ވާހަކަ

ލޯބިން ބުނެލަން

(6 ޑިސެމްބަރ 2020 އާ ގުޅޭ)

ކެންޒާ މަރުވާން މަސައްކަތްކުރާނޭ ލައިތު ހިތަށް ވެސް ނާރައެވެ. އަދި މިފަހަރަކީ މީ އޭނާ މަރުވާން އުޅުނު ފުރަތަމަ ފަހަރު ނޫންކަން ވެސް ލައިތަށް ދެނެގަންނަން އެނގުނީ އެ ދެއަތުގައި ފެންނަން ހުރި ނިޝާނުންނެވެ. ނިދާ ބޭސް ކާންޖެހޭ ވަރަށްވުރެ ގިނައިން ކެންޒާ ކެއީއެވެ. ފުރާނަ ސަލާމަތްވީ އަވަހަށް ހޮސްޕިޓަލަށް ގެނެވުނީތީއެވެ.

"ކޮންކަމަކާ ތިވިސްނަނީ؟" އެނދުގެ ފައިލާކޮޅުގައި މަޑުކޮށްލަމުން ޔާދިން އަހާލިއެވެ. ލައިތު އިނީ ބޮޑުފިކުރެއްގައިހެން ޔާދިންއަށް ހީވީއެވެ.

"އެގެއަށް ދާންޖެހޭނެތީ... ކެން ގޮވައިގެން ދާން ބޭނުންނޫނީ." ލައިތު ވާހަކަދެއްކީ މަޑުމަޑުންނެވެ. އޭނާގެ ނަޒަރު ހިނދުކޮޅަކަށް ވެސް އެނދުގައި އޮތް ކެންޒާއާ ވަކިނުވެއެވެ.

"މުބީން އެ ގޭގަ ހުންނާނެތީތަ؟ އޭނާއަށް ނުކުރެވޭނެ އެއްކަމެއް ވެސް... މިފްރާހު އެހާ ފުއްޕީ މުބީން އޭނާއާ އެއްކޮޅަށް ހުރެގެން، ގައިމު ވެސް މިކޮޅުގަ އެމީހުން ބޭނުންގޮތެއް ނުވާނެ، އެނބުރި ރާއްޖެއަކަށް ވެސް ނުދެވޭނެ، އިޓްސް އަ ވިން ފޯ އަސް." ޔާދިން ބުންޏެވެ.

"އެހާ ފަސޭހައެއްނުވާނެ، އެވަރު އަރުވާލި މީހަކު އެހާ ފަސޭހައިން ދޫދޭނޭ ހީވޭތަ؟ އެހެންނޫނަސް އޭނާއަށް ކަމެއްނުކޮށް ދޫކޮށްލާނީ ކިހިނެއް، އޭނާ ކުރިކަންތަކުގެ ބަދަލުހިފަން އަހަރެން ބޭނުމީ، ކެންއަށް ހެދި ގޮތް ކިހިނެއް ހަނދާންނައްތާލާނީ."

"ލައިތު، ޝީ ހޭޒް ސަފާޑް އިނަފް... ބަދަލުހިފުމުގައި ވަގުތުތަކެއް ބޭކާރުކޮށްލުމަށްވުރެ، ކެންއާއެކު... ތި ދެމީހުން ބޭނުންވި ދިރިއުޅުން ހޯދަން މަސައްކަތްކުރުން މާ ވޯތް... އެހެންނޫނަސް، މާމައާ އެންމެން ވެސް އެދުނީ ކޮންކަމަކަށްކަން އެނގެއެއްނު، އެއީ މީހަކު ކުރިމަތިލާވަރުގެ މީހެއްނޫން... އަހަރެމެން ބަލަންވީ ކެން ގޮވައިގެން މިތަނުން އަވަސްގޮތެއްގަ ދެވޭތޯ، ނަސީބު ވެސް މިއަދު އެއްބައިވީ އަހަރެމެންނާ، އެގެއާ ހަމައަށް ނުދެވެނީސް އަހަރެމެންނަށް ކެން ލިބުނުކަން އެއީ ހަމަ ނަސީބު." ޔާދިންގެ ނަޒަރު ވެސް ހުރީ ކެންޒާއަށް އަމާޒުވެފައެވެ.

"ތިކަންވެސް އެނގޭ... އެކަމަކު..."

"ލައިތު، ކޫލް ޔޯ ހެޑް އޯފް." ލައިތު ބުނަން އުޅުނު އެއްޗެއް ފުރިހަމަ ކުރިޔަ ޔާދިން ނުދިނެވެ.

ސެހެރާނު އައިސްވަނެވެ. ފަރުޒީނު ގުޅާފައި އޮތްކަން ބުނެ އަތުގައި އޮތް ފޯނު ލައިތަށް ދިއްކޮށްލިއެވެ. ފޯނުން ވާހަކަދައްކަން ލައިތު ޖެހިލީ އެތަނުން ދުރަށެވެ. އޭނާ އިނދެފައި ތެދުވި ގޮނޑީގައި އެވަގުތު އިށީނީ ޔާދިންއެވެ. އެނދުގެ ފައިލާކޮޅު ފަޑީގައި ދެއަތުން ހިފަހައްޓާލި ގޮތަށް ސެހްރާނު ހުއްޓެވެ. އެ ދެ ލޮލުގައި ކެންޒާއާ މެދު ކަންބޮޑުވުމާއި ހަމްދަރުދީ ވިއެވެ. މިހިސާބަށް އައުމަށްޓަކައި އެމީހުންނަށް ވަރަށް މަސައްކަތް ކުރެވިއްޖެއެވެ. ހަޤީޤަތުގައި އެމީހުންނަށް މަގުދެއްކީ ވެސް ޚުދު ކެންޒާއެވެ. މުބީންގެ މަޢުލޫމާތު ކެންޒާ ފޯރުކޮށްދިނުމުން އެ ޢާއިލާ ހޯދުން އުނދަގޫ ކަމަކަށްނުވިއެވެ.

