ބޮލީވުޑް

އާއިލާ ގޮވައިގެން އަކްޝޭ ކުމާރު ޗުއްޓީ އަށް ރާއްޖެ އަތުވެއްޖެ

Oct 21, 2015
5

ބޮލީވުޑްގެ މަޝްހޫރު އެކްޝަން ތަރި އަކްޝޭ ކުމާރު އާއިލާއާއެކު ޗުއްޓީ ހޭދަކުރުމަށް މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

އަންހެންނުން އަދި ބޮލީވުޑްގެ ކުރީގެ އެކްޓްރެސް ޓްވިންކަލް ކަންނާގެ އިތުރުން ދެ ކުދިންވެސް ގޮވައިގެން އަކްޝޭ ރާއްޖެ އައިސްފައިވަނީ މިއަދުގެ ވަގުތެއްގައި ޕްރައިވެޓް ޖެޓެއްގަ އެވެ.

ރާއްޖޭގައި އަކްޝޭ އާއިލާއާއެކު ޗުއްޓީ ހޭދަކުރާނީ ކިހާ ދުވަހެއް ކަން ޔަގީންނުވާއިރު، ޗުއްޓީ ހޭދަކުރާނީ ރަންދެލި ރިސޯޓުގައި ކަމަށްވެ އެވެ.

މިއަހަރަކީ އަކްޝޭގެ ކެރިއަރުގައި ފާހަގަކޮށްލެވޭ އަހަރެކެވެ.ހތަރު ފިލްމެއް މިހާތަނަށް ރިލީޒްވެފައިވާއިރު، މިހަތަރު ފިލްމުގެ ތެރެއިން "ގައްބަރް އިޒް ބެކް" އާއި "ބްރަދާސް" އަދި "ސިންގް އިޒް ބލިންގް" އަށް ވަނީ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފަ އެވެ.

މިއަހަރުގެ މިހާތަނަށް ބޮލީވުޑްގެ ނަން މަޝްހޫރު ގިނަތަރިންތަކެއް ވަނީ ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައިސްފަ އެވެ. އެތަރިންގެ ތެރޭގައި ދިޕިކާ ޕަދުކޯން އާއި ރަންވީރު ސިންގް ހިމެނެ އެވެ. އަދި ޑައިރެކްޓަރު ފަރާ ޚާން ވަނީ އޭނާގެ ތިން ކުދިން ގޮވައިގެން ވެސް ރާއްޖެ އައިސްފަ އެވެ. މީގެއިތުރުން ރިތިކް ރޯޝަން އޭނާގެ ދެކުދިންނާއި މަންމަ އަދި ދައްތަ ސުނެއިނާ ގޮވައިގެން ރާއްޖެ އައިސްފައިވާއިރު، މިފަހުން ކަރީނާ ކަޕޫރާއި ފިރިމީހާ ސައިފް އަލީ ޚާންގެ އިތުރުން ސޮހާ އަލީ ޚާން އާއި ފިރިމީހާ ކުނާލް ކޭމޫ އަދި ސައިފްގެ ފިރިހެން ދަރިފުޅު އިބްރާހީމް ޚާން ވެސް ރާއްޖެ އައިސްފަ އެވެ. މީގެދުވަސްކޮޅެއް ކުރިން ޝިލްޕާ ޝެޓީ ވަނީ ފިރިމީހާ ރާޖް ކުންޑްރާގެ އުފަންދުވަސް ފާހަގަކުރުމަށް ވެސް ރާއްޖެ އައިސްފަ އެވެ.