މިއަހަރު ޖަނަވަރީ މަހު ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗް ކަމާ ހަވާލުވި، ހޮލެންޑްގެ މާޓިން ކޫޕްމަން އަށް މެޗެއް ނުލިބި އޭނާގެ ކޮންޓްރެކްޓް ހަމަވާން ކައިރި ވެއްޖެ އެވެ.
ވޯލްޑް ކަޕް ކޮލިފިކޭޝަންގެ ބާކީ ހުރި މެޗުތަކަށް ހާއްސަކޮށްގެން ކޫޕްމަން އާއި އޭނާގެ އެސިސިޓެންޓް ރެނޭ ހިޑިންކް އާއެކު އެފްއޭއެމުން ސޮއި ކުރި އެއްބަސްވުން އަންނަ މަހު 25 ގައި ހަމަ ވާނެ އެވެ. ރާއްޖޭގައި ހޭދަ ކުރާ އެއް އަހަރުވީ ކޫޕްމަން ކެރިއާގައި އާދަޔާ ހިލާފު އަހަރަކަށެވެ.
ކޮވިޑް-19 އާ ގުޅިގެން މިއަހަރު ރާއްޖެ ކުޅެން ހަމަޖެހިފައިވާ މެޗުތައް އަންނަ އަހަރަށް ފަސް ކުރުމުން ކޫމަންގެ ކޮންޓްރެކްޓްގައި ބުނާ މުއްދަތު ފަހަނައަޅައި މި ދަނީ އޭނާއަށް އެއްވެސް މެޗެއް ނުލިބި އެވެ. ގައުމީ ޓީމާއެކު ދެ ފަހަރަށް ޕްރެކްޓިސް ފަށައިގެންވެސް އޭނާއަށް ކުރިއަށް ދެވޭ ގޮތެއް ނުވި އެވެ. ކޮވިޑްގެ ބަލި މަޑުކަން ބޮޑުވެ ޕްރެކްޓިސް ހުއްޓާލަން ޖެހުނެނެވެ.
ވޯލްޑް ކަޕް ކޮލިފިކޭޝަންގެ އޭޝިއާ ޒޯންގެ މެޗުތައް ފީފާ އާއި އޭއެފްސީން ވަނީ އަންނަ އަހަރަށް ފަސް ކޮށްފަ އެވެ. ރާއްޖެއަށް އައިސް ކޫޕްމަން މިހާތަނަށް ހާސިލު ކުރެވުނީ އޭނާ އަމިއްލަ ޗެލެންޖެކެވެ. އޭޕްރީލް މަހު މާލެ ފުލު ލޮކްޑައުން ކުރުމުން، އޭނާ ދިރިއުޅޭ ހޮޓަލުގެ ޓެރަސްގައި ކަސްރަތުކޮށް އޭނާ ވަނީ 11 ކިލޯ ލުއި ކޮށްލާފަ އެވެ.
ޖޫން މަހު ދެ ވަނަ ފަހަރަށް ޕރެކްޓިސް ފަށާއި އަނެއްކާވެސް ހުއްޓަލަން ޖެހުމުން، އޯގަސްޓް މަހު އޭނާ ދިޔައީ ޗުއްޓި އަށެވެ. ޗުއްޓީގައި އޭނާ ކުރިން ކޯޗް ކޮށްދިން އަރޫބާގައި ހޭދަ ކުރުމަށް ފަހު އޮކްޓޯބަރު މަހު މާލެ އައިސް ކުލަބުތަކުން ޕްރީ ސީޒަން ޕްރެކްޓިސް ފެށުމުން އޭނާ ވަނީ ގަވާއިދުން ޕްރެކްޓިސް ބަލާފަ އެވެ. ގައުމީ ޓީމުގެ ކޯޗް ކުލަބުތަކުގެ ޕްރެކްޓިސް ބެލުމަކީ އެހާ އާންމު ކަމެއް ނޫނެވެ. ރާއްޖޭގެ ގައުމީ ޓީމާ ހަވާލުވި ކޯޗުންގެ ތެރެއިން ކުލަބުތަކުގެ ޕްރެކްޓިސް ބެލުމަށް މީގެ ކުރިން ޓާފް ދަނޑަށް ދިޔަ ކޯޗަކީ 2008 ސާފް ޗެމްޕިއަންޝިޕް ހޯދައިދިން ސްލޮވާކިއާގެ ޖޯސެފް ޔަންކޭޒް އެވެ. ދެފަހަރެއްގެ މަތިން ރާއްޖޭގެ ކޯޗްކަން ކުރި ޔަންކޭޒް ވަނީ ރާއްޖޭގެ ކޯޗް ކަމުގައި އޭނާގެ ދެ ވަނަ ޕީރިއަޑްގައި ކުލަބު ތަކުގެ ޕްރެކްޓިހަށް ގޮސް ކުޅުންތެރިންގެ މަސައްކަތް ވަޒަން ކޮށްފަ އެވެ.
