ވާހަކަ

ކާޝް

(16ވަނަ ބައި)

"އެމީހުންގެ ސޫރައަށް އަހަރުމެންނަށް ބަދަލުވެވުނީ އެމީހުން ހޭނެތުނީމަ. އެމީހުންގެ ބޮލުގައި އަހަރުމެން ފިރުމާލި ގޮތުން އެ ތިބީ ހޭނެތިފަ. ޚަބަރު ހުސްވެފަ." ވަރުޖީން ކިޔައިދިނެވެ.
"ދެން އެމީހުން ރަނގަޅުވާނީ ކިހިނެއް؟ ކީއްކުރަން އެމީހުންނަށް އެހެން ހެދީ؟"
"އަހަރުމެން މަރުވެއްޖެ ނަމަ ވަގުތުން ހޭއަރާނެ. އެހެންނޫނީ އަހަރުމެން އެމީހުންގެ ސިފައިން އެހެން ސިފައަކަށް ބަދަލުވާތާ ފަސް ގަޑީއިރުވީމަ ނޫނީ އެމީހުންނަށް ހޭވެރިކަމެއް ނުވާނެ. ކިތަންމެ ފަރުވާއެއް ދިނަސް އޮންނާނީ ކޯމާއެއްގަ އޮންނަހެން." ވަރުޖީން ލަސްލަހުން ބުނެލިއެވެ.
"ކަލޭމެން މިގެއަށް ވަނީ ކޮން ބޭނުމަކު؟" ނަޖުމާ ކުރިން ވެސް ކުރި ސުވާލު ތަކުރާރުކޮށްލިއެވެ.
"މިގޭގައި ހުރި ބާރުވެރިކަން ނައްތައިލާ، މިގޭ ތެރެއަށް ސާހިބާގެ މީހުންނަށް ފަސޭހައިން ވަދެވޭ ގޮތް ހަދަން. ސާހިބާ ބުނީ އަހަރުމެން މިގެއަށް ވަދެއްޖެ ނަމަ އެކަންވާނޭ. އަދި ބުނި މިއީ ނުރައްކާ ކަމެކޭ ވެސް. އެކަމަކު އަހަރުމެން އާއިލާއިން ބޭނުންވީ އަހަރުމެން ދެމީހުން މެދުވެރިކޮށް މިކަން ކޮށްގެން ބައްޕަ މިނިވަންކުރާން."

"ކަލޭމެންނަށް އެކަންވާނެތަ؟" ނަޖުމާ މަލާމާތުގެ ހިނިތުންވުމެއް ތުންފަތަށް ގެނުވިއެވެ.
"ނުވާނެ، އަހަރުމެންނަށް މިގެއަށް ވަދެވުނީ ވެސް އައިޝަމްގެ ފަހަތުން ވަނީމަ. މިގޭ މިހުންނަނީ ފާޑެއްގެ ގޮތެއް ހަދައިފަ ބަންދުކޮށްފަ. އަހަރުމެންނަށް މިގެއެއް ނުފެނޭ. އެކަމަކު މިގޭ ހުންނަނީ މިތަނުގައިކަން އެނގޭ. މިތަނަށް އައުމުން އަހަރުމެންނަށް މިގޭ ހިމެނޭ ސަރަހައްދު ފެންނަނީ ފުސް ގަނޑެއް ގޮތަށް. އެކަމަކު އައިޝަމްގެ ގައިގައި ބައްދައިލައިގެން އަހަރުމެން މިތަނަށް ތިރިވި ވަގުތު ސާފުކޮށް މިގޭގެ މަންޒަރު ފެނުނު. އައިޝަމް ފިޔަވަޅުތައް އަޅާއިރަށް މަންޒަރު ސާފުވޭ. އޭނާ ހިނގައިގަތް އިރަށް އެ މަންޒަރު ފެނުނު. އައިޝަމްގެ ފަހަތުން އެތެރެއަށްވަދެ އަހަރެން ބޭރު ބަލައިލިން. އަހަންނަށް ފެނުނީ އެތައް ހާސް ދޮރުތަކެއް އެކުގައި ލެއްޕުނުތަން. މާނައަކީ މިގޭ މިހުންނަނީ އަހަރުމެން ފަދަ މީހުންނަށް ނުފެންނާނެހެން ދޮރުތަކެއް ލައި ބަންދުކޮށްފައޭ." ވަރުޖީން އޮޅުން ފިލުވާދިނެވެ.

