށް ޔަރުމާ މިސްރާބު ޖަހައިފިއެވެ. ޔަރުމާ އުޅުނު ނަޖުމާގެ ގައިގައި އަތްޖައްސާލާށެވެ. އޭނާ ދަމާ ގެންދާށެވެ. ނަމަވެސް ނަޖުމާގެ ގައިގައި އޭނާ އަތް ޖައްސާލި އިރަށް ފާޑެއްގެ ގޮތްތަކެއް ވާންފެށީއެވެ. މުޅި މީހާގެ ގައިން ނޫ ކުލައިގެ އަލިތަކެއް ބޭރުވެ ޔަރުމާއަށް ޝޮކުތަކެއް ލިބެން ފެށީއެވެ. ހީވަނީ ޔަރުމާ ކަރަންޓުގައި ޖެހުނުހެންނެވެ. އެކަހަލަ ގޮތްތަކެއްވެ އޭނާ ހަރުދަނޑިއެރިއެވެ.
ނަޖުމާ ލުއި ގޮތަކަށް ހިނިތުންވެލިއެވެ. އޭނާ މަޑުމަޑުން ތެދުވެ، މޭޒު ކައިރީގައި އޮތް އޭނާގެ ރަސްމީ އަސާގަނޑުން ޔަރުމާގެ ގަނޑުވެ، ހަރުދަނޑި އަރާފައިވާ ހަށިގަނޑުގައި ޖައްސާލިއެވެ. ޔަރުމާގެ ހަށިގަނޑުން ދުންތަކެއް އަރަންފެށިއެވެ. ހީވަނީ ކަޅު ކުލައިގެ ހިމުން އަނދުން ކުނޑިތަކެއް ވައިގެ ތެރެއަށް އަރަން ފެށިހެންނެވެ. ރާޅުބާނީ ހަރަކާތްތަކަކާ އެކު ޔަރުމާގެ ހަށިގަނޑުން ނުކުތް ދުންތަކާއެކު ވައިގެ ތެރެއަށް އޭނާގެ ހަށިގަނޑު ފޭދެމުން ދިޔައެވެ. އޭނާ ލައިގެން ހުރި ހެދުން ބިއްމަށްޗަށް ވެއްޓުނެވެ. ނަޖުމާ އަނެއްކާ ވެސް އަތުގައި އޮތް އަސާގަނޑުން އެ ހެދުންތަކުގައި ޖައްސާލިއެވެ. މިފަހަރު ހެދުމުގައި އަލިފާން ކަނި ހިފައި އެ އަނދާން ފެށިއެވެ. ސިކުންތެއް ނުވަނީސް އަލިފާންގަނޑު ނިވުނެވެ. އެތަނުގައި ކަމެއް ހިނގައި ދިޔަހެން ވެސް ހީނުވާ ގޮތަށް މުޅި ތަނުގެ މާހައުލު ބަދަލުވިއެވެ. އައިޝަމްގެ އިސްތަށިގަނޑުގައި ހިފައިގެން ހުރި ވަރުޖީނަށް އެ ހުރިހާ މަންޒަރެއް ފެނުނެވެ. އޭނާ ބިރުން ތުރުތުރު އަޅައި ގަތެވެ. ނަޖުމާ ބަލައިލީ ވަރުޖީންގެ މޫނަށެވެ.

"ކަލޭ ފޮނުވީ ކާކު؟" ރުޅިވެރި ރާގެއްގައި ނަޖުމާ ބުނެލިއެވެ.
"އަހަރެން... އަހަރެން..." ވަރުޖީން ތުރުތުރު އަޅައިގަތެވެ.
"ކަލޭ ފޮނުވީ ކާކުހޭ؟" ނަޖުމާ ދެވަނަ ފަހަރަށް ސުވާލުކޮށްލިއެވެ.
"އަހަރެން.. އަހަރެން..." އަނެއްކާ ވެސް ވަރުޖީނަށް ބުނެވުނީ އެ ވަރަށެވެ.
"ކީއްކުރަންހޭ ކަލޭ މިގެއަށް އައީ؟ އޮޅުވާލައިގެން މަކަރު ހަދައިގެން މިގެއަށް ވަނީ ކީއްކުރަންހޭ؟" ނަޖުމާ ނުރުހުނެވެ.
"ސާހިބާ... ސާހިބާ ބުނެގެން." ވަރުޖީން ބިރުން ތުރުތުރު އަޅައިގަތެވެ.
