ޗެމްޕިއަންސް ލީގް

ލައިޕްޒިގް އަތުން ބަލިވެ ޔުނައިޓެޑް ކަޓައިފި

ޖަރުމަންގެ ރެޑްބުލް ލައިޕްޒިގް އަތުން 3-2 ން ބަލިވެ، ޗެމްޕިއަންސް ލީގްގެ ގުރޫޕް ސްޓޭޖުން މެންޗެސްޓާ ޔުނައިޓެޑް ކަޓައިފި އެވެ.

މެޗުގެ ވަރަށް ކުރީ ކޮޅު ލައިޕްޒިގްއިން ލީޑް ނެގި އެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު މެޗު ފެށިގެން ދެވަނަ މިނެޓްގައި ކާމިޔާބު ކުރީ އަންޖެލީނޯ އެވެ. ނަތީޖާ އިތުރަށް ފުޅާ ކުރަން ލައިޕްޒިގް އަށް ހޭދަވީ ގާތްގަނޑަކަށް 10 މިނެޓެވެ. މެޗުގެ 13 ވަނަ މިނެޓްގައި އަމާޑޫ ހައިޑަރާ ވަނީ އެ ޓީމުގެ ދެ ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ.

ޔުނައިޓެޑަށް ކުރިމަތިވި އެންމެ ބޮޑު މައްސަލައަކީ، މެޗުގެ ތެރެއަށް މާ ލަހުން ވަދެވުމެވެ. އެ ޓީމަށް ގޭމްގެ ތެރެއަށް ވަދެވުނު އިރު ބައިކޮޅަށް އޮތީ ދެ ގޯލް ވަދެފަ އެވެ.

ދެ ވަނަ ހާފުގައި ޖަސްޓިން ކުލައިވެޓް ވަނީ ލައިޕްޒިގް ތިން ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. ޔުނައިޓެޑަށް ސުން ކަނޑުވާލެވުނީ ސުވާލު އުފެދުނު ގޮތަކަށް ލިބުނު ޕެނަލްޓީ އަކުންނެވެ. މެޗުގެ 80 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީން ބުރުނޯ ފެނާންޑޭޒް ލަނޑު ކާމިޔާބު ކުރި އެވެ. ޔުނައިޓެޑްގެ ދެ ވަނަ ލަނޑަކީ ލައިޕްޒިގްގެ ކޮނާޓޭ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ގުރޫޕް އީގައި، ޗެލްސީ އާއި ރަޝިއާގެ ކްރަސްނޯޑާ ކުޅުނު މެޗުން ޗެލްސީއަށް ޕޮއިންޓެއް ހޯދިޔަސް ގުރޫޕްގެ އެއް ވަނަ މަގާމު ސަލާމަތް ކުރެވޭނެ އެވެ. ޗެލްސީން ވަނީ 1-1 ން އެއްވަރުކޮށް ގުރޫޕްގެ އެއް ވަނަ މަގާމު ޔަގީން ކޮށްފަ އެވެ. ފްރާންސްގެ ރެން އާ ދެކޮޅަށް ސެވިއްޔާ 3-1 ން މެޗު ކާމިޔާބު ކުރި އެވެ.