އޭނާ ނަޖުމާގެ ފައިބުޑަށް ތިރިވިއެވެ. އާދޭސްކުރާން ފެށިއެވެ. ސަލާމަތްކޮށްދިނުމަށް އެދިއެވެ. ނަޖުމާ އަސާގަނޑު ބިންމަތީގައި ޖަހައިލިއެވެ. ވަރުޖީން ބިރުން ތުރުތުރު އަޅައިގަތެވެ. އަނެއްކާ ވެސް ނަޖުމާ އަސާގަނޑު ބިންމަތީގައި ޖަހައިލިއެވެ. ވަރުޖީން ގައިން ވަރުދޫވާހެން ހީވާން ފެށިއެވެ. ތިންވަނަ ފަހަރަށް އަސާގަނޑު ބިންމަތީގައި ޖަހައިލިއެވެ. އެއާއެކު އަސާގަނޑު ޖެހުނުތަނުން ނޫކުލައި ބޮޅުތަކެއް އެނބުރޭންފެށިއެވެ. އެބޮޅުތަކުގެ ދެބައިހަމައިން ފެށިގެން އިތުރުބޮޅުތަކެއް އެނބުރެމުން އެ ބޮޅުތަކުގެ ބައްޓަން ފުޅާވަމުން ދިޔައެވެ. މަޑުމަޑުން މުށިގަނޑު މަތީން އެ ހަރަކާތްތައް ފުޅާވަމުން ގޮސް ވެއްޓިފައި އޮތް އައިޝަމްގެ މޫނަށް އެ ބޮޅުތަކުގެ ކުލަތައް ފޭދެން ފެށިއެވެ.

އައިޝަމްގެ އެސްފިޔަ ޖަހައިލިއެވެ. ދެ ފަހަރަކު އެހަރަކާތް ތަކުރާރުވިއެވެ. އޭނާގެ ލޯ ހުޅުވުނެވެ. ހީވަނީ އެތައް އަހަރަކު ބަލިވެ އުޅުމަށްފަހު އަލަށް ލޯ ހުޅުވާލިހެންނެވެ. ބަރުބަލިކަމާއެކު އޭނާ ދެ ލޯ ގަދަކަމުން ކަހަލަ ގޮތަކަށް ހުޅުވާލިއެވެ.

ނަޖުމާ ހަތަރުވަނަ ފަހަރަށް އަސާގަނޑު ތަޅުމުގައި ޖަހައިލިއެވެ. އަސާގަނޑުން މުށިގަނޑުގައި ޖެހުނު ތަނުން ރަން ކުލައިގެ ކުދިކުދި ބޯޅަތަކެއްފަދަ އެއްޗެހި ތަކެއް ބުރައިގެން ދިޔައެވެ. އެ ބޯޅަތަކުގެ މިސްރާބުހުރީ އައިޝަމާ ދިމާއަށެވެ. ހުރިހާ ބޯޅަތަކެއް އެއް ރޮނގަކަށް ތަރުތީބުވެގެން ގޮސް އައިޝަމްގެ ޒަޚަމުތަކުގެ ތެރެއަށް ފޭދިގެން ދިޔައެވެ. އިސާހިތަކު އެ ޒަޚަމުތައް ބެދުނެވެ. އައިޝަމް އެސްފިޔަ ޖަހައިލަމުން ތެދުވެ އިށީނެވެ.

