ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ކޮވިޑްގެ ތަދު ކުރު ފިލްމެއްގެ ގޮތުގައި!

ވިހިވިހީގައި ދުނިޔެއަށް ލައްވާލި ކޮވިޑް-19 އިގެ "ތަދު" ތަހައްމަލު ކުރަން އެކި މީހުންނަށް ޖެހުނީ އެކި މިންވަރަށެވެ. އާއިލާގެ މީހަކު ދުނިޔެ ދޫކޮށް ދިއުމާއި އައިސޮލޭޝަންގެ ހިތްދަތިކަމާއި އެކަހެރިކަން ނުވަތަ އުމުރުދުވަހު ބުރަ މުސައްކަތްކޮށް ހޯދި ގެދޮރު ދޫކޮށްލާ ހިޖުރަ ކުރުރަން ޖެހުމާއި ވަޒީފާ ގެއްލުމާއި އާއިލާ ވަކިވުން ފަދަ އެތައް ކަމެއް ތަޖުރިބާ ކުރަން ޖެހުނެވެ.

ކޮވިޑްގެ ސަބަބުން އާއްމު ދިރިއުޅުން ހުއްޓި، ނަފްސާނީ ގޮތުން ބުރަ ބޮޑުވެ ކުރަން ޖެހުނު އުނދަގޫ ތަޖުރިބާ ކުޑައެއް ނޫނެވެ. އެއް ބަޔަކަށް މަސައްކަތުގައި އަވަދިނެތި އަަތުކުރި އޮޅާލަން ޖެހުނީ ދުވަހަކު ވެސް މަސައްކަތް ނުކުރާ ގޮތަކަށް ކަށިން ހިއްވަރު ނެރެ ފްރަންޓްލައިންގައި ވައިރަހާ ކުރިމަތިލައިގެން ކުރާ ހަނގުރާމައެއް ކުރާށެވެ.

ކޮންމެ މީހަކަށްވެސް ކޮންމެވެސް އެއް ގޮތަކަށް ދިރިއުޅުމަށް ކޮވިޑް-19 ގެ އަސަރު ކުރިއެވެ. އާއްމު ދިރިއުޅުން ބަދަލުވިއެވެ. ރޫޓީން ބަދަލުވެ މުޅިން އާ ކަަންތައްތަކެއް ކުރަންޖެހުނެވެ. މި ތަދު ކޮންމެވެސް އެއްްގޮތަކަށް އިހުސާސް ކުރެވުނެވެ. މަދޮޝިޕް ސުޓޫޑިއޯ އިން މި މަހު ރިލީޒް ކުރި ކުރު ފިލްމް "ތަދު" ގައި އަލިއަޅުވާލީ އެ ކަމަށެވެ. ވައިރަސް އަކީ ކުޑަކަމެއް ގޮތުގައި ނުދެކެންވީ ސަބަބު އެ ފިލްމުން ބުނެ ދެއެވެ.

ފިލްމް ގެނެސްދީފައިވަނީ އެކި މީހުންނަށް ދިމާވި ކަންކަމުގެ ޓެސްޓިމޯނިއަލްސްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ސްކިރިޕްޓަކަށެވެ.

ފިލްމްގެ ޑައިރެކްޓަރު އަދި ސްކްރިޕްޓް ލިޔެފައިވަނީ ޝާމިން ނިޒާމެވެ. އެސިސްޓަންޓް ޑައިރެކްޓަރަކީ ރީހާމް ހާރިސެވެ. ފިލްމާއި ގުޅޭ ކުރު ތައާރަފެއް ދެމުން އެ މީހުން ބުނި ގޮތުގައި އެއީ އާއްމުން ހޭލުންތެރި ކުރުމުގެ މަގުސަދުގައި އުފެއްދި ނެރޭޓިވް ފިލްމެކެވެ.

"މިއީ އެޗްޕީއޭ އާއި އެޗްއީއޯސީ އަދި ޔުނިސެފާ ގުޅިގެން އާއްމުންގެ ބިހޭވިއަރަލް ޗޭންޖެއް ގެނައުމަށް އުފެއްދި ފިލްމެއް"

ތަދު: ފުރަތަމަ ބައި

ތިން ބަޔަަށް ބަހާލައިގެން ގެނެސްދިން މި ސީރީސްގައި ކޮންމެ ބަޔަކީ 20 މިނެޓެވެ. ތިން މީހެއްގެ ވާހަކަ ގުޅި ލާމެހިގެން ގެނެސް ދީފައި ވަނީ ކުރު ގޮތަކަށް ބުނާ ނަމަ ކޮވިޑަށް ޕޮޒިޓިވްވާ ހިސާބުން ދެން ކަންކަން ބަދަލުވާ ގޮތެކެވެ. ފުރަތަމަބައި ހާއްސަ ކޮށްފައި ވަނީ ދެމަފިރިޔަކު ކުުއްޖަކު ގޮވައިގެން ލޮކްޑައުން ހޭދަ ކުރާގޮތެވެ. ލީޑް އެކްޓަރެއްގެ ގޮތުގައި ރަވީ، އެކްޓްރެސް ރިޝްމީ މި ބައި ވަރަށް ފުރިހަމަކަމާއެކު ގެނެސް ދެއެވެ.