"ކަލޭއަކަށް ނޭނގޭތަ ސިފަބަދަލުކޮށްގެން، ސޫރަ ބަދަލުކޮށްގެން، އޮޅުވާލައިގެން މިގެއަށް ވަންނަ މީހުންނަށް ވާގޮތެއް؟ ކަލޭގެ ސާހިބާ އެކަން ބުނެ ނުދޭތަ؟ އިންޒާރެއް ނުދޭތަ؟ އެހެން މީހުންނަށް ވީގޮތް ވެސް ކިޔައި ނުދޭތަ؟" ނަޖުމާ ލަސްފިޔަވަޅުތަކެއް އަޅަމުން އައިސް ވަރުޖީން ކުރިމަތީ ހުއްޓުނެވެ.
"ބުނި! ބުނި. ބުނެދިން. ކިޔައިދިން." ވަރުޖީން ދެއަތް ކައިރިކޮށްލާ މަޢާފަށް އެދޭގޮތް މޫނުމަތީން ދައްކާދިނެވެ.
"ދެން ކީއްވެ މިގެއަށް ވަދެގަތީ؟ ކަލޭއަށް ކޮން މޮޅެއް އޮވެގެން؟" ނަޖުމާ ހިތްހަމަ ނުޖެހުނެވެ.
"ސާހިބާ ބުނީ ތި މީހުންގެ އަތްދަށު ނުވެއްޖެ ނަމަ ސަލާމަތްވާނެ ކަމަށް." ވަރުޖީން ދެ ލޮލުން ކަރުނަ ހިލުނެވެ.
"ދެން ނުބުނޭތަ އެހެން ވާހަކައެއް؟" ނަޖުމާ އަސާގަނޑު ހިއްލައިލިއެވެ.
"ބުނި، އިނާމު ލިބޭނޭ. އަހަރުމެން ބޭނުންވާ ކަންތައް ފުރިހަމަ ކޮށްދޭނަމޭ." ވަރުޖީން ތުރުތުރު އަޅާ އަޑަކުން ބުނެލިއެވެ.
"ކޮބާ ކަލޭ ބޭނުންވާ ކަމަކީ؟" ނަޖުމާ ދެ ބުމަ ކައިރިކޮށްލިއެވެ.
"އެމީހުން އަހަރުމެން އާއިލާ ގެންގުޅެނީ އަޅުންގެ ގޮތުގަ. އެމީހުން ބޭނުންވާ ކަންކަން ކުރުމަކީ އަހަރުމެންގެ ވާޖިބެއް. ޒިންމާއެއް. އެމީހުން ބޭނުންވާ ގޮތަށް ކަންކަން ނުވެއްޖެ ނަމަ އަހަރުމެން އަދަބަކީ މަރު." ވަރުޖީން ދެ ލޯ ފޮހެލިއެވެ.
"ކޮބާ ކަލޭ ބޭނުންވާ ކަމަކީ؟" ނަޖުމާ ލަސްލަހުން ބުނެލިއެވެ.
"އަހަރުމެންގެ ބައްޕަ އެމީހުން ވަނީ ހައްޔަރުކޮށްފަ. އަހަރުމެން ބޭނުންވަނީ ބައްޕަ މިނިވަން ކުރާން." ވަރުޖީން ދެއަތުގެ ބަނޑުފުށް ނަޖުމާއާ ދިމާއަށް ހިއްލައިލިއެވެ.
"ދެން މިހާރު އެކަން ވާނެ ކަން އެނގިއްޖެތަ؟" ނަޖުމާ ތުންފަތަށް ގޮތެއް ހަދައިލިއެވެ.
"ނޫން. ނޫން."
"ކޮބާ އައިރީން، ކަލޭ އޭނާއަށް ކީއްކުރީ؟" ނަޖުމާ އަހައިލިއެވެ.
"ހުޅުމާލޭ ފޭސް ޓޫގަ ހުރި ގަހެއްގެ ދޮށުގައި އެބައޮތް. އޭނާ ވެސް މިކާޝް ވެސް." ވަރުޖީން ހިންދިރުވާލިއެވެ.
"ކަލޭމެން އެމީހުންނަށް ކީއްކުރީ؟" ނަޖުމާ ނިތްމައްޗަށް ދެތިން ރޫ އަރުވާލިއެވެ.
(ނުނިމޭ)