ނަޖުމާ ބަލައިލީ އައިޝަމްގެ މޫނަށެވެ. އައިޝަމް ވެސް ބަލައިލީ ނަޖުމާގެ މޫނަށެވެ. އައިޝަމް މަޑުމަޑުން ތެދުވެ ހިންދެމިލިއެވެ. އޭރު ވަރުޖީންގެ މޫނުމަތީން ފެންނަމުން ދިޔައީ ހިތްދަތިކަމުގެ އަސަރުތަކެވެ. މާޔޫސްކަމުގެ ކުލަވަރެވެ. އޭނާގެ ދެއަތް ތުރުތުރުއަޅަމުން ދިޔައެވެ. ދެ ލޮލުން ކަރުނަތައް އޮހެން ފެށިއެވެ.

"ކަލޭއަށް މާފުދޭންވީތަ ނޫނީ ކަލޭއަށް އަދަބުދޭންވީތަ؟" ނަޖުމާ މޫނަށް ބާރުކޮށްލަމުން ދެ ލޯ ބޮޑުކޮށްލިއެވެ.
"މައާފުދީ. އާދޭސްކޮށްފަ ބުނަން، އަހަންނަށް މައާފުދީ." ވަރުޖީން ދެއަތުގެ ބަނޑުފުށް ޖައްސާލަމުން މައާފަށް އެދުނެވެ.
"ބަދަލުގައި އަހަރުމެންނަށް އޮތީ ކޮންކަމެއް؟ ކޮން މޮޅެއް؟" އައިޝަމް ދެއަތް ފުޅާކޮށްލިއެވެ.
ވަރުޖީން ބަލައިލީ އައިޝަމްއާ ދިމާއަށެވެ. އައިޝަމްގެ ފައިބުޑަށް ވަރުޖީން ތިރިވިއެވެ. އޭނާގެ ދެފައިގައި ހިފައިލަމުން އާދޭހުގެ ރާގުގައި ވާހަކަދެއްކިއެވެ.
"އަހަރެން މަދަދުވެރިކަން ލިބޭނެ. އައިޝަމްގެ މަގުސަދު ހާސިލުކުރުމަށް އެހީތެރިވެދޭނަން." ވަރުޖީން ބުނެލިއެވެ.
"އަމިއްލަ ސާހިބާއަށް ހަރާމްކޯރުވި މީހަކަށް އެހެން މީހުންނަށް ދެވޭނީ ކޮން މަދަދެއް؟ ވެވޭނީ ކޮން އެހީއެއް؟" ނަޖުމާ ރުންކުރު ރާގެއްގައި ބުނެލިއެވެ.
"ކޮބާ އަހަރެންގެ ބައްޕަ؟ ބައްޕަ ސަލާމަތް ކުރެވޭނީ ކިހިނެއް ކޮންގޮތަކަށް ކަންތައް ކޮށްގެން؟ މި ސުވާލަށް ޖަވާބު ނުދެވޭނަމަ ކަލޭއަށް ވެސް އޮތީ އެއް ހުކުމެއް." އައިޝަމް ހަރުކަށި ރާގެއްގައި ބުނެލިއެވެ.
"އިއުރާޒް ދޯ؟ އޭނާ އަދިވެސް ހުރީ ބަންދުގައި. އަހަރުމެންގެ ސާހިބާގެ ބެލުމުގެ ދަށުގައި. އެކަމަކު އޭނާއަށް ހަވާލުކޮށްފައިވަނީ ޒިންމާދާރު ވަޒީފާއެއް. މަސައްކަތްތަކެއް. އޭނާ އެ މަސައްކަތްތައް ފުރިހަމަ ކުރާން މަޖުބޫރުވޭ. އޭނާއަކީ އެމީހުންގެ ނަސްލުން ފާހަގަކޮށްލެވޭ މޮޅު ހުނަރުވެރިއެއް. އޭނާއަކީ އީޖާދީ މަސައްކަތް ކުރުމުގައި އަރާހުރި މީހެއް. އެހެންވެ ސާހިބާމެން އޭނާ ގެންގުޅެނީ އެމީހުންގެ ފުލް ކޮންޓްރޯލް އޮންނަ ލެބެއްގައި." ވަރުޖީން ބުނެލިއެވެ.

