ލައިފްސްޓައިލް

ހިތް މުސްކުޅި ނުވަނީ ކީއްވެ؟

މީހުން ބުނެ އުޅެއެއް ނޫން ހެއްޔެވެ؟ ތިމަންނާމެންގެ ބޭރުފުށަށް މުސްކުޅިކަން ވެރިވެ ބޮލުގައި ނުރަޖަހައި ބޮލުން ފަތް ވެރުނަސް ހިތެއް މުސްކުޅިއެއް ނުވެ އެވެ.

އާންމުކޮށް މިހެން ބުނެ އުޅެނީ އުމުރުން ސާޅީހުން މައްޗަށް ގޮސްފައި ތިބޭ ފިރިހެނުންނެވެ. އެކަމަކު 40 އަހަރުން މައްޗަށް ގޮސްގެން ހިތަށާއި މޫނު މައްޗަށް އަދި މުޅި ސިފަ އަށް 21 އަހަރުގެ ޒުވާންކަން އަލުން އައިސްގެން އުޅޭ އަންހެނުން ވެސް މަދެއް ނޫނެވެ.

އެހެންވީމަ އަންހެނާ އާއި ފިރިހެނާގެ އުމުރަށް އަންނަ ބަދަލުތަކާ އެކު އެމީހުންގެ ހިތަށް އަންނަ ބަދަލުތަކަކީ ކޮބައިތޯ ބަލައިލަމާ ހިނގާށެވެ. ހިތް މުސްކުޅި ނުވަނީ ނުވަތަ އުމުރާ އެއްް ވަރަކަށް ހިތް ވެސް މުސްކުޅިވާ ނަމަ އެކަމުގައި އަންހެނުންނާއި ފިރިހެނުންނާ ދެމެދު އުޅޭ ތަފާތަކީ ވެސް ކޮބައިތޯ ބަލައިލުން ރަނގަޅުވާނެ އެވެ.

އާ ދިރާސާއަކުން އެނގިފައިވާ ގޮތުން އަންހެނުންނާއި ފިރިހެނުންގެ ހިތް އެމީހުންގެ އުމުރާ އެއްވަރަކަށް މުސްކުޅިވަމުން ދަނީ ދެ ޖިންސަށް ހާއްސަ ސިފަތަކެއްގެ ދަށުންނެވެ. މާނަ އަކީ ފިރިހެން މީހާގެ ހިތް މުސްކުޅި ވަނީ އަންހެން މީހާގެ ހިތް މުސްކުޅިވާ ގޮތަކަށް ނޫނެވެ.

މިއީ އެމެރިކާގެ ޖޯންސް ހޮޕްކިންސް ޔުނިވާސިޓީ ސްކޫލް އޮފް މެޑިސިންގެ ތަޖުރިބާކާރުންގެ ޓީމަކުން 10 އަހަރު ވަންދެން ގާތްގަނޑަކަށް 3،000 މީހުން ބޭނުންކޮށްގެން ހެދި ދިރާސާއަކަށް ފަހު މެޑިކަލް ޖާނަލް ރޭޑިއޯލޮޖީގައި ޝާއިއުކޮށްފައިވާ ދިރާސާ ރިޕޯޓެކެވެ. އެމެރިކާގެ ހަ ހޮސްޕިޓަލެއްގައި ކުރިއަށް ގެންދިޔަ މި ދިރާސާގައި ބޭނުންކޮށްފައި ވަނީ 54 އަހަރާއި 94 އަހަރާ ދެމެދުގެ އަންހެނުންނާއި ފިރިހެނުންނެވެ.

އެމީހުންގެ އެމްއާރްއައި ސްކޭން ޓެސްޓްތަކުގެ ނަތީޖާ 10 އަހަރު ވަންދެން ދިރާސާކޮށްފައިވެ އެވެ.

އެއަށް ފަހު އާންމުކޮށްފައިވާ ރިޕޯޓްގައި ބުނެފައި ވަނީ ދިރާސާ ކުރިއަށް ގެންދިޔަ 10 އަހަރުގެ މުއްދަތުގައި މީގައި ބައިވެރިވި ފިރިހެނުންގެ ހިތުގެ ލެފްޓް ވެންޓްރިކަލް އަށް ގްރާމަށް ބޮޑުވެފައިވާ ކަމަށެވެ. އަދި ހަމަ އެ މުއްދަތުގައި ދިރާސާގެ ބައިވެރިންގެ ތެރޭގައި ތިބި އަންހެނުންގެ ހިތުގެ ލެފްޓް ވެންޓްރިކަލް އިން 1.6 ގްރާމް މަދުވެފައިވާ ކަމަށެވެ.

ހާޓް ބީޓް ނުވަތަ ހިތް ތެޅިލާ ވަގުތުތަކުގައި ހިތުގެ މި ލެފްޓް ވެންޓްރިކަލްގައި ހިފަހައްޓާލެވޭ ލޭގެ މިންވަރު މި މުއްދަތުގެ ތެރޭގައި ދެ ޖިންސުގެ މީހުންގެ މެދުގައި ވެސް މަދުވެފައިވާ ކަމަށް ރިޕޯޓްގައި ބުނެފައިވެ އެވެ. ވަކިން ހާއްސަކޮށް އަންހެނުންގެ ހިތުގައި އެ މައްސަލަ ބޮޑުކަން ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން އަންހެނުންގެ ހިތުގައި ހިފެހެއްޓުނު ލޭގެ މިންވަރުން ތިން މިލިލީޓަރު މަދުވި ކަމަށް ބުނެފައިވެ އެވެ.

ހިތް ހުއްޓުމަކަށް ނުވަތަ ހިތުގެ ހިނގުން އޭގެ ފުރިހަމަ ގޮތުގައި ކުރިއަށް ނުގެންދެވުމަށް މެދުވެރިވާ އެއް ސަބަބަކީ މިއީ އެވެ. ހިތުން ހަށިގަނޑަށް ޕަމްޕުކޮށްދޭ ލޭގެ މިންވަރު މަދުވުމެވެ. ދިރާސާގައި ބައިވެރިވި ތަޖުރިބާކާރުން ބުނެފައި ވަނީ އުމުރުން ދުވަސްވަމުންދާ ވަރަކަށް އަންހެނުންގެ ހިތް އަވަހަށް މުސްކުޅިވެ އޭގެ މަސްތައް ވަޅޯވެ ސައިޒުން ކުޑަވުމުގެ ސަބަބުން ހިތުގެ މައްސަލަ ހައްލުކުރަން އަންހެނުންގެ މެދުގައި އުނދަގޫވާ ކަމަށެވެ.

އެހެންވީމަ "ހިތް މުސްކުޅިއެއް ނުވެއޭ" ބުނާ އަންހެނުންނަށް ވުރެ މިހެން ބުނާ ފިރިހެނުންގެ އަޑު ގަދައީ ވެސް ސަބަބެއް އޮވެގެނެއް ނޫން ހެއްޔެވެ؟