މަސްވެރިންގެ ޝަކުވާތައް އަޑުއަހާ މަސްވެރިންނަށް ވެފައިވާ ވައުދުތައް ފުއްދާދިނުން އަވަސް ކުރުމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ގޮވާލައިފި އެވެ.
މިއަދު ފާހަގަކުރަމުންދާ މަސްވެރިންގެ ދުވަހާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަސްވެރިންނާއި އޮޑިވެރިންނާއި މަސްވެރި އާއިލާތައް ތިބީ ހިތްދަތިކަމާއި މާޔޫސް ކަންމަތީ ކަމަށެވެ. މަސްވެރިން ބާނާ މަސް ނުކިރި އެތައް ދުވަހެއް ކިޔޫގައި މަސްކިރޭނެ ދުވަހެއްގެ އިންތިޒާރުގައި ރަށުން ބޭރުގައި ތިބެންޖެހުމާއި އެތައް ދުވަހެއް ކަނޑުމަތީގައި ހޭދަކޮށްގެން ބޮޑު ހަރަދުކޮށްގެން ބާނާ މަސްކޮޅު ނުކިރިގެން މަހަށް ނުފުރި ގިނަ ދުވަސްތަކެއް އާއިލާއާ ދުރުގައި ތިބެންޖެހުމާއި ކިރޭ މަސްކޮޅަށް ލިބެންޖެހޭ ފައިސާ ނުލިބި އެތައް ދުވަސްތަކެއް ވޭތުކުރަން ޖެހުމުން މަސްވެރި އާއިލާތައް ވަނީ ނިކަމެތިވެ ކަންމަތީ ފިހާރަތަކަށް ދަރަނިވެރިވެފައި ކަމަށް އެ ބަޔާނުގައިވެއެވެ.
"މަސްވެރި އއިލާތަކާ ސީދާ ގޮތުންނާއި ނުސީދާ ގޮތުން މަސްވެރިންގެ އެހީތެރިކަން ލިބޭ ދިވެހި އެތައް އާއިލާތަކެއް ވަނީ ނިކަމެތި ވެ ނުހަނު ހާލުގައި ޖެހިފައި. މިސަރުކާރުން ވެރިކަމަށް އައީ މަސްވެރިންނަށް ހަމަ އަގު ހޯދާ ދިނުމަށާއި މަސްވެރިޔާގެ ޖީބަށް ސީދާ ޑޮލަރު ލިބޭނެ ކަމުގެ ވައުދާއެކުގައި. ނަމަވެސް ސަރުކާރަށް ދެ އަހަރު ވީއިރު މަސްވެރިންވަނީ އިތުރަށް ނިކަމެތިވެފައި. ގޭދޮށު މަސްފެކްޓްރީއެއް އަދި ނެތް. މަސްވެރިންގެ ޕްލެޓްފޯމް ގާއިމްކުރެވޭނެ ކަމުގެ ޔަގީންކަމެއްވެސް ނެތް،"
މިއަދު ފެންނަމުންދަނީ މަސްވެރިންގެ މިންނަތް މަސައްކަތުން ބިނާކުރި މަސްވެރިކަމުގެ ސިނާއަތާއި އަދި އެހެނިހެން ހުރިހާ ކަމެއް ސަރުކާރުގެ ނާގާބިލް ކަމުގެ ސަބަބުން ބޮއްސުންލައިގެން ގޮސް ފެއިލްވެފައިވާ މަންޒަރު ކަމަށްވެސް އިދިކޮޅުގެ ބަޔާނުގައިވެއެވެ.
އެ ބަޔާނުގައި ވަނީ މަސްވެރިންގެ ހައްގު ހޯދުމަށާއި މަހަށް ހަމަ އަގު ހޯދުމަށް މިއަދު އުފެއްދި ބޮޑު ކަންނެލި މަސްވެރިންގެ ޖަމިއްޔާއިންނާއި އަދި މަސްވެރިން ގޮވާލަމުންދާ ގޮވާލުންތަކަށް އިޖާބަ ދިނުމަށް ސަރުކާރަށް އިލްތިމާސްކޮށްފައެވެ.