ހޮޓެލުގައި މަޑުކުރުމުގެ ބަދަލުގައި ކެންޒާގާތަށް އަންނަން ފަރުޒީނު ބޭނުންވިއެވެ. ސެހެރާނު ދެކޮޅު ހެދުމުން އޭނާ އެދުނީ ލައިތުގެ ގާތުންނެވެ. ހޮސްޕިޓަލުގައި ގިނައިރެއް ނުވާނޭކަން ލައިތު ވިސްނައިދިނެވެ. ޔަގީނުން ވެސް އެނބުރި އަންނާނީ އެމީހުންނާއެކު ކެންޒާ ގޮވައިގެންކަން ބުންޏެވެ. ނަމަވެސް އޭގެ ކުރީން ކުރަންވެފައި ހުރި ކަންކަން އެބަހުރިކަން ލައިތު ބުންޏެވެ. އެވަގުތުކޮޅު ވެސް ފަރުޒީނު ހަނދާންކޮށްދެއްމުން ނަޞޭޙަތްތެރިވީ، މިފްރާހާއި އެ ޢާއިލާއާ ކުރިމަތިލާއިރު ކެތްތެރިކަމާއި މަޑުމައިތިރިކަން ޚިޔާރުކުރުމަށެވެ. ލައިތަށް ދަތްކުނޑިވިކާލެވުނީ އެހެންވެއެވެ. މިފްރާހު ހަނދާންނުނެތޭވަރުގެ އަނިޔާއެއް ދޭން ލައިތުގެ ހިތް ބުނެއެވެ. ހަމައެއާއެކު އޭނާގެ ޠަބީޢަތާ ޚިލާފުނުވުމަށް އަމިއްލަ ޟަމީރު ބުނެއެވެ. އޭނާއަކީ އަނިޔާވެރިއެއްނޫންކަން އެ ޟަމީރު ތަކުރާރުކޮށް ހަނދާންކޮށްދެއެވެ. އަނގައިން ނުބުނެ ލައިތު ހުންނަން ފެށުމުން ފަރުޒީނު ދެފަހަރަކު ގޮވާލިއެވެ. ޑަކްޓަރު އަތުވެއްޖެކަމުގެ ބަހަނާ ދައްކާ ފޯނުކޯލު ލައިތު ކަނޑާލީއެވެ. މިވަގުތު އޭނާ ކެތްތެރިކަން ކުޑަވެފައިވަނީ ކެންޒާއާ ވާހަކަދައްކާށެވެ. އެހެންމީހަކާ ދިގުކޮށް ވާހަކަދައްކާނޭ ހިތްވަރެއް ނެތެވެ.

ކަންކަން އިޙްސާސްވާން ފެށުމުން އެންމެ ފުރަތަމަ ވެސް ކެންޒާގެ ހަށިގަނޑަށް ވެރިވީ ފިނިކަމެވެ. ހިތާއި ސިކުނޑީގެ މަސައްކަތް ކުރިއަށްދާކަން ޔަގީނެވެ. އޭނާ މަރެއްނުވޭހޭ އަހާލެވުނީ އަމިއްލަ ހިތާއެވެ. އެއާއެކު އެންމެ ފަހުން ސިކުނޑީގައި ރައްކާކުރެވުނު މަންޒަރު ހަނދާންވެ ލޮލަށް ސިފަވެ ކުލަވެގެން އަތުވެއްޖެއެވެ. ލައިތުގެ ސޫރަފެނި އެ އަތުގެ ތެރޭގައި އޮވެވުނުކަން އެނގެއެވެ. އެކަމަކު އެއީ ހަޤީޤަތަކަށްވުރެ ސިކުނޑިކުރި ސަމާސާއަކާ ވައްތަރުވީއެވެ. އެހެންވިޔަސް ހިތާއި ނަފްސުން ލައިތަށް ކެންޒާ އެދިއެދިވިއެވެ. ލުއިލުއި ނޭވާއެއް ލެވުނު ހިނދު އެއީ ދިރިހުރިކަމުގެ ރަމްޒެއްކަން ކެންޒާގެ ހިތާއި ސިކުނޑި އެއްބަސްވިއެވެ. ކޮށްލެވުނު ކުޑަކުޑަ ހަރަކާތާއެކު ތެޅި އެސްފިޔަތައް ދުރުވެލައި، ލޯ ހުޅުވާލާނެ ބާރު ކެންޒާއަށް ލިބުނެވެ. ނަމަވެސް އަރުތެރެ ހީވަނީ ފާރުވެފައި ހުރި ހެންނެވެ. އަނގައިތެރޭގައި ނުބައި ރަހައެއް ހުއްޓެވެ. ގަދައައްޔަށް ލޯ ހޭނެމުން ދިޔަ ހިނދު ގާތުން އިވުނީ ދަންނަ އަޑެކެވެ. ލައިތުގެ އަޑެއްނޫނެވެ. އެނދުގެ ކައިރީ ހުރި ހޮސްޕިޓަލުގެ ފަރުދާ ފެނުމާއެކު ކެންޒާގެ ނަފްސު ވަށާލީ ބިރުވެރިކަމެވެ. އެ ޖެހިލުންވުމުގެ އަސްލު ގުޅިފައިވީ މިފްރާހާއެވެ. ކުރަން ހަމަޖެހިފައި އޮތް ކައިވެންޏާއެވެ. ހޮސްޕިޓަލަށް ގެނެސް މަރުގެ ތުންފަތްމަތިން ސަލާމަތްކުރީ މިފްރާހުބާއޭ ކެންޒާ ހިތަށް އެރީއެވެ. ކައިރީގަ ތިބި މީހުންނަށް ސަމާލުކަމެއް ދެވޭވަރަށްވުރެ އެހިތްވަނީ ބިރުގެންފައެވެ. ކައިވެނި ނުކުރަންވެގެން ކެންޒާ ކުރިކަމެއްކަން އެނގުމުން މިފްރާހު އެކަމުގެ ބަދަލު ހިފާނޭ ގޮތަކާމެދު ކެންޒާ ބިރުން ރޫރޫ އަޅާލިއެވެ. ޚިޔާލުކުރަން ވެސް ދަތިކަމަކަށް އެކަންވީއެވެ.