ދެވަަނަ ބައިގައި ފެންނަނީ އައިޝާ އަލީ (އަމީ) ކޮވިޑާއެކު އޭނާއަށް ކުރިމަތިވާ ނަފްސާނީ މައްސަލަތަކަކާއެކު އުޅޭ ގޮތެވެ. އަދި އެހީތެރިކަން ހޯދަން ފިލްމުގައި ބާރުއަޅައެވެ. އެހެން މީހުންގެ އެހީތެރިކަން ބޭނުންވާ މިންވަރުވެސް ދައްކުވާދެއެވެ. ތިންވަނަ ބައިގައި ގެނެސްދެނީ ފްރަންޓްލައިންގައި މަސައްކަތް ކުރާ ޑޮކްޓަރެއްގެ ދިރިއުޅުން ކޮވިޑް އާއި އެކު ބަދަލުވެގެން ދާ ގޮތެވެ. މި ބައި ކުޅެފައިވަނީ ނަތާޝާ ޖަލީލެވެ.

ތިން ވަނަ ބައިން ދައްކަނީ ޑޮކްޓަރެއްގެ ދިރިއުޅުން ބަދަލުވާ ގޮތް

ސްކްރިޕްޓް އެއްބައި އަނެއްބަޔާ ގުޅުވާލާ ވާހަކަ ފުރިހަމަކޮށްފައި ވަނީ ޝާމިނެވެ.

"ވަރަށް ގިނަ ބަޔަކާއި އިންޓަވިއުކޮށް ޓެސްޓިމޯނިއަލް އެއްކޮށް އެކުލަވާލާ ތައްޔާރު ކުރި ސްކްރިޕްޓެއް މިއީ. ތައްޔާރު ކުރީ އެތަނުން އެންމެ ކަމުދާ ތިން މީހުންގެ ތަޖުރިބާގެ މައްޗަށް ބިނާކޮށް" ކަމުގައި ޝާމިން ބުންޏެވެ.

ކުރޫގައި ހިމެނޭ ޝަހާއިމްގެ ސިނެމެޓޮގްރަފީގައި ވެސް ހާއްސަ ގޮތެއް މި ކުޑަ ފިލްމުގައި ހުރީ ވަރަށް ބޮޑަށް ޑީޓެއިލް އޮރިއެންޓްކޮށް ޝޮޓްތައް ނަގާފައިވާތީއެވެ.

" ބޭނުންވީ ވީހާވެސް ބޮޑަށް އަސްލު ދިރިއުޅުން ދައްކަން. ދިވެހިންގެ ގިނަ މީހުންނަކީ އާދައިގެ ދިރިއުޅުމެއް އުޅޭ ބައެއް. އެހެން ކަމުން އެގޮތަށް ދެއްކީ،"

މިއީ މި ޓީމް ކުރި ތަފާތު މަސައްކަތަކަށް ވާނެއެވެ. ޝާމިން ބުނި ގޮތުގައި ތަންތަނަށް ލިބުނު އެކްސަސް އާއެކު ބޭނުންވީ ފިލްމްގެ މެސެޖު ވީހާވެސް ރަނަގަޅަށް ފޯރުކޮށްދޭށެވެ. އަސްލާއި އެއްގޮތް ކުރުމަށް ވަރަށް ބޮޑު މަސައްކަތެއް ކުރި އެވެ.

"ކޯލް ސެނޓްރާއި، އާރުއާރުޓީ ޓީމުން ސާމްޕަލް ނަގައިގެން އައިޖީއެމް ލެބް އިން ޓެސްޓް ކުރާތަން ދެއްކުނު. ހުޅުމާލޭ ފެސިލިޓީއަށް އެކްސަސް ލިބުނު. އަދި ހުޅުމާލޭ ސަރަހާގައި ވަޅުލާ މަންޒަރު ނެގުނު. މީގެ އިތުރުން އެޗްޕީއޭގެ ޕްރޮޖެކްޓަކަށްވީ ނަމަވެސް އެމީހުން ބޭނުންވީ ހަގީގަތް ދައްކަން. ދެން ޕޮޒިޓިވް ވެގެން ބަލާ ނައިސް ގުޅާ ކޯލްސެންޓަރަށް އެއްޗެހި ކިޔާ މަންޒަރު ދައްކައިދެވުނު."