ހަބަރު

ޗައިނާގެ ދަރަނި ދެ އަހަރަށް ފަސްކޮށްދޭން ގޮވާލައިފި

ޗައިނާއަށް ރާއްޖޭން އަނބުރާ ދައްކަންޖެހިފައިވާ ދަރަންޏާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ޖަންގް ލިޖޮންގް އަނެއްކާވެސް ކޯޅުމަކަށް ގޮސްފައިވާއިރު، އެ ދަރަނިތައް ދެ އަހަރަށް ފަސްކޮށްދީގެން މެނުވީ ރާއްޖެއަށް އެ ދަރަނިތައް އަނބުރާ ނުދެއްކޭނެކަމަށް ނަޝީދު ވިދާޅުވެއްޖެ އެވެ.

ދަރަނީގެ ހިސާބުތަކާ ގުޅޭގޮތުން، ދެ ބޭފުޅުންގެ މެދުގައި އެންމެ ފަހުގެ ހިޔާލުތަފާތުވުން އުފެދިފައިވަނީ ކުރިއަށް އޮތް 14 ދުވަސްތެރޭ ޗައިނާގެ ބެންކުތަކުން ރާއްޖެއިން ނަގާފައިވާ ލޯނުތަކަށް 15 މިލިއަން ޑޮލަރު ދައްކަން ޖެހޭޭ ކަމަށް ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.

ނަޝީދު ވިދާޅުވެފައިވަނީ ކުރިއަށް އޮތް 14 ދުވަސްތެރޭ ޗައިނާގެ ބެންކުތަކުން ރާއްޖެއިން ނަގާފައިވާ ލޯނުތަކަށް 15 މިލިއަން ޑޮލަރު ދައްކަން ޖެހޭޭ ކަމަށެވެ. އަދި މިއީ މި މުއްދަތުގައި ރާއްޖެއަށް ލިބޭނެ އާމްދަނީ 50 އިންސައްތަ ފައިސާ ކަމަށެވެ. ނަޝީދު ވަނީ ކޮވިޑް-19 ގެ މި ހާލަތަށްފަހު ރާއްޖޭގެ އިގްތިސާދަށްވެސް ނޭވާލާން ފުރުސަތު ބޭނުންވާ ކަމަށް ވިދާޅުވެ ނުރުހުން ފާޅު ކުރައްވާފައެވެ.

ނަމަވެސް، ނަޝީދުގެ އެ ވާހަކަތައް ދޮގުކުރައްވައި، ސަފީރު ވިދާޅުވީ ބެންކުންތަކުން ހޯއްދެވި މައުލޫމާތުތަކުން ނަޝީދު ދައްކަވަަނީ ސައްހަ ވާހަކަތަކެއް ނޫންކަން ޔަގީން ކުރެވިފައިވާ ކަމަށެވެ.

އަދި ނަޝީދު އެ ވިދާޅުވާ އަދަދެއް ދައްކަންނުޖެހޭކަމަށްވެސް ބެންކުންތަކުން ހޯއްދެވި މައުލޫމާތުތަކާ ހަވާލާދެއްވައި، ސަފީރު އިތުރަށް ވިދާޅުވި އެވެ.

އޭގެ ފަހުން ސަފީރު ވަނީ ދަރަންޏާ ގުޅޭ ހިސާބުތަކުގެ އިތުރު "ހޯމްވާކް" ހައްދަވައި އެ މައުލޫމާތުތައް ހިއްސާކުރައްވައިފަ އެވެ.

މިގޮތުން، ސަފީރު ވިދާޅުވީ، މިއަހަރު ޗައިނާއަށް ދައްކަންޖެހޭކަމަށް ބުނެފައިވާ 1.7 މިލިއަން ޑޮލަރަކީ ސައްހަ އަދަދެއް ނަމަވެސް، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 1،530 ހައުސިން ޔުނިޓު ގާއިމުކުރުމުގެ މަޝްރޫއުއަށް ދައްކަންޖެހޭކަމަށް ބުނެފައިވާ 2.3 މިލިއަން ޑޮލަރަކީ ޗައިނާގެ ބޭންކަކަށް ދައްކަންޖެހޭ ފައިސާއެއް ނޫން ކަމަށާއި، އެއީ އެހެން ގައުމެއްގެ ބޭންކަކަށް ދައްކަންޖެހޭ އަދަދެއް ކަމަށެވެ.

މީގެ އިތުރުން، ސްޓެލްކޯ ޕްރޮޖެކްޓަށް އެންމެ އަވަހަށް ވެސް ފައިސާ ދައްކަންޖެހެނީ އަންނަ ޖެނުއަރީ މަހުގެ މެދު ތެރޭގައިކަމަށްވެސް ސަފީރު ވިދާޅުވި އެވެ.

ސަފީރުގެ ވާހަކަތަކާ ގުޅިގެން، ނަޝީދު ވަނީ ދަރަންޏާ ގުޅޭގޮތުން، ސަފީރު ދެއްވަމުން ގެންދަވާ އިސްކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ.

އަދި ރާއްޖެއާއި ޗައިނާއާ އޮތް ގުޅުމުގެ އަގު ވަޒަން ކުރައްވާކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ނަމަވެސް، އެންމެ ފަހު ވަގުތާ ޖެހެންދެން މަޑުނުކޮށް، ދަރަނީގެ މައްސަލަ އެކީގައި ހައްލުކުރުމަށް ނަޝީދު ވަނީ ގޮވާލައްވައިފަ އެވެ.

"ރާއްޖެއަށް އިތުރު ދެ އަހަރުގެ ގްރޭސް ޕީރިއަޑެއް އެބަ ބޭނުންވޭ. އެހެން ނޫން ނަމަ، މި ލޯނުތައް އަނބުރާ ދެއްކޭނެ އެއްވެސް ގޮތެއް ނޯންނާނެ،" ޗައިނާއަށް ދައްކަންޖެހޭ ދަރަންޏާ ގުޅޭގޮތުން ތަކުރާރުކޮށް އެކި ވާހަކަތައް ދައްކަވަމުން ގެންދަވާ ނަޝީދު ވިދާޅުވި އެވެ.

ނަޝީދު މީގެ ކުރިންވެސް ވިދާޅުވެފައިވަނީ 2013 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު ޗައިނާ އިން ރާއްޖެއަށް އިންތިހާއަށް ލޯނު ދީފައިވާއިރު، އޭގެ ތެރެއިން ގިނަ ލޯނުތަކުގެ ގްރޭސް ޕީރިޑް ހަމަވެ، އޭގެ ބޮޑު ބައެއް މިހާރު އަނބުރާ ދައްކަންޖެހިފައިވާ ކަމަށެވެ.

މިގޮތުން، އަންނަ އަހަރުގެ ބަޖެޓުގައި ގާތްގަނޑަކަށް 4.9 ބިލިއަން ރުފިޔާ ލޯނު އަނބުރާ ދެއްކުމަށް ހިމެނިފައިވާއިރު، އޭގެ 80 ޕަސަންޓް ވުރެ ގިނަ ފައިސާއަކީ ޗައިނާއަށް ދޭން ޖެހޭ ފައިސާ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.