"ކެން..." ކެންޒާ ތެދުވަން އުޅޭކަން އެނގިގެން ޔާދިން ވަގުތުން ހިފެހެއްޓިއެވެ. ލައިތު އެތަނަށް އައީ އެވަގުތެވެ. އޭނާއަށް ފުރުޞަތު ދީފައި ޔާދިން ޖެހުނީ ދުރަށެވެ.

"ލައިތު... ލައިތު..." ކަންބޮޑުވެފައިވާ އަޑަކުން ކެންޒާއަށް ތަކުރާރުކޮށް ގޮވާލިއެވެ. ތެދުވަން ހިފާފައި ހުރި ކެންޒާގެ ދެކޮނޑުގައި ހިފަހައްޓާލަމުން އޭނާ ތެދުވެ އިށީނުމަށް އެހީވީ ލައިތެވެ.

ވަށައިގެން ހޯދަން ފެށި ކެންޒާގެ ކޯތާފަތުގައި ލައިތު ދެއަތުން ހިފަހައްޓާލިއެވެ. ކެންޒާގެ ސަމާލުކަން އޭނާ ހޯދިއެވެ. ކެންޒާ އޮތީ ހޮސްޕިޓަލުގަކަމާއި އެތަނުގައި ޔާދިންއާއި ސެހްރާނު ފިޔަވައި އިތުރު ބަޔަކު އެމީހުންނާއެކު ނުވާކަން ލައިތު ޔަގީންކޮށްދިނެވެ. ކެންޒާވަނީ ލައިތުގެ ރައްކާތެރިކަމާއި ހިމާޔަތުގައި ބުނެދިނެވެ. ކެންޒާގެ ހަރަކާތްތައް ހުއްޓުމަކަށް އައެވެ. ލައިތާ ހަތަރުކަޅި ހަމަކޮށްލައިގެން އިނުން ކެންޒާއަށް އުނދަގޫވިއެވެ. މަޑުމަޑުން އޭނާ އިސްޖަހާލީއެވެ. ލައިތު ކުރިމަތިލާން ޖެހުނު އަނިޔާވެރިކަމާއި ކެންޒާއާ މެދު ކަންތައް ދިމާވި ގޮތުގެ ޚިޔާލުތައް އެއްފަހަރާ ސިކުނޑިތެރޭ ބޮނޑިވަމުން އައި ކަހަލައެވެ.

"ކެން..." އިރުކޮޅަކު އިނދެފައި ކެންޒާގެ ކޯތާފަތުގައި ފިރުމާލަމުން ލައިތު ގޮވާލީ ކެންޒާއަށް އިވޭނޭހާ މަޑުންނެވެ.

ކެންޒާގެ ދެއަތްތިލަ ހިފަހައްޓާލުމާއެކު ލައިތު ތުންފަތާ ހަމައަށް އުފުލާލައި ބޮސްދިނެވެ. މަޢާފަށް ކެންޒާ އެދުނީ އެހިނދުއެވެ. ނިކަން އަވަހަށް ލައިތު ދެފަރާތަށް ބޯހޫރާލިއެވެ. ކެންޒާ މަޢާފަށް އެދެން ނުޖެހޭނެކަމުގެ އިޝާރާތެއްގެ ގޮތުންނެވެ. ކެންޒާގެ ގައިގާ ލައިތު ބައްދާލިއެވެ. ގެއަށްދާންވީކަމުގައި ލައިތު ބުނީ ކެންޒާ ގާތްކޮށްލައިގެން ހުރެއެވެ. ލައިތާ އެއްބަސްވުމުގެ ގޮތުން ކެންޒާ ބޯޖަހާލިއެވެ.

ނަރުސްކުއްޖަކު ގޮވައިގެން ސެހްރާނާއި ޔާދިން އައެވެ. ކެންޒާގެ ހާލު ރަނގަޅިއްޔާ ދޫކޮށްލާނޭ އިރެއް އެނގެން އެންމެން ވެސް ތިބީ ބޭނުންވެފައެވެ. ނަރުސްކުއްޖާ ކެންޒާ ބަލަންދެން ތިން ޒުވާނުންނަށް ތިބެން ޖެހުނީ ދުރުގައެވެ. އެވަގުތު ލައިތު ވާހަކަދެއްކިއެވެ.

