ރައީސް މުހައްމަދު ނަޝީދު

މަސައްކަތު ގާނޫނާއި ހިލާފަށް ހައެއްކަ މީހުން ގެންގުޅެން: ރައީސް ނަޝީދު

މަަސައްކަތުގެ ގާނޫނާއި ހިލާފަށް 24 ގަޑިއިރު ކެނޑިނޭޅި މަސައްކަތް ކޮށްދޭ ހައެއްކަ މީހުން އެމަނިކުފާނު އަރިހުގައި ގެންގުޅުއްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ މިދިޔަ އާދީއްތަ ދުވަހުގެ ރޭ ގެނެސްދިން "އާސްކް ސްޕީކާ" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެއީ މަޖިލީހުން އިންތިޒާމް ކުރި ޕްރޮގްރާމެކެވެ.

ޕްރޮގްރާމް ނިންމާލުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ މަޖިލީހުގެ އެކި ޑިޕާޓްމަންޓްތަކުގެ މުވައްޒިފުންނަށް ޝުކުރު އަދާ ކުރައްވާފަ އެވެ. އަދި ވިދާޅުވީ އެމަނިކުފާނު ކައިރީ ރެއާ ދުވާލު، 24 ގަޑިއިރު ކެނޑިނޭޅި މަސައްކަތް ކޮށްދޭ ހައެއްކަ މީހުން އުޅޭ ކަމަށެވެ. އެހެން ވިދާޅުވުމަށް ފަހު އެއީ މަސައްކަތުގެ ގާނޫނާއި ކޮންޓްރެކްޓާވެސް ހިލާފު ކަމެއް ކަމަށް ވިދާޅުވި އެވެ. އަދި އެމަނިކުފާނުގެ އިރުޝާދަކީ އެހެން މީހަކު އެފަދަ ކަމެއް ނުކުރެއްވުން ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑު ކައިރި ރެއާ ދުވާލު ސައުވީސް ގަޑިއިރު ކެނޑިނޭޅި މަސައްކަތް ކޮށްދޭ ހައެއްކަ މީހުން އެބަ އުޅޭ. ދެން އެއީ އަނެއްހެން މަސައްކަތުގެ ގާނޫނާއި ކޮންޓްރެކްޓާއި އެކަހަލަ އެއްޗެއްސަށް ބަލާއިރުގައި ގޯސް ކަމެއް. އަޅުގަނޑު ވެސް އެހެން މީހަކަށް އިރުޝާދެއް ނުދެން އެ ބާވަތުގެ ކަމެއް ކުރާކަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ މި ވާހަކަފުޅަށް ސޯޝަލް މީޑިއާގައި ބައެއް މީހުން ގެންދަނީ ފާޑުކިޔަމުންނެވެ. އެމްޑީޕީން ވެސް އަދި ރައީސް ނަޝީދު ވެސް މަސައްކަތްތެރިންގެ ހައްގުގައި ވަރަށް ބޮޑަށް އަޑުއުފުލާ ވަކާލާތު ކުރެއެވެ. ބައެއް މީހުން ވަނީ ރައީސް ނަޝީދު އެފަދަ ވާހަކަފުޅެއް ދެއްކެވުމުން އެކަން ކުށްވެރި ކުރާ ކަމަށް ބުނެފަ އެވެ.

"ފަހަރުގައި އެމަނިކުފާނަށް ހިދުމަތް ކުރެއްވުމުގައި މުޅި ހަޔާތް ވެސް މީހަކު ވޭތު ކޮށްފާނެ. އެއީ ލޯބިވާތީ ނޫނީ އެ ނޫން ސަބަބަކާ ހުރެވެސް. ނަމަވެސް މަސައްކަތު ގާނޫނާއި ހިލާފަށް މީހުންތަކެއް ގެންގުޅޭ ކަމަށް ކޮންމެ މޭރުމަކުން ނަމަވެސް އެމަނިކުފާނު ވިދާޅުވުން ގޯސް. އެމަނިކުފާނު އެ ހުންނެވީ ގާނޫނު ހެދުމުގެ ބާރުގެ ވެރިއަކަށް،" އާންމުންގެ މީހަކު ލިޔެފައި ވެއެވެ.

ވަޒީފާއާބެހޭ ގާނޫނު ބުނާ ގޮތުން ކޮންމެ ދުވަހަކު މަސައްކަތު ވަގުތަކީ ހުސް ވަގުތުގެ އެއް ގަޑއިިރު ހިމަނައިގެން އަށް ގަޑިއިރުއެވެ. އަދި ހަފްތާގެ ހަ ދުވަހު މަސައްކަތަށްފަހު ހަތްވަނަ ދުވަހު ޗުއްޓީ ދުވަހެއް ދޭން ޖެހެއެވެ. ރާއްޖޭގައި މި އުސޫލާއި ހިލާފަށް މަސައްކަތް ކުރާ ޝަކުވާތައް ވަރަށް ގިނައެވެ.