ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނާ ގޮތުގައި 2018 ވަނަ އަހަރު އެކަނިވެސް 9.6 މިލިއަން މީހުން ކެންސަރުބަލީގައި މި ދުނިޔެ ދޫކޮށްފައި ވެއެވެ. މި ވޭންހުރި ބައްޔަކީ ދުނިޔޭގައި ދެ ވަނަ އެންމެ ގިނަ މީހުން މަރުވާ ބައްޔެވެ. ތަޖުރިބާކާރުން އެއްބަސްވާ ގޮތުގައި އަހަރެމެންގެ ހަށިގަނޑުގައި ކުއްލިއަކަށް ކެންސަރު އުފެދި އިސާހިތަކު ފުރާނައަށް ނުރައްކާ މިންވަރަށް އެ ބަލި ފެތުރިގެން ދަނި އަހަރެމެންގެ ކެއިން ބުއިމާއި ދިރިއުޅުމުގެ އާދަކާދަތައް ހުންނަ ގޮތުންނެވެ.
ޕެކެޓް ކޮށްފައި ހުންނަ ކާނާ އާއި، ގަޑުބަޑުކޮށްފައި ހުންނަ ކާނާ، ކާން ފެށުމުން ހަށިގަނޑުގެ ހިނގުމުގެ ނިޒާމުގެ ބެލެންސް ގެއްލެ އެވެ. މިއީ ހަށީގަނޑަށް އިންތިހާއަށް ގެއްލުންވެ ބޮޑެތި ބަލިތަކަށް ހަށިގަނޑު ހުށަހެޅިގެންދާ ސަބަބެކެވެ. ގިނަ ދުވަސްތަކެއް ވަންދެން އާދަކޮށް ކާނަމަ ކެންސަރު ޖެހުމަށް މަގުފަހިވާ ފަސް ބާވަތެއްގެ ކާނާ ސައިންސްވެރިން މިހާތަނަށް ފާހަގަ ކޮށްފައި ވެއެވެ. އަދި މި ކާނާތައް ވީހާވެސް މަދުން ބޭނުންކުރުމަށް އިރުޝާދު ދީފައި ވެއެވެ.
މި ކާނާތައް ކެއުމުން ދުރުހެލިވެއްޖެނަމަ ކެންސަރު ބަލި ޖެހުމުން ވަރަށް ބޮޑަށް ހަށިގަނޑު ދިފާއުވާނެކަމަށް ވެސް ތަޖުރިބާކާރުން ބުނެ އެވެ.
ކެންސަރު ޖައްސާ މައިގަނޑު ކާނާ ތަކުގެ ތެރެއިން ފުރަތަމަ އެއްޗަކަށް ސައިންސްވެރިން ފާހަގަކޮށްފައިވަނީ ޕޮޓޭޓޯ ޗިޕްސް އެވެ. އެކި ރަހަލާ އެކި ވެރައިޓީތަކުގެ ޕޮޓޭޓޯ ޗިޕްސް ދަޅުދަޅުގަޔާއި ޕެކެޓްގައި ބަންދުކޮށް ވިއްކަން ހުރެ އެވެ. މިއީ އަނގަޔަށް މީރު އެއްޗަކަށް ވާތީ ވަރަށް ގިނަ މީހުން އެއްވެސް ވިސްނާލުމަކާ ނުލާ މިތަކެތި ކައިބޮއި އަދި ދަރިންނަށް ވެސް ކާންދީ ހަދަ އެވެ. ނަމަވެސް ޕޮޓޭޓާ ޗިޕްސް އަކީ ކެއުން އެއްގޮތަކަށް ވެސް ރަނގަޅު އެއްޗެއް ނޫނެވެ. އެއީ ސެޗުރޭޓެޑް ފެޓްސް އާއި ޕްރިޒަވޭޓިވްސް އިން މުއްސަނދިވެފައިވާ ކާނާ އަކަށް ވާތީ އެވެ. ޗިޕްސްގައި އެކްރިލަމައިޑް ކެމިކަލް އެއް ހުރެ އެވެ. މި ކެމިކަލް ޗިޕްސްގައި އުފެދެނީ ޗިޕްސް މުރަނަކުރަން ބޭނުންކުރާ މަރުހަލާތަކުގައި ބޭނުންކުރާ މަތީ ޓެމްޕްރޭޗަރުގެ ހޫނުގެ ސަބަބުންނެވެ. މި ކެމިކަލްގެ އަސަރު ގިނަ ދުވަސްތަކަކަށް ހަށިގަނޑަށް ކުރަން ވެއްޖެނަމަ ކެންސަރަށް މަގުފަހިވުން އޮންނާނީ ވަރަށް ގާތުގަ އެވެ.