"އެގެއަށް ދާންވީނު... ކެންގެ އެއްޗެހި ބަލާ، އެޓްލީސްޓް ކެންގެ ޕާސްފޯޓު ހޯދަން އެބަޖެހޭ، ތޯމަސް މިކޮޅަށް ގެނޭ، އޭނާ ވެސް ގޮވައިގެން ދޭ." ލައިތު ވާހަކަދެއްކީ ސިއްރުންނެވެ.

"މިހާރު ދާންވީތަ؟" ސެހްރާނު އަހާލިއެވެ. ބޯޖަހާލުމަކުން ލައިތު ޖަވާބުދިނެވެ.

ސެހްރާނު ފޯނު ނެގީ ތޯމަސްއަށް ގުޅާށެވެ. އެއީ އެތަނުގެ ޕްރައިވެޓް ސެކިއުރިޓީ ފާމްއެއްގެ ޚިދުމަތަށް އެދުމުން، ލައިތުމެންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެތަނުން ކަނޑައެޅި މީހާއެވެ. ލައިތުމެންގެ ބޮޑީގާޑަކީ ވެސް އޭނާއެވެ. އެއީ އަގުބޮޑު ޚިދުމަތެކެވެ. ޢާއިލާގެ ތަނަވަސްކަމުން މިއަދު ފައިދާކުރިކަން ޔަގީނެވެ. ކަންތައްތައް ވާންވީ ގޮތް ފޯނުން ތޯމަސްއަށް ސެހްރާނު ކިޔައިދިނެވެ. އެމީހުން ދަތުރުކުރާނީ ވެސް ތޯމަސްގެ ކާރުގައެވެ. ފޯނުކޯލު ނިންމާލި ސެހްރާނުގެ މޫނުން ހިނިތުންވުމެއް ފާޅުވިއެވެ. ތޯމަސް ދިން ޚަބަރު ޔާދިންއާއި ލައިތާ ޚިއްޞާކުރުމަށް ސެހްރާނު އަވަސްވެލިއެވެ.

* * * * *

މުރާދުއާއެކު ކަލީމް ހޮސްޕިޓަލުގައި މަޑުކުރުމަށްފަހު ރައުދާއާއި ސަނާ ގެއަށް ފޮނުވީއެވެ. ރޭގަނޑު އަށެއްޖަހަން ކައިރިވެފައިވަނިކޮށް މާހާގެ ފިރިމީހާ ހޮސްޕިޓަލަށް އައިސް މުބީންއާ ހަވާލުވިއެވެ. އޭރު ކެންޒާ ނުފެނިގެން އުޅޭކަން އެންމެންނަށް ވެސް އޮތީ އެނގިފައެވެ. ކަލީމްއާއި މުރާދު ގެއަށް ދާން ގަސްދުކުރީ އެހެންވެއެވެ. އޭރު މުބީން ވެސް ނެރެފިއެވެ. މޫނުގެ ބޮޑުބަޔަކާއެކު މުޅި ބޯ ބެންޑޭޖުކޮށްފައި އޮތްއިރު، މުބީންގެ ލޯ ހުޅުވެނީ ކިރިޔާއެވެ. ވަރަށް ބޮޑަށް މީހާ އޮތީ ދުޅަވެފައި އޮތްހެނެވެ. ބޭސްގަނޑާއެކު އޮތް ފައިގެ ޒަޚަމްތައް ފަސޭހަވިޔަސް ބޭނުން ނުކުރެވޭނެކަން ޑަކްޓަރުން ބުނީ ޢާއިލާގެ ގާތުގައެވެ. މުބީން ހޭ އެރިނަމަވެސް އޭނާ ވާހަކަ ދައްކާކަށް ނޫޅެއެވެ. ލޯ ހުޅުވާލާފައި ވެސް އަލުން ލޯ މަރާލީއެވެ.

މުރާދާއި ކަލީމް ކާރުގައި ގޭކައިރިއަށް މަޑުކޮށްލިއެވެ. ނަމަވެސް ކާރުން ފައުބާ ގެއަށް ނުވަދެވިގެން އުޅެނިކޮށް އެމީހުންގެ ލޮލުގައި އަޅައިގަތީ އެހިސާބަށް މަޑުކޮށްލި ކަޅުކުލައިގެ ކާރެވެ. ޑްރައިވަރު ސީޓުގައި އިން މީހަކު ނުފައިބައެވެ. ޖެހިގެން ކުރީ ސީޓުގައި އިން މީހާ ފޭބިއިރު ފަހަތުން ދެ ޒުވާނުން ފައިބައިފިއެވެ. އެތަނުން އެކަކުގެ ޢަމަލުތައް ތަފާތުކަން ވަގުތުން ކަލީމްއާއި މުރާދަށް ވެސް ފާހަގަވިއެވެ. ކުރިއަށް ތިބީ ކާރުގެ ފަހަތުން ފޭބި ދެ ޒުވާނުންނެވެ. އެމީހުން އައީ އެ ގެއާ ދިމާއަށްކަން ޔަގީންވެގެން ދޮރުމަތީ ކަލީމުގެ ދެބަފައިން މަޑުކުރިއެވެ.

"ކީއްކުރާ ބައެއް؟" އިނގިރޭސި ބަހުން މުރާދު ސުވާލުކުރިއެވެ.

