ރަންވީރު ސިންގް

ބޮލީވުޑް ދަތުރު ހީކުރާހާ ފަސޭހައެއް ނޫން: ރަންވީރު

"ބޭންޑް ބާޖާ ބާރާތު" އިން މީގެ 10 ވަރަކަށް އަހަރު ކުރިން ރަންވީރު ސިންގް ހިންދީ ސިނަމާއަށް ތައާރަފުވީއިރު މާ ކާމިޔާބު އެކްޓަރަކަށް އޭނާއަށް ވެވިދާނެ ކަމަކަށް އެއްވެސް މީހަކު ހިއެއް ނުކުރެ އެވެ. ބޮލީވުޑްގެ އެންމެ މަތީ ފަންތީގެ އެކްޓަރުންގެ ތެރޭގައި އޭނާއަށް ޝާމިލު ވެވިދާނެ ކަމަށް ވެސް ގިނަ މީހުން އޭރު ގަބޫލެއް ނުކުރެ އެވެ.

ނަމަވެސް ކެރިއަރުގައި ރަންވީރު އަބަދުވެސް ކުރިޔަށް އަޅާފައިވަނީ ރަނގަޅު ފިޔަވަޅު ތަކެކެވެ. ކުޅެފައިވަނީ އޭނާގެ ހުނަރާއި ގާބިލްކަން ދައްކާލެވޭ ކަހަލަ ފިލްމުތަކެވެ. އަދި ނަސީބު ދިމާކުރި ގޮތުން އޭގެ ތެރެއިން ގިނަ ފިލްމުތައް ކާމިޔާބު ވެސް ވިއެވެ. އެއްވެސް މީހަކު އުންމީދު ނުކޮށް ހުއްޓާ މަޑުމަޑުން ކުރިއަރަމުން ގޮސް އެންމެ ކުރިޔަށް ރަންވީރަށް އެރުނީ އެހެންވެ އެވެ.

ކެރިއަރުގެ ވަރަށް ކުރީކޮޅުގައި ރަންވީރު ކުޅުނު "ލުޓޭރޭ" އަކީ މޮޅު އަދި ކާމިޔާބު ހޯދޭފަދަ ގާބިލް އެކްޓަރެއްކަން ސާބިތުކުރަން ލިބުނު ފުރުސަތެކެވެ. އެހިސާބުން ޑައިރެކްޓަރު ސަންޖޭ ލީލާ ބާންސާލީގެ "ގޯލިޔޯން ކީ ރަސްލީލާ ރާމް-ލީލާ" އާއި "ބާޖީރާއޯ މަސްތާނީ" ލިބުނެވެ. މި ދެ ފިލްމުން ރަންވީރަށް ކެރިއަރުގެ އާ އުސްމިންތަކަކަށް ވާސިލު ވެވުނެވެ.

"ދިލް ދަޅަކްނޭ ދޯ"، "ޕަދުމާވަތު"، "ސިމްބާ" އަދި "ގަލީ ބޯއީ"ގެ ކާމިޔާބާއެކު ހިންދީ ފިލްމު އިންޑަސްޓްރީގައި ރަންވީރު ވަނީ އޭނާގެ މަގާމު ވަރުގަދަ ކޮށްފަ އެވެ.

"އަހަރެމެން ބޭނުންވަނީ ކުޅަދާނަ މޮޅު އެކްޓަރެއްގެ ގޮތުގައި އަދި މުނިފޫހިފިލުވައި ދޭ މީހެއްގެ ގޮތުގައި މީހުން އަހަރެން ހަނދާން ކުރަން،" އިންޑިޔާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ރަންވީރު ބުނެފައި ވެއެވެ.

ބޮލީވުޑްގައި ރަންވީރަށް ލިބުނީ ހުވަފެނީ ފެށުމެކެވެ. އޭނާ ލޯންޗުކުރީ ޔާޝް ރާޖް ފިލްމްސް އިން އަދިތުޔާ ޗޯޕްޅާ އެވެ. ނަމަވެސް 10 އަހަރު ކުރިން އޭނާ ހިންދީ ފިލްމު އިންޑަސްޓްރީއަށް ވަންނަން ކުރި މަސައްކަތަކީ އެހާ ފަސޭހަ މަސައްކަތެއް ނޫންކަމަށް ރަންވީރު ބުންޏެވެ.