ނަޖުމާ ހިތްހަމަ ޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ. އޭނާ ބަލައިލީ އައިޝަމްގެ މޫނަށެވެ. އައިޝަމް ދެ އަތަށް ބާރުކޮށްލާ ދަތްކުނޑި ވިކައިލަމުން ދެދަތްޕިލައަށް ބާރުކޮށްލިއެވެ.

"އަހަރެންގެ ދެވަނަ ސުވާލުގެ ޖަވާބު ކޮބާ؟" އައިޝްމަ ދެވަނަ ސުވާލު ތަކުރާރުކޮށްލިއެވެ.
"ސަލާމަތްވުމަށް ދޮގުހެދުމާއި މަކަރު ހެދުމަކީ މިކަހަލަ މީހުންގެ އާދައެއް. އެއީ އަހަރެން ދަންނަކަމެއް." ނަޖުމާ ނިތަށް ދެތިން ރޫ އަރުވާލިއެވެ.
"ސާހިބާއަށް އެނގޭ ސާހިބާގެ ނަސްލު ނެތިކޮށްލާނީ، އެމީހުން ބާރު ދުއްވާލާނީ އައިޝަމްކަން." ވަރުޖީން ފުން ނޭވާއެއް ދޫކޮށްލިއެވެ.
"ކޮބައިހޭ އަހަރެންގެ ދެވަނަ ސުވާލުގެ ޖަވާބު؟" އައިޝަމް ރުންކުރު ރާގެއްގައި ބުނެލިއެވެ.
"އެމީހުން ބޭނުންވަނީ އިއުރާޒްގެ ޑީއެންއޭ ނަގައިގެން އައިޝަމްއާ ހަމަލާދޭނެ ވަރުގަދަ ބިޔަ ލަޝްކަރެއް އުފަންކުރުވަން. އެ މަސައްކަތް އެމީހުންދަނީ ކުރަމުން. މޮޑިފައިޑް ހައި ޖެނެޓިކް ސޯލްޖަރުންގެ ލަޝްކަރުގައި އެމީހުންނަށް އަދި އުފަންކުރެވުނީ ފަސް ވަރަކަށް މީހުން. ކޮންމެ މީހެއްގެ ވެސް އާދަޔާ ޚިލާފު ސިފައެއް ހުންނަ ގޮތަށް އެމީހުން ފައްކާކުރަނީ،" ވަރުޖީން ބަލައިލީ ސީދާ އައިޝަމްގެ މޫނަށެވެ. "އައިޝަމްއަށް ނޭނގުނަސް އައިޝަމްއަކީ ވަރަށް ބާރުގަދަ މީހެއް. އެއް ދުވަހުން އަނެއް ދުވަހަށް އައިޝަމަށް ލިބިފައިވާ ބާރުތައް ދަނީ އިތުރުވަމުން. ގިނަވަމުން. އެހެންވެ އެމީހުން އެކަމާ ވަރަށް ޖެހިލުންވޭ. ބިރު ގަނޭ."
"ކަލޭ ތިދައްކަނީ ފިލްމުތަކުން ފެންނަ ކަހަލަ ހިޔާލީ ވާހަކަތަކެއްނު. ކޮބާ ތިކަމުގެ ހެއްކަކީ؟" ނަޖުމާ ފުން ނޭވާއެއް ދޫކޮށްލިއެވެ.
"ދައްތައަށް ނޭނގުނަސް އައިޝަމަށް މިއީ ތެދެއްކަން އެނގޭނެ. ރާއްޖެއަށް ފާޅުވެގެން އުޅޭ ހީރޯއަކީ މިއީ." ވަރުޖީން ބަލައިލީ ސީދާ އައިޝަމްގެ މޫނަށެވެ.
"އެ ތެދެއް ދަރިފުޅާ؟" ނަޖުމާ ދެ ލޯ ބޮޑުކޮށްލިއެވެ.