"ކެންޒާއާ ގުޅުންހުރި ބައެއް." ޔާދިން ވާހަކަދެއްކީ ދިވެހި ބަހުންނެވެ. މުރާދު ބަލާލީ ބައްޕައަށެވެ.

"ކޮބާ ކެންޒާ؟" މިފަހަރު ސުވާލުކުރީ ކަލީމެވެ.

"މިތާތިބެ ހުރިހާ ވާހަކައެއް ދައްކަންވީތަ؟" ސެހްރާނުގެ އަޑުގައި ހުރީ ރުންކުރުކަމެވެ.

"ކޮބާކަލޭމެންގެ ބޭނުމަކީ؟" ކުރިމަތީ ތިބި ދެ ޒުވާނުން މީގެ ކުރިން ދުވަހަކުވެސް ފެނިފައިނުވާއިރު، ގޭތެރެއަށް ވައްދަން ކަލީމު ބޭނުންނުވީއެވެ.

"މިފްރާހަށް ގޮވާބަލަ؟ އޭނާއަށް އެނގޭނެ." ސެހްރާނުގެ އަޑު ބާރުވެލި ހިނދު އޭނާގެ ކޮނޑުގައި ޔާދިން ހިފަހައްޓާލިއެވެ.

"އަޅުގަނޑަކީ ޔާދިން، މީ ސެހްރާނު... ކެންއަކީ އަޅުގަނޑުމެން ގޭ ކުއްޖެއް، ރޫމާން އަސަދުގެ ދަރީންގެ ތެރެއިން، ރައިޒަން ލައިތާ ކައިވެނި ކުރަން ރަންކިޔާ، ހުރިހާކަމެއް ހަމަޖެހިފައި އޮތީ، އެ ދެމީހުންގެ ދެމެދަށް މިފްރާހު ނުވަންނަމަ މިހާރު ތިބޭނީ ކައިވެނިކޮށްގެން." ޔާދިން ވާހަކަދެއްކީ މަޑުމައިތިކަމާއެކުއެވެ. އުމުރުގެ ގޮތުން ކަލީމް ދޮށިވުމުން އޭނާއަށް ޔާދިން އިޚްތިރާމް ކުރިއެވެ. ބައްޕައާއި މާމަގެ ނަމަށް ހުތުރުވާނޭފަދަ ގޮތަކަށް ޢަމަލުތައް ނުބަހައްޓަން ޔާދިން ސަމާލުކަން ދިނެވެ.

"މިހާރު ކެންޒާ ކޮބާ؟" ބައްޕަ ކުރިން ކުރި ސުވާލު މުރާދު ތަކުރާރުކޮށްލިއެވެ. ކަލީމަށް އިވުނު ވާހަކަތައް ޤަބޫލުކުރަން ދަތިވެފައި ހުރި ކަހަލައެވެ. ހިމޭންވެފައި ހުރީ ނަފްސަށް ވަގުތުކޮޅެއް ބޭނުންވެފައި ހުރިހެންނެވެ.

"އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައި." ޔާދިން ބުންޏެވެ.

"ތީ ރޫމާން އަސަދުގެ ކުދީންތަ؟" ކަލީމަށް އެއީ ކާކުކަން ރަނގަޅަށް އެނގޭތީ އަހާލެވުނެވެ. ޔާދިންއާއި ސެހްރާނު ބޯޖަހާލީ އެކުއެކީގައެވެ. އަދި މަޑުކޮށްލަން އިޝާރާތްކުރާހެން ޔާދިން އަތްދިއްކޮށްލުމަށްފަހު އޭނާ ފޯނު ނެގިއެވެ. ވަގުތުން ބައްޕައަށް އޭނާ ވީޑިއޯކޯލް ކުރިއެވެ. ކަލީމަށް ޔަގީންކަން ދޭން ޔާދިން ބޭނުންވީއެވެ.

ވީޑިއޯކޯލުން ފެންނަން ހުރި އަސަދު ސަލާމްގޮވާލުމުން ކަލީމްއަށް ސަލާމްބަލައިގަނެވުނީ އާގަންނަމުންނެވެ. އަސަދުގެ ވާހަކަތަކުން ކަލީމް ލަދުގަނެ އިންތިހާއަށް ދެރަވިއެވެ. ކުދީންގެ ވާހަކަ އަޑުއެހުމަށް ކަލީމްގެ ގާތުން އަސަދު އެދުނެވެ. މަޑުމަޑުން ބޯޖަހާލުން ފިޔަވާ ކަލީމަށް އިތުރު ކަމެއް ނުކުރެވުނެވެ. ދުލުކުރިޔަށް ބުނާނޭ ބަހެއް ނައީއެވެ. ފޯނުކޯލު ނިންމާލުމާއެކު މުރާދު ގާތުން އެތެރެއަށް ވަނުމަށް ކަލީމު ބުންޏެވެ. އަދި މުރާދުގެ ފަހަތުން ދޮރު ލެއްޕުނަ ނުދީ ކަލީމު ހިފަހައްޓާލިއެވެ. ފޫޓެއްހާ ދުރުމިނުގައި ދެ ޒުވާނުންގެ ފަހަތުގައި މަޑުކޮށްގެން ހުރި ޒުވާނާއަކީ ކާކުތޯ ކަލީމު އެއްސެވެ.