އޭނާގެ ކޮންޓެރެކްޓްގައި ބާކީ އޮތީ އެއް މަހާއި 15 ދުވަހެވެ. ކޯޗްގެ ކޮންޓްރެކްޓާ ބެހޭގޮތުން އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ހުސައިން ޖަވާޒު ވިދާޅުވީ، މިވަގުތު އެފްއޭއެމްގެ ވިސްނުން ހުރީ މިހާރުވެސް ތިބި ކޯޗުން ސްޓަފުންނާއެކު ކޮލިފިކޭޝަން މެޗުތަކާ ކުރިމަތިލުން ކަމަށެވެ.
ރާއްޖެ ކޯޗް ކަމާ ހަވާލު ވުމަށް ފަހު، ކޫޕްމަން ބުނީ އޭނާގެ ޓީމަށް އޮތީ ރަނގަޅު ޓާގެޓެއް ކަމަށެވެ. މަސައްކަތް ކުރެއްވިޖެނަމަ ޓާގެޓަށް ވާސިލު ވެވޭނެ ކަމަށެވެ. ކޮލިފައިންގައި ރާއްޖޭގެ ޓާގެޓެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ، އޭޝިއަން ކަޕަށް ކޮލިފައި ވުމެވެ.
"މިއީ ހަމައެކަނި ކުޅުންތެރިންނަށް އޮތް ކަމެއް ނޫން ކުލަބުތަކުގެ ކޯޗުންނަށްވެސް ވަރަށް މުހިންމު ކަމެއް ކޯޗެއްގެ ހައިސިއްޔަތުން އެކަކު އަނެކަކާ ގުޅުން ބޭއްވުން،" ޕްރީ ސީޒަންގައި ކުލަބުތަކުގެ ޕްރެކްޓިސް ބަލަން އޭނާ ދިޔަ ސަބަބާ ބެހޭގޮތުން ކުރިން "އަވަސް" އާ ވާހަކަ ދައްކަމުން ކޫޕްމަން ބުނެފައި ވެއެވެ. "އަހަރެން ބޭނުން ކުލަބުތަކުގެ ކޯޗުންނަށްވެސް އެނގެން އަހަރެންގެ ޝައުގުވެރިކަން ކުޅުންތެރިންގެ ދައްކާ ޕާފޯމަންސާ މެދު އޮތް ކަން. އަދި (ކުލަބު ތަކުގެ ޕްރެކްޓިސް ބެލީމަ) ކުޅުންތެރިންގެ ފެންވަރުގެ އިތުރުން އެހެން ކަންކަވެސް އަހަންނަށް އެނގިގެންދާނެ ކުޅުންތެރިންނާ ބެހޭގޮތުން."
ކޫޕްމަން ބުނެފައި ވަނީ ކުލަބުތަކާއި ގައުމީ ޓީމަކީ އެއް އާއިލާއެއް ކަމަށް އޭނާ އަށް އިހްސާސް ކުރެވޭ ކަމަށާއި ކުލަބުތަކުގެ ކޯޗުންވެސް އެގޮތަށް ދެކެން އޭނާ ބޭނުންވާ ކަމަށެވެ. ގައުމީ ޓީމަކީ ލަފްޒީ ގޮތުން ބުނާ ގައުމީ ޓީމު އެކަނި ނޫން ކަމަށާއި މައުނަވީ ގޮތުން ގައުމީ ޓީމަކީ ކުލަބުތަކާއި ފުޓްބޯޅައިގައި ޝާމިލުވާ އެންމެން ކަމަށް ކޫޕްމަން ބުންޏެވެ.
"ބައެއް ފަހަރު އެމީހުން [ކުލަބުތަކުގެ ކޯޗުން] އަހަރެން ކައިރީ އަހާނެ އަނެއް ފަހަރު އަހަރެން އެމީހުން ކައިރީ އަހާނަން،" ކޫޕްމަން ބުނެފައި ވެއެވެ. "ދިވެހިރާއްޖޭގެ ގައުމީ ޓީމަކީ ހަމައެކަނި ލަފުޒީ ގޮތުން ބުނާ ގައުމީ ޓީމެއް ނޫން. ކުލަބުތަކަކީވެސް ގައުމީ ޓީމުގެ ތެރޭގައި ހިމެނޭ ބައެއް. ގައުމީ ޓީމަށް އަހަރެން އިހްތިޔާރު ކުރާނީ ކުލަބުގައި އެންމެ ރަނގަޅަށް ޕާފޯމް ކުރާ ކުޅުންތެރިން. ކުލަބުތަކުގެ ކޯޗުންގެ މަސައްކަތެއް ކުޅުންތެރިން އެންމެ މަތީ ފެންވަރަށް ތަރައްގީ ކުރުން. އަދި ކޮންފިޑެންސާ އެކު ކުޅުންތެރިން ކުޅުމުގެ ހިތްވަރު ދިނުމަކީ ކުލަބުތަކުގެ ކޯޗުންގެވެސް މަސައްކަތެއް."