ބަދަލުގައި އައިޝަމް މަޑުމަޑުން ބޯ ހަރަކާތްކޮށްލިއެވެ. އާއެކޭ ބުނުމުގެ ގޮތުންނެވެ. ނަޖުމާގެ ތުންފަތުގައި އާދަޔާ ހިލާފު ލުއި ހިނިތުންވުމެއް ދުވެލިއެވެ. ނަޖުމާ ހިނގައިގަތީ އައިޝަމާ ދިމާއަށެވެ. ނަޖުމާ ގޮސް އައިޝަމްގެ ގައިގައި އޮޅުލައިގަތެވެ.

"ﷲ ދަރިފުޅުން ހެޔޮ ގޮތް މިންވަރު ކުރައްވާނެ. މަންމަ މިއަދު ވަރަށް އުފާވެއްޖެ. ދަރިފުޅުގެ ސަބަބުން އެތައް ބައެއްގެ ފުރާނަތައް ސަލާމަތްވީތީ. ގައުމަށް ދިމާވާ ކޮންމެ ކަމެއްގައި ދަރިފުޅު އެހީތެރިވެދޭތީ." ނަޖުމާ ފެންކަޅިވިއެވެ.

ނަޖުމާގެ ފަހަތުން އައިޝަމް އަތް ޖައްސާލިއެވެ. އޭނާ ފިރުމައިލީ ނަޖުމާގެ ބޮލުގައެވެ. އިރުކޮޅެއް ވަންދެން އެ މަންޒަރު ތަކުރާރުވިއެވެ. އެ މަންޒަރު ބަލަން ވަރުޖީން ހުއްޓެވެ. ބުދެއްފަދައިންނެވެ. ހަރަކާތެއް ނެތިއެވެ.

"ކަލޭ އަދިވެސް އަހަރެންގެ ދެވަނަ ސުވާލުގެ ޖަވާބެއް ނުދެމެއްނު." އައިޝަމް ބަލައިލީ ސީދާ ވަރުޖީންގެ މޫނަށެވެ.
ނަޖުމާ ވެސް ފަސްއެނބުރި ބަލައިލިއެވެ. ވަރުޖީނާ ދިމާއަށެވެ.
"އައިޝަމްގެ ފައިގައި ހުރި ލަކުނު ތަކަކީ އެމީހުން އެންމެ ޖެހިލުންވާ ލަކުނުތައް. އެމީހުން ބޭނުންވަނީ އައިޝަމްގެ ފަޔަށް ގެއްލުންދޭން. އައިޝަމްގެ ސިކުނޑިއަށް ގެއްލުންދޭން. މި ދެ ތަނަށް ހަމަލާދޭނެ ފަސޭހަ ގޮތްތައް އެމީހުން އެދަނީ ރާވަމުން. އެ ފަދަ ޓެކްނޮލޮޖީ އެމީހުން ދަނީ އީޖާދުކުރަމުން." ވަރުޖީން ފުން ނޭވާއެއް ދޫކޮށްލިއެވެ.

ނަޖުމާ ބަލައިލީ ސީދާ އައިޝަމްގެ މޫނަށެވެ. އައިޝަމް ވެސް ބަލައިލީ ސީދާ ނަޖުމާގެ މޫނަށެވެ. އެއީ ތެދެއްހޭ އަހައިލާ ފަދަ ގޮތަކަށެވެ.