"މީ ތޯމަސް، މިކޮޅުން ހަޔާކުރި ގާޑެއް، މިފްރާހުގެ ފެމެލީ ހޯދީ އެމީހުންގެ ކުންފުނިން،މިގޭތެރެއިން ނުރައްކަލެއްނެތިއްޔާ އޭނާ އެއްވެސްކަމެއްނުކުރާނެ." ސެހްރާނު ބުނީ އާދައިގެ ގޮތަކަށް ވިޔަސް ހީވީ ގޮތަކަށް އިންޒާރެއް ދިންހެނެވެ.

"އާދޭ..." ކަލީމު ބުނެލިއެވެ. އެންމެން އެތެރެއަށް ވަންއިރު ތޯމަސްގެ ކަޅުކުލައިގެ ބްލޭޒާގެ އެތެރެއިން ހަށިގަނޑުގައި ހަރުކުރެވިފައިވާ ކަމަރުގައި އޮތް ބަޑި ކަލީމަށް ފެނުނެވެ. މިނޫނީ އެވަރަށް ވެސް ހަމަލޮލަށް ހަތިޔާރެއް ނުދެކެއެވެ. ނުރައްކާތަކަށް ތަމްރީނުކުރެވިފައިވާ މީހެއްކަން ތޯމަސްއަކީ ކަލީމު ދެނެގަތެވެ.

ސޯފާ ދައްކާލުމާއެކު އިށީނުމަށް ކަލީމު އެދުނެވެ. އެއާއެކު އެތަނުގައި ތިބި މާހާއާއި ނޫރާ ތެދުވިއެވެ. އެ ދެމީހުންނާއެކު ތިބި ކުޑަކުދީންތައް ވެސް ކޮޅަށް ތެދުވިއެވެ. މުރާދު ގޮވާލީ ނޫރާއަށެވެ. އަނބިމީހާ ގާތުން ހުރިހާ ކުދީން ގޮވައިގެން ކޮޓަރިއަށް ދިއުމަށް މުރާދު އެދުނެވެ. އަދި މަންމައަށް ގޮވައިގެން އަންނަން މުރާދު އެދުނީ މާހާގެ ގާތުންނެވެ.

"މިފްރާހު ކޮބާ؟" މާހާ ހިނގައިގަތް ވަގުތު ކަލީމު އަހާލިއެވެ.

"ކެންގެ ކޮޓަރީގައި... ބައްޕަ އަންނަންދެން އެއިންނަނީ." މާހާ ނިކަން އަވަހަށް ބުނެލިއެވެ.

"މަންމަ ގޮވައިގެން އާދޭ... މުރާދު! މިފޫއަށް ގޮވާ." ކަލީމް ދެ ދަރީންނާ އެއްކޮށް ވާހަކަދެއްކިއެވެ. އަދި އައިސް ސެހްރާނާއި ޔާދިންމެން އިޝީން ސޯފާއާ ކުރިމަތިވާނޭހެން ހުރި ދިގު ސޯފާގައި އޭނާ އިށީނދެއްޖެއެވެ.

މުރާދު ފެނުމުން ބައްޕަ އަތުވެއްޖެކަން މިފްރާހަށް ޔަގީންވިއެވެ. މުރާދަށްވުރެ ކުރީން ބައްޕައީ ދޯއޭ ބުނެ މިފްރާހު ކޮޓަރިން ނުކުތެވެ. ހަލުވިކޮށް ހަރުފަތްތަކުން ފައިބައިގެން އައިސް ސިޓިންރޫމަށް ނުކުތެވެ. އޭނާގެ ފިޔަވަޅު މަޑުޖެހުނީ ސޯފާގައި އިން ޔާދިން ފެނިފައެވެ. ޖެހިގެން އިނީ ކޮންޒުވާނެއްކަން ނޭނގުނަސް ޔާދިން ފެނުމާއެކު މިފްރާހަށް އެނގިއްޖެއެވެ. ދަރިފުޅަށް ލިބުނު ސިހުން ސޯފާގައި އިން ކަލީމަށް ވެސް ފާހަގަވިއެވެ.

"ކީއްކުރަން މިގެއަށް އައީ؟ ކެންޒާ ގެންދިޔައީ ކަލޭމެންތަ؟" މިފްރާހު އެހީ ނުރުހިފައެވެ.

"ކެން އިޒް ބިލޯންގް ޓު އަސް، ޝީ އިޒް ފެމެލީ، އެ ފެމެލީއާ ވަކިކުރި މީހަކީތީ." ސެހްރާނު ވަގުތުން ރައްދު ދިނެވެ.

"މިފްރާހު!" ކަލީމު ގޮވާލީ ޢާއްމުކޮށް ގޮވާވަރަށްވުރެ ބާރަށެވެ. އޭނާ އިޝާރާތްކުރީ ސޯފާއަށެވެ. މިފްރާހު އިށީންނާކަށް ބޭނުމެއްނުވިއެވެ. މާހާއާއި މުރާދު ތިބީ މަންމަ އިން ގޮނޑިކައިރީ ކޮޅަށެވެ. މިފްރާހު ރުޅިގަދަވެފައި ހުރިކަން އެ އެންމެންނަށް ވެސް އެނގެއެވެ.

