ބުރޫޝިއާ މޮންޗެންގުލެޖްބާކްގެ މައްޗަށް 2-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ގުރޫޕް ބީ ގެ އެއް ވަނަގައި ރެއާލް މެޑްރިޑުން ޔޫއެފާ ޗެމްޕިއަންސް ލީގްގެ ދެވަނަ ބުރަށް ދަތުރު ކޮށްފި އެވެ.
މެޗަށް ނުކުތް އިރު، ރެއާލް އޮތީ ޕްރެޝަރަށް ވެއްޓިފަ އެވެ. މެޗުން މޮޅުވާން މަޖުބޫރު މެޗަށް ނުކުތް އިިރު އެ ޓީމުގެ ކޯޗް ޒައިނުއްދީން ޒިދާންގެ ވަޒީފާއާ މެދު ވެސް އޮތީ ބިރުވެރިކަން އުފެދިފަ އެވެ. މެޗުން އޭނާ ސަލާމަތް ކޮށްދިނީ ކަރީމް ބެންޒެމާ ބޮލުން ކާމިޔާބު ކުރި ދެ ލަނޑުންނެވެ.
ފުރަތަމަ ލަނޑު ބެންޒެމާ ކާމިޔާބު ކުރީ، މެޗުގެ ނުވަ ވަނަ މިނެޓްގައި ލޫކަސް ވަޒްކްއޭޒް އޭރިއާގެ ތެރެއަށް ނަގައިދިން ބޯޅަ ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެނެވެ. ދެ ވަނަ ލަނޑު ބެންޒެމާ ކާމިޔާބު ކުރީ މެޗުގެ 31 ވަނަ މިނެޓްގައ ރޮޑްރިގޯ ހޮއިސް ހުރަސް ކޮށްދިން ބޯޅަ ޮލުން ގޯލްގެ ތެރެއަށް ވައްދާލައިގެންނެވެ.
އަނިޔާގައި ދެ ހަފުތާ ހޭދަ ކުރުމަށް ފަހު، ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސް ކުޅެން ނުކުތް މެޗަށް ފަހު ވާހަކަ ދައްކަމުން ޒިދާން ބުނީ، ރޭ ގެ މެޗަކީ މި ސީޒަންގައި އޭނާގެ ޓީމު ކުޅުނު އެންމެ ރަނގަޅު މެޗު ކަމަށެވެ.
އެ ގުރޫޕްގައި ދެން ހިމެނޭ، އިންޓަ މިލާން އާއި ޝަކްޓާ ޑޮނެސް ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. އެހެންވެ ގުރޫޕްގެ ދެވަނަ އަށް ދާން ލިބުނު ފުރުސަތު ޝަކްޓާއަށް ގެއްލުނީ އެވެ. ޝަކްޓާ އާއި ގުލެޖްބާކަށް ލިބުނީ އށް ޕޮއިންޓެވެ. ގުލެޖްބާކް ކުރި ހޯދީ ފައިދާ ގޯލުންނެވެ.
ރޭގެ މެޗަށް ހަމައަށް ދިޔައިރު، ގުރޫޕް އެޗްގައި ނުނިމި އޮތް ޕީއެސްޖީ އާއި އިސްތަންބޫލް ބަޝްކްޝިއާ ކުޅުނު މެޗުގައި، ޕީއެސްޖީގެ ފޯވަޑް ނޭމާ ވަނީ ހެޓްރިކް ހަދާފަ އެވެ. ޕީއެސްޖީ މެޗު ކާމިޔާބު ކުރީ 5-1 ންނެވެ. ޕީއެސްޖީގެ އަނެއް ލަނޑު ދެ ލަނޑު ކާމިޔާބު ކުރީ، ކިލިޔަން އެމްބާޕޭ އެވެ. އެމްބާޕޭގެ ފުރަތަމަ ލަނޑު އޭނާ ކާމިޔާބު ކުރީ ލިބުނު ޕެނަލްޓީ އަކުންނެވެ. އިސްތަންބޫލްގެ ހަމައެކަނި ލަނޑު ކާމިޔާބު ކުރީ މެހެމަތު ޓޮޕަލް އެވެ.
ޕީއެސްޖީ ހޯދި ތިން ޕޮއިންޓާއެކު އެ ޓީމު ވަނީ، ގުރޫޕްގެ އެއް ވަނަ ހޯދާފަ އެވެ. ރެޑްބުލް ލައިޕްޒިގް އާއި ޕީއެސްޖީއަށް ވެސް ޕޮއިންޓް ލިބިފައި ވަނީ 12 ޕޮއިންޓެވެ. ޕީއެސްޖީއަށް ކުރި ލިބެނީ ދެ ޓީމުގެ ލަނޑުގެ ތަފާތުންނެވެ.
ގުރޫޕް އޭ ގައި، ސަލްޒްބާގް އާއި އެތުލެޓިކޯ މެޑްރިޑް ކުޅުނު މެޗު 2-0 ން ކާމިޔާބު ކޮށް އެތުލެޓިކޯވެސް ވަނީ ދެ ވަނަ ބުރަށް ދަތުރު ކޮށްފަ އެވެ. އެތުލެޓިކޯގެ ލައްޑުތައް ކާމިޔާބު ކުރީ މާރިއޯ ހާމޯސޯ އަދި ޔަނިކް ކަރެސްކޯ އެވެ.