"އާ އެއްވެސް ވާހަކައެއް އަދި އަޑެއް ނީވޭ." އައިޝަމް ފޫހި ރާގެއްގައި ބުނެލިއެވެ.
"އަހަންނަށް އެނގޭ އައިޝަމްއަށް ހުރިހާ ކަމެއް މިކާޝް ކިޔައިދިންކަން. އަދި އެކަން އެމީހުންނަށް ވެސް އެނގޭ. މިކާޝްއަށް އެކަމުގެ އަދަބު ވެސް ދެވުނު. އޭނާ މިހާރު ފިލައިގެން މާލޭގައި އުޅޭކަން ވެސް އެނގޭ. އެކަމަކު އޭނާ ހިމާޔަތް ހޯދައިގެން އުޅެނީ އައިރީންގެ ފަރާތުން. އައިރީންގެ އަތުގައި އޮތް އަނގޮޓިން ނުކުތް އަލިކަން އޭނާގެ ޒަހަމުތަކަށް އެޅުނު ހިސާބުން އޭނާ ވަނީ ސާހިބާމެންނަށް ގެއްލިފަ. އެމީހުންނަށް އެއްގޮތަކަށް ވެސް އޭނާއެއް ނުފެނޭ. އަހަރުމެންނަށް ވެސް މިކާޝް ފެނުނީ އާޓިފިޝަލްގައި ތިއްބާ. ވަރަށް ހޯދަނިކޮށް، އެ މީހުން ތިބީ ވަރަށް އޮލަ ވާހަކައެއްގައި. އަހަރުމެން އަޑުއެހީ އެމީހުން ދެއްކި ވާހަކަ. އެ ދެމީހުންނަށް ބަދަލުވެގެން ނޫނީ މިގެއަށް ފަސޭހައިން ނުވަދެވޭނެކަން އަހަރުމެންނަށް ވިސްނުނީ." ވަރުޖީން ކުރިއަށް ޖެހިލިއެވެ.
"ދެން؟" އައިޝަމް ހިތް ތެޅިގަތެވެ.
"ހަގީގަތަކީ މިއީ. މިކާޝްއަކީ ނަޖުމާއާއި އިއުރާޒްގެ ދެވަނަ ދަރިފުޅު. އެއީ އައިޝަމްގެ ކޮއްކޮ، އެކަމަކު.." ވަރުޖީން ބަލައިލީ އައިޝަމްގެ މޫނަށެވެ.

އައިޝަމް ހިތް އަވަސްވެ މޭތެޅިގަތެވެ. އޭނާ ދެފަޔާއި ދެއަތް ތުރުތުރު އަޅައިގަތެވެ. ގައިން ދާހިތްލާ ގޮތްވިއެވެ. އޭނާ ދެ ލޯ ބޮޑުކޮށްލަމުން ވަރުޖީންގެ މޫނަށް ބަލައިލިއެވެ. އިތުރަށް އެ ވާހަކަ ނުދައްކާށޭ ބުނާފަދައަކުން ދެ ލޮލުން ހަރަކާތްކޮށްލިއެވެ.