"ކެންޒާ ރުހިގެންތަ މިފްރާހާއެކު މިގޭގަ ހުރީ، ހިޔެއްނުވޭ... ރުހިގެން އައިސް ހުރި މީހަކު ދެފަހަރުމަތިން މަރުވާން އުޅޭނެތަ؟ އެކަކަށް ވެސް ކެންޒާގެ މަޖުބޫރީ ފާހަގަ ހަމަ ނުކުރެވުނު." ޔާދިންގެ ނަޒަރު އެތަނުގައި ތިބި ކޮންމެ މެންބަރަކަށް ހުއްޓެމުންދިޔައެވެ.

"ކީކޭ ކިޔާނަމޭ ތިއުޅެނީ." މިފްރާހު ބުންޏެވެ.

"ހުއްޓާލާ!" ކަލީމު ބުނީ މިފްރާހަށެވެ. އަދި ޔާދިން ގާތުން އެދުނީ މިވެގެން އުޅޭގޮތް ކިޔާދިނުމަށެވެ. ކެންޒާއަކީ ކާކުކަން އޮޅުންފިލުވައި ދިނުމަށެވެ.

ހުރިހާކަމެއް ހިނގީ މާލޭގައި ޔާދިން ބުންޏެވެ. އަދި ލައިތާއި ކެންޒާގެ ދެމެދުގައި އޮތް ގުޅުން ހާމަކުރިއެވެ. ކެންޒާއަކީ ކޮންގެއަކު ކުއްޖެއްކަމާއި އެ ޢާއިލާއަށް ކަންތައްވީ ކިހިނެއްކަން ޔާދިން ބުންޏެވެ. އެހިނދު ޔާދިންގެ ވާހަކަ ހުއްޓުމަކަށް އައީ ރައުދާ ވާހަކަދެއްކީމައެވެ.

"މިންނާ... ހަމީމު... ކެންޒާއަކީ މިންނާގެ ދަރިއެއްތަ؟" ބޭއިޚްތިޔާރުގައި ކަހަލަ ގޮތަކަށް ރައުދާއަށް ބުނެވުނެވެ.

"އެއީ ކާކުކަން އެނގޭތަ؟" ކަލީމު އެހީ އަނބިމީހާ ގާތުންނެވެ.

"އާން! އަހަރެމެންގެ ކައިވެންޏަށް މިންނާ އައި، ކިޔަވަން އުޅުނުއިރުގެ ހަމައެކަނި އަހަންނާ ދުރުނުވެ ހުރި ރަޙުމަތްތެރިޔާގެ ވާހަކަ ބުނީމެންނު، އޭރުވެސް އަހަރެން ބުނިން ހަމީމަކީ ރަނގަޅުމީހެއްނޫނޭ، މިންނާގެ ޢާއިލާވެސް ބުނި، އާދޭސްކުރި ނީންނާށޭ ކިޔާ.... އަހަރެންވެސް އޭނާއާ ދުރުވީ، މިހާރު ތިހެން ބުނީމަ މިންނާއާ ކެންޒާ ވައްތަރުވެއްޖެ... އެކުއްޖާއަށް ލިބިފައި އެއޮތީ މިންނާގެ އިސްތަށިގަނޑު، އަހަރެންނަށް އެއްގޮތަކަށް ވެސް ނޭނގޭ އެއީ މިންނާގެ ދަރިއެއްކަމެއް... ތެދަށް ބުނަންޏާ ހަމައެކައްޗެއް ވެސް ނޭނގޭ... މަންމައާއި ބައްޕައަކީ ކާކުކަމެއް... ކެންޒާގެ އެކަކުވެސް ނެތޭ ބުނީތީ، ދަރިފުޅަށް އިތުބާރުކުރެވޭތީ އިތުރަށް އޮޅުންފިލުވަން ވެސް ނޫޅުނީ." ނުތަނަވަސްކަން ރައުދާގެ މޫނުން ފާޅުވޭވޭ ހުއްޓެވެ. ގޯހެއް ހެދިއްޖެކަން އިޙްސާސްކުރެވި ރައުދާގެ ނަޒަރު ކަލީމަށް އަމާޒުކޮށްލެވިފައި ހުއްޓެވެ.

"ހަމީމު ހުރީ ޖަލުގައި، މުބީންގެ މީހުން ނެގިއިރު މަސްތުވާތަކެއްޗާއެކު އޭނާ ވެސް ހައްޔަރުކުރީ. ކެންޒާގެ ހަމަޖެހުން ނަގާލީ މުބީންނާއި މިފްރާހު." ޔާދިންގެ ނަޒަރު ހުރީ މިފްރާހަށް ހުއްޓިފައެވެ. ދެ ޒުވާނުންގެ އަތްތިލަ މުއްކަވާލި ގޮތުން ހީވަނީ ދެ މީހުން ވެސް އަރައިގަންނަން ބޭނުންވެފައި ތިބި ހެންނެވެ.

"އެއީ ހުސް ދޮގު... ކެން ގަދަކުން މިހިސާބަށް ގެނެވޭތަ، އޭނާ އަންނަން އެއްބަސްވެގެން ގޮވައިގެން އައީ، ކައިވެނި ކުރަން ވެސް އެއްބަސްވީ ހަމަ ކެން." މިފްރާހު ބުންޏެވެ.

