ރަންވީރް ސިންގް ދާދި ފަހުން އިންޓަނޭޝަނަލް މެގަޒިންއަކަށް ނެގި ބަރަހަނާ ފޮޓޯތަކެއްގެ މައްސަލަ ހޫނުވެފައި އޮތް ކަން މިއީ އެންމެންނަށްވެސް އެނގޭ ވާހަކައެކެވެ.
މިމައްސަލަ ހޫނުވެގެން ދިޔަ ގޮތުން އެ މައްސަލަ ބަލަން ފުލުހުންނަށް މަޖުބޫރުވެ މިމަހުގެ 22 ވަނަ ދުވަހު ރަންވީރް ފުލުހަށް ހާޒިރުވާން ވެސް މިހާރު ވަނީ އަންގާފަ އެވެ.
ރަންވީރް ބަރަހަނާ ފޮޓޯތަކެއް ނެގިކަން އާންމުންނަށް އެނގުނީ އެ ފޮޓޯ ޝޫޓްގެ ބައެއް ފޮޓޯތައް ރަންވީރް އަމިއްލައަށް ސޯޝަލް މީޑިއާގައި ހިއްސާކުރުމުންނެވެ.
ޓައިމްސް އޮފް އިންޑިއާއިން ބުނާ ގޮތުގައި މުމްބައި ޕޮލިހުން ރަންވީރް ސިންގް އަށް ނޯޓިސް ފޮނުވީ އަމިއްލަ ޖަމިއްޔާ އަކުން ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ބަޔާން ނެގުމަށެވެ.
ފުލުހުންނަށް ހުށަހެޅި މައްސަލައިގައި ރަންވީރް ނެގި ފޮޓޯތައް އާންމު ކުރުމުން އަންހެނުންނާއި ފިރިހެނުން ލަދުގަންގަންޖެހި އަބުރު ގެއްލިގެންދާ ކަމަށް ބުނެފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.
ރަންވީރްގެ ބަރަހަނާ ފޮޓޯތަކުގެ މައްސަލަ ހޫނުވުމުން ބޮލީވުޑްގެ މަޝްހޫރު ބައެއް ފަންނާނުން ވަނީ ރަންވީރްގެ ދިފާއުގައި ނިކުމެ ވާހަކަދައްކާފަ އެވެ. އެފަދަ ތަރިން ބުނާ ގޮތުގައި ރަންވީރްގެ ފޮޓޯ ޝޫޓަކީ އޭނާގެ ކެރިއަރުގައި ކުރާ މަސައްކަތުގެ ބައެކެވެ.