"އެކަމަކު ކިހިނެއްވީ؟" ނަޖުމާ ހިތް ތެޅިގަތެވެ.
"އައިޝަމް އަކަށް ވެސް އަދި މިކާޝްއަކަށް ވެސް މިއީ ތެދެއް ކަމެއް، ހަގީގަތެއް ކަމެއް ނޭނގޭނެ." ވަރުޖީން ދެއަތުން ކަށި ގޮއްވާލިއެވެ.
"ކަލޭ ހަދަހަދައިގެން ވާހަކަ ފަތުރަނީތަ؟" އައިޝަމް ފަޟީހަތްވެދާނެ ކަމުގެ ބިރު ހީވާން ފެށިއެވެ.
"ޔަގީންކުރަން ނަޖުމާ ގާތު އަހައިބަލަ. ނަޖުމާއަށް ދެވަނަ ދަރިއަކު ލިބުނުތޯ، އެ ކުއްޖާއަށްވީ ކިހިނެއްތޯ؟ އަހައި އޮޅުން ފިލުވަބަލަ. ނަޖުމާ މިކަން އައިޝަމަށް ކިޔައިދީބަލަ."
"އަހަރެން ބޭނުންވަނީ އެ ދެ މީހުން މިގެއަށް ގެންނަން. ކަލޭއަށް އެކަން ކުރެވޭނެތަ؟ ކަލޭއަށް އެކަންވާނެތަ؟" އައިޝަމް ހިތްހަމަ ނުޖެހި ހުރެ ބުނެލިއެވެ.
"އާނ! ދީ ކުޑަ ވަގުތުކޮޅެއް. އެކަމަކު..،" ވަރުޖީން ވިސްނައިލިއެވެ. "އެކަމަކު އަހަންނަށް ދެން މިގެއަކަށް ނުވަދެވޭނެ. ވަދެވޭނީ އައިޝަމް އެކަން ކޮށްދިނީމަ. އަހަންނަށް ލޮކޭޓް ކުރެވެނީ މިހާ ހިސާބުގައި ގެ ހުންނަކަން. އަހަރުމެންނަށް ސާފުކޮށް މިގެ ހުންނަތަނެއް ނުފެނޭ. ފެންނަނީ ފުސްގަނޑެއް."
"އަހަރެން ކަލޭއާއެކު ހިނގައިދާނަން." އައިޝަމް ހިތްހަމަ ނުޖެހުނެވެ.
"ދަރިފުޅާ!" ނަޖުމާ ހިފައިލީ އައިޝަމްގެ މުލައްދަނޑީގައެވެ.
"މަންމާ ހާސް ނުވޭ." އައިޝަމް ފިރުމާލީ ނަޖުމާގެ ބޮލުގައެވެ.

އައިޝަމްއާ ވަރުޖީން ބޭރު ދޮރާ ދިމާއަށް ހިނގައިގަތެވެ. ނަޖުމާ ވެސް އެމީހުންގެ ފަހަތުން ހިނގައިގަތެވެ. ޓެރަހަށް ނުކުމެ އައިޝަމް ބަލައިލީ ނަޖުމާއަށެވެ. ނަޖުމާ ދެތުންފަތް ކައިރިކޮށްލަމުން ލުއި ގޮތަކަށް ހިނިތުންވެލިއެވެ. މޫނުމަތިން އުފާވެރިކަމުގެ ކުލަވަރު ފާއްދާލިއެވެ. އައިޝަމް މައްޗަށް އަތް ހިއްލައިލިއެވެ. އޭނާ މައްޗަށް އަރަންފެށިއެވެ. ފަހަތުން ވަރުޖީން ވެސް މައްޗަށް އެރިއެވެ.

ލޮލުކޮޅަށް ގެއްލެންދެން އެ މަންޒަރު ބަލަން ނަޖުމާ ހުއްޓެވެ. އެމީހުން ގޮސް ހުޅުލެއާ ވީކޮޅުން އޮބައިލިއެވެ. ނަޖުމާ ހިތްހަމަ ޖެހުމުގެ ނޭވާއެއް ބޭރުކޮށްލިއެވެ. ލަސްލަހުން އެސްފިޔަ ޖަހައިލިއެވެ. އަނެއްކާ ވެސް ފަޒާގެ ތެރެއަށް ކަޅި އުކަންފެށިއެވެ. ތަރިތަކުގެ ބެބުޅުންތައް އޭނާއަށް ސާފުކޮށް ފެންނަމުން ދިޔައެވެ. ގިނިހިލަތައް އެއްފަހަރާ އުދުހިގަތް މަންޒަރު އޭނާއަށް ފެނުނެވެ. އެކި ދިމަދިމާއިން ގިނި ހިލަތައް ދުވެ ނަގަމުން ދިޔަ ތަން ފެނުނެވެ. ނަޖުމާ ފަރުވާތެރިކަމާއެކު ބަލައިލީ ހުޅުލެއާ ދިމާއަށެވެ. އޭރު ގަދަ އަލިކަމެއް އެދިމާއިން ފަނޑުވަމުން ދިޔައެވެ. އެހެންވެ އޭނާ މޭ ތެޅިގަތެވެ. ހާސްވެ ކަންބޮޑުވާން ފެށިއެވެ. (ނުނިމޭ)