ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކޮރަޕްޝަން ހުއްޓުވަން ސަރުކާރުން ބޭނުންވާކަން ރައްޔިތުން ގަބޫލުކުރޭ: ރައީސް

ޒީރޯ ޓޮލަރެންސް ކެމްޕޭން ފެށި ފަހުން، ސަރުކާރުގެ ކޮރަޕްޝަންގެ އަމަލުތައް އިތުރުވެފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ރައްދު ދެއްވައިފި އެވެ.

"ޓްރާސްޕޭރެންސީ އެންޑް އެންޓި-ކޮރަޕްޝަން ކޮންފަރެންސް 2020" އަށް ދެއްވި ވީޑިއޯ މެސެޖެއްގައި ރައީސް ވިދާޅުވީ ޒީރޯ ޓޮލަރެންސް ކެމްޕޭން ފެށި ފަހުން، ސަރުކާރުގެ ކޮރަޕްޝަންގެ އަމަލުތައް އިތުރުވެފައިވާ ކަމަށް ބައެއް މީހުން ބުނާ ކަމަށެވެ. ރައީސް ވިދާޅުވީ މި ސަރުކާރުން ތައާރަފްކުރި ވިސްލްބްލޯ ޕޯޓަލް އާއި ވިސްލްބްލޯ ގާނޫނު ވުޖޫދަށް އައި ފަހުން ކޮރަޕްޝަންގެ އަމަލުތައް ހުށަހެޅޭ މިންވަރު ބޮޑު ތަނުން އިތުރުވެފައިވާ ކަމަށެވެ. އަދި ކޮރަޕްޝަން ހުއްޓުވަން މި ސަރުކާރުން ބޭނުންވާކަން ރައްޔިތުންނަށް ގަބޫލުކުރެވި މައްސަލަތައް ހުށައެޅޭ މިންވަރު އިތުރުވުމަކީ ސަބަބެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ބައެއް ބޭފުޅުން އެބަވިދާޅުވޭ، ޒީރޯ ޓޮލަރެންސް ކެމްޕޭން ފެށިފަހުން، ސަރުކާރުގެ ކޮރަޕްޝަންގެ އަމަލުތައް އިތުރުވެއްޖެޔޭ. އަޅުގަނޑު ދަންނަވާނީ ވިސްލްބްލޯ ޕޯޓަލް އާއި ވިސްލްބްލޯ ގާނޫނު ވުޖޫދަށް އައި ފަހުން ކޮރަޕްޝަންގެ އަމަލުތައް ހުށަހެޅޭ މިންވަރު އެތައް ގުނައެއް އިތުރުވެއްޖެޔޭ. އެކަން އެހެން މެދުވެރި ވަނީ ކޮރަޕްޝަން ހުއްޓުވަން މި ސަރުކާރުން ބޭނުންވާކަން ރައްޔިތުންނަށް ގަބޫލުކުރެވި، ކޮރަޕްޝަންގެ މައްސަލަތައް މިނިވަން ކަމާއެކު ހުށަހެޅޭނެ މަގު ރައްޔިތުންނަށް ފަހިވެފައި އޮތީމަ،"

ރައީސް ވިދާޅުވީ ރައްޔިތުން ހުށަހަޅާ ޝަކުވާތަކާ މެދު އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ. އެފަދަ މައްސަލަތަކުގެ ތެރެއިން ތަހުގީގީ އިދާރާތަކުގެ ލަފައަށް ބިނާކޮށް، ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް އަޅަންޖެހޭ ފިޔަވަޅުތައްވެސް އަޅާފައިވާ ކަން ރައީސް ފާހަގަ ކުރެއްވިއެވެ. އަދި ޕޯޓަލްއިން ފާހަގަވާ ކަންކަމާ މެދު މުއައްސަސާތަކާ މަޝްވަރާކޮށް ޕޮލިސީ ލެވެލް އާއި ހިންގުމުގެ ލެވެލްގައި ގެންނަންޖެހޭ އިސްލާހުތައްވެސް ގެންނަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮރަޕްޝަންގެ ތުހުމަތު ހުރިހާ އިދާރާއަކަށް

ދިވެހިރާއްޖޭގައިވެސް ކޮރަޕްޝަނަކީ ވަރަށް ދުވަސްވީ ބޮޑު މައްސަލައެއް ކަމަށާ ދައުލަތުގެ ހުރިހާ މުއައްސަސާތަކަށް މޫލައި ފެތުރިފައި އޮތް، އަދި ހައްލުކުރުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ބޮޑު ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮރަޕްޝަންގެ މައްސަލަތައް ހުށަހެޅުމަށް މިދިޔަ އަހަރުގެ ފެބްރުއަރީ 12 ވަނަ ދުވަހު ގާއިމްކުރި ޕޯޓަލްއަށް ނޮވެންބަރު މަހުގެ ނިޔަލަށް 1081 މައްސަލަ ހުށައަޅާފައިވާ ކަމަށާ އޭގެ ތެރޭގައި ދައުލަތުގެ ހުރިހާ އިދާރާތަކަށް ރައްދުވާ މައްސަލަތައް އެބަހުރި ކަމަށްވެސް ރައީސް ވިދާޅުވިއެވެ،.

"އޭގެ ތެރޭގައި މިނިސްޓްރީތަކާއި ސަރުކާރުގެ ކުންފުނިތަކާއި ކައުންސިލްތަކަށް ރައްދުވާ މައްސަލަތައް އެބަހުރި. އަދި މިނިވަން މުއައްސަސާތަކަށާއި ގާނޫނީ އަދި ޝަރުއީ އިދާރާތަކަށާއި މޯލްޑިވްސް ޕޮލިސް ސާވިސްއަށާއި އެމްއެންޑީއެފަށާއި ރައްޔިތުންގެ މަޖިލީހަށް ރައްދުވާ ގޮތަށް ހުށަހެޅިފައި ހުރި މައްސަލަތައް އެބަހުރި،" ރައީސް ވިދާޅުވިއެވެ.

މިހާތަނަށް ހުށައެޅުނު މައްސަލަތަކުގެ ތެރެއިން ތަހުގީގީ އިދާރާގެ ދައުރެއް އޮތްކަމަށް ފާހަގަކުރެވޭ މައްސަލަތައް އެ އިދާރާތަކަށް ހުށަހަޅަމުން ދާ ކަމަށް ރައީސް ވިދާޅުވިއެވެ. އެފަދަ 209 މައްސަލައެއް ނޮވެންބަރު މަހުގެ ނިޔަލަށް އޭސީސީއަށް ފޮނުވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ ތެރެއިން 51 މައްސަލައެއް އޭސީސީއަށް ވަނީ ބަލައިގެންފައެވެ. އަދި ޖިނާއީ ތުހުމަތު އެކުލެވޭ މައްސަލަތައް ފުލުހުންނާ ހިއްސާ ކުރަމުންދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ދައުލަތުގެ ތެރޭގައި ކޮރަޕްޝަންގެ އަމަލުތައް އިތުުރުވާ ސަބަބުތަކާއި އެ ސަބަބުތައް ނައްތާލުމަށް ކުރެވޭ މަސައްކަތްތަކާއި ގުޅޭގޮތުންވެސް ވަރަށް ތަފްސީލްކޮށް ވާހަކަ ދައްކަވާފައެވެ.