"އަހަރެން ފިލްމެއް ނުލިބިގެން އެކިއެކި އޮޑިޝަންތަކަށާއި ޑައިރެކްޓަރުގެ އޮފީސް ތަކުގައި ޓަކި ޖެހި ދުވަސްތަކަކީ ވަރަށް އުނދަގޫ އެހާމެ މާޔޫސް ކުރުވި ދުވަސްތަކެއް. ގާތްގަނޑަކަށް ފަސް އަހަރު އަހަރެން މިގޮތަށް މަސައްކަތް ކުރިން. އޭރު އަހަރެން ވެއްޓިފައި ވަނީ ވަރަށް އަނދިރި ވަޅުގަނޑަކަށް،" ރަންވީރު ބުންޏެވެ.

އެ ދުވަސްވަރަކީ އޯޓީޓީ ޕްލެޓްފޯމްތައް އުފެދިފައި އޮތް ދުވަސްވަރެއް ނޫނެވެ. އަދި ދުނިޔެ ބޮޑު ރިސެސް އަކަށް ގޮސްފައިވާ ދުވަސްވަރަކަށް ވާތީ ހިންދީ ފިލްމުތައް އުފައްދާލެއް ވެސް އޭރު ވަނީ މަދުވެފަ އެވެ. ކުޅޭނެ ފިލްމެއް ހޯދަން ރަންވީރު ކުރަމުންދިޔަ މަސައްކަތަށް އިތުރު ހުރަސްތައް ދިމާވީ މި ސަބަބުތަކާ ހެދި އެވެ.

އިންޑަސްޓްރީގެ މީހަކާ އެއްވެސް ގުޅުމެއް ނެތް މީހަކަށް ހިންދީ ފިލްމެއްގެ ލީޑް ރޯލު ލިބުމަކީ މިލިނިއަކުން އެއް ފަހަރު ނޫނީ ނުލިބޭނެ ފުރުސަތެއް ކަމަށް ރަންވީރު ބުންޏެވެ އެހެންކަމުން އޭނާއަށް ލިބުނު ބްރޭކަކަކީ އެފަދަ ފުރުސަތެއްގެ ގޮތުގައި އޭނާ ގަބޫލު ކުރެ އެވެ.

"އެންމެ އުނދަގޫ ދުވަސްތަކުގައި އަހަންނަށް ސާބިތުކަމާއެކު ހުރެވުނީ މައިންބަފައިން ދިން ލޯތްބާއި އޯގާތެރިކަމުގެ ސަބަބުން. އޭރު އަހަރެން ވަރަށް މޮޔަ. ފިލްމެއް ކުޅޭނެ ފުރުސަތު ހޯދަން އަހަރެން ހުރީ ބަނޑުހައިވެފަ. ފުރަތަމަ ފިލްމެއް ހޯދަން މަސައްކަތް ފެށިއިރު އަހަރެންނަށް އެންމެ 21 އަހަރު. ފިލްމެއް ލިބުނުއިރު 24 އަހަރު ފުރިއްޖެ. އަހަރެން ބުނާނީ ގިނަ ބަޔަކަށް އަހަރެން އެންމެ ބޮޑަށް ފާހަގަ ކުރެވެން ފެށީ ހެދުން އަޅާ ގޮތުންނޭ. ފުރަތަމަ ލިބުނީ "ޕަޓިއާލާ ހައުސް"ގެ ކުޑަ ކުޑަ ރޯލެއް،" ރަންވީރު ބުންޏެވެ.

ރަންވީރުގެ ނަސީބު އަތުގައި ހިފީ އަދިތުޔާ ޗޯޕްޅާގެ ލޮލުގައި އޭނާ އަޅައިގަތް ހިސާބުންނެވެ. ޔާޝް ރާޖް ފިލްމްސް އިން އޭނާ ލޯންޗު ކުރަން ނިންމި ހިސާބުންނެވެ.

ފިލްމު ރިލިޒްކުރިތާ ފުރަތަމަ ކޮޅު ވަރަށް ގިނަ ބަޔަކު ރަންވީރަށް މަލާމާތްކޮށް ހަދާފައި ވެސް ވެއެވެ. ނަމަވެސް އިތުރު ފިލްމުތައް ރިލީޒްވާން ފެށުމުން އޭނާގެ ހުނަރު މީހުން ބަލައިގަތެވެ. އަދި މަލާމާތް ތައުރީފަށް ބަދަލުވި އެވެ.