ހުދުކުލައިގެ ގޮދަން ފުށް
ގޮދަންފުށް ވިއްކާ މީހުން އެ ގަންނަ މީހުންނަށް އޮޅުވާލުމަށްޓަކައި ޕްރޮސެސްކޮށްފައި ހުންނަ ގޮވާމަކީ ހަށިގަނޑަށް ފައިދާ ހުރި އެއްޗެއްގެ ގޮތުގައި ބުނެދެ އެވެ. ނަމަވެސް ހަގީގަތަކީ އެއެއް ނޫނެވެ. ޕްރޮސެސް ކޮށްފައި ހުންނަ ފުށް ނުވަތަ ރިފައިންޑް ވައިޓް ފްލާ އަކީ ކެންސަރު ޖައްސާ އެއްޗެކެވެ. ސަބަބަކީ ފުށުގައި އެ ހުންނަ ހުދު ކުލަޔަކީ ކްލޮރިން ގޭހުން އަރާ ކުލަ ކަމަށް ވާތީ އެވެ. އަދި ހުދު ފުށުން ތައްޔާރުކުރާ ކާނާ ކެއުމުން ލޭގައި ހަކުރު އެކުލެވޭ މިންވަރު ވެސް މަތިވާނެ އެވެ.
ވެޖެޓެބަލް އޮއިލް
ތެލުލާފައި ހުންނަ ހެދިކާތައް ކެއުމަށް އަހަރެމެން ލޯބިކުރަމު އެވެ. އާއްމުކޮށް ހެދިކާ ތެއްލަން ނުވަތަ ކައްކަން ގިނަ މީހުން ބޭނުންކުރާނީ ވެޖެޓެބަލް އޮއިލް އެވެ. ގިނަ މީހުން ގަބޫލުކުރާ ގޮތުގައި ވެޖެޓެބަލް އޮއިލް އަޅައިގެން ތައްޔާރުކުރާ ކާނާ އަކީ ހަށިގަނޑަށް ފައިދާ ހުރި އެއްޗެކެވެ. ނަމަވެސް ހަގީގަތަކީ އެއެއް ނޫނެވެ. އެ ތެޔޮ ހާނާފައި ހުންނަނި ކެމިކަލް ޕްރޮސެސް އަކުންނެވެ. އަދި އެ ޕްރޮސެސް އަކީ އިންސާނާގެ ސިއްހަތަށް އިންތިހާއަށް ގެއްލުންހުރި ޕްރޮސެސް އެކެވެ.
ރެޑް މީޓް
ރެޑް މީޑްގެ ތެރޭގައި ހިމެނެނީ ގެރިމަސް، ބަކަރިމަސް، ކަންބަޅި މަސް އަދި އޫރު މަސް ފަދަ އެއްގަމު މަހެވެ. އަހަރެމެންނަކީ މުސްލިމުންނަށް ވާތީ އަހަރެމެން އޫރުމަހެއް ނުކަމު އެވެ. ނަމަވެސް ގެރިމަހާއި ކަންބަޅި މަސް އާދަކޮށް ކާ މީހުން ވަރަށް ގިނަ އެވެ. ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މި ބާވަތުގެ ރެޑް މީޓު އާދަވެ ކާނަމަ ކޮލޯން ކެންސާ، ޕެންކްރިއެޓިކް ކެންސާ އަދި ކޮލޮރެކްޓަލް ކެންސާ ޖެހުމަށް މަގުފަހިވާ ކަމަށް ޓައިމްސް އޮފް އިންޑިޔާގައިވާ މި ރިޕޯޓުގައި އިންޑިޔާގެ ކެންސަ ކައުންސިލް އާ ހަވާލާދީ ބުނެފައި ވެއެވެ.
ލޯ-ފެޓް ޕްރޮޑަކްޓްސް
"ލޯ-ފެޓް" ލޭބަލް ޖަހާފައިވާ ޕްރޮޑަކްޓްސްތަކަށް ސަމާލުވާށެވެ. މި ފަދަ ކާއެއްޗެތީގައި ކެމިކަލާއި އެޑިޓިވްސް ވަރަށް ގިނަވާނެ އެވެ. އާޓިފިޝަލް ސްވީޓްނާ އެސްޕާޓޭމް ވެސް މި ބާވަތުގެ އެއްޗެތީގައި ފޮނި ރަހަ ލައްވަން އަޅާފައި ހުރެ އެވެ. މިއީ ކެންސަރަށް މަގުފަހިކުރުވާ އެއްޗެކެވެ.