"ކެންޒާ ރޭޕް ނުކުރަންތަ؟ އެކަންކޮށްފަ ވީޑިއޯ ނުކުރަންތަ؟ އެ ވީޑިއޯތައް ކެންޒާއަށް ފޮނުވައިގެން ބްލެކްމައިލް ނުކުރަންތަ؟ އެއީ ވެސް ހުސް ދޮގުތަ؟ ކެންޒާ ބިރުނުގަންނުވަންތަ؟ ލައިތުއާ އިންނަން ރަންކިޔާފައި ވަނިކޮށް، އޭނާ ގެންދިޔައީ ކެންޒާ ހައްޔަރުކޮށްގެން... އައި ވޯޒް ދެއާ... ވިތް މައި ބްރަދާ... މުބީންގެ ގޭންގު ގޮވައިގެން އައިސް ތަޅާލީ، ކަތިވެޅިން ޖެހިތަނުގެ ލަކުނު އަދިވެސް އޭނާގެ ބުރަކަށީގަ އެބަހުރި، މަރަށް ތެޅިތެޅި އޮތްއިރު ފެންނަ ހިސާބުގައި ކަލޭ ހުރީމެންނު، ކެންޒާގެ ރުއިމުގެ އަޑު ކަލޭގެ ކަންފަތުން ފިލައިގެން ދިޔައީތަ؟ އެ ހުރިހާކަމެއް ހަނދާންނެތުނީތަ؟" ޔާދިންގެ ހިތުގައި ރިހެންފެށިއެވެ. ފަސޭހަވަމުންއައި ޒަޚަމްތައް އަލުން ތާޒާވި ކަހަލައެވެ.

"ޔާ ﷲ..." އިވެމުންދިޔަ ވާހަކަތަކުން ރައުދާއަށް ދެ ލޯ ބޮޑުކޮށްލެވުނެވެ. ކެތްތކުރަން ދަތިވިފަދައެވެ. މޭގައި ދެއަތް ޖައްސާލިއިރު ރައުދާގެ އަނގަ ހުރީ ހުޅުވިފައެވެ. މަންމަ ތެދުވެލި ގޮތުން މާހާ އަވަހަށް މަންމަގެ ގައިގާ ހިފަހައްޓާލިއެވެ.

"ކަ..ލީ..މް..." ވޭންލިބެމުންދިޔަ މީހަކު ފަދައިން ފިރިމީހާގެ ނަމުން ރައުދާއަށް ގޮވާލެވުނެވެ.

ފަހަތުގައި ހުރެފައި ގުދުވެލި ތޯމަސް ސިއްރުން ސެހްރާނުގެ ކަންފަތްދޮށުގައި ވާހަކަދެއްކިއެވެ. ބޯޖަހާލުމާއެކު ސެހްރާނު ކޮށްޓާލީ ޔާދިންގެ ފައިގައެވެ.

"ލައިތު އަތުވެއްޖެ." ސެހްރާނު ސިއްރުން ބުނެލިއެވެ. ޔާދިން ކަންބޮޑުވިއެވެ. އެހެންވިޔަސް އެއީ ލައިތުގެ ނިންމުމަށްވާތީ އޭނާ ޤަބޫލުކުރިއެވެ.

"އެމީހުން އަތުވެއްޖެ." ޔާދިން ބުންޏެވެ.

ދޮރުގައިވި ރަނގަބީލު އަޅާލި އަޑު އިވުނީ އެވަގުތެވެ. ދޮރުހުޅުވަން އައީ މުރާދެވެ. ކެންޒާ ފެނުމުން މުރާދަށް މިފަހަރު ކުރެވުނީ ތަފާތު އިޙްސާސެކެވެ. ދެންމެ އޭނާއަށް އިވުނު ވާހަކަތަކުން ކޮށްފައިވާ އަސަރެއްކަން ޔަގީނެވެ. ލައިތާ ގާތްވެލައިގެން ހުރެ މުރާދުގެ ފަހަތުން އެ ދެމީހުން އައިސް ސިޓިންރޫމަށް ވަނެވެ. އެހިނދު އަޖައިބުވެ އަންތަރީސްވީވަރުން ފަހަތަށް ޖެހިލެވުނީ މާހާއަށެވެ. ކެންޒާގެ ފޯނުން އޭނާ ދުށް ޒުވާނާ މިހާރު އެހުރީ ކުރިމަތީއެވެ. މިފްރާހު ބަލާލުމުން ލައިތުގެ އަތުތެރޭ ކެންޒާ ނުހަނުބޮޑަށް ބޮނޑިވެލިއެވެ.

"ކެން..." މިފްރާހަށް ދުރުގައެއް ނުހުރެވުނެވެ. ކެންޒާއާ ގާތަށް ފިޔަވަޅު އަޅާލިއެވެ.

"މިފޫ..." މާހާ ގޮވާލީ ތިކުރީ ކީއްހޭ އަހާލާފަދައަކުންނެވެ.

"ދެޓްސް ނޮޓް ވަޓް ހެޕެން..." ދައްތަގެ މޫނުގައިވި އަސަރުތައް ފެނި އަމިއްލަ ދިފާއުގައި މިފްރާހު ވާހަކަދައްކަން އަވަސްވެލިއެވެ.

"އަދިވެސް ނުފެނޭތަ؟ ޕްލީޒް މިފޫ..." މާހާ އިޝާރާތްކުރީ ކެންޒާއާއި ލައިތު ތިބިގޮތް މިފްރާހަށް ނުފެނޭތޯއެވެ.

"ކެންޒާގެ ޕާސްޕޯޓު ބަލާ މިއައީ." ލައިތު ބުނާއިރަށް އަޑުގެ ކޮޅަށް ނުލިބޭނޭ މިފްރާހު ހަޅޭލަވައިގަނެއްޖެއެވެ.

(